ސަޢޫދީ ޢަރަބިއްޔާގެ ކަދުރު ބާޒާރުގެ ލަނޑުދަނޑިތައް ހާސިލުކޮށް ފުޅާކުރުމަށް ރިޔާޟްގައި އެގްޒިބިޝަނެއް ބާއްވާން ތައްޔާރުވަނީ

1 އަހަރު ކުރިން
|
0

އިންޓަނޭޝަނަލް ޑޭޓްސް ކޮންފަރެންސް އެންޑް އެގްޒިބިޝަން އޮންނާނީ "ވޯލްޑް އޮފް ޑޭޓްސް" މި ޝިއާރުގެ ދަށުން ނޮވެމްބަރު 19 އިން 28 އަށް ރިޔާޟް ފްރަންޓް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސެންޓަރުގަ އެވެ.

މި ހަރަކާތުގެ މަގުސަދަކީ ކަދުރު އުފެއްދުމާއި އެކްސްޕޯޓު ކުރުމުގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ އެއް ޤައުމުގެ ހައިސިއްޔަތުން މިހާރަށްވުރެވެސް ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށް ސަޢޫދީ ޕްރެސް އެޖެންސީން ބުނެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ޕާމްސް އެންޑް ޑޭޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި މައުރަޒުގައި 100 އަށްވުރެ ގިނަ ސަޢޫދީގެ އަދި ބައިނަލްއަޤްވާމީ އިދާރާތަކުން ބައިވެރިވާނެ ކަމަށް އެޖެންސީއިން ފާހަގަކުރެއެވެ.

މިއީ ކަދުރު ބޭނުންކޮށްގެން ތަފާތު އުފެއްދުންތައް ދައްކާލައި، ބައިނަލްއަގުވާމީ  ބާޒާރުތަކުގައި ސަޢޫދީގެ ތާރީޚު ޕްރޮމޯޓްކޮށް، މަޢުލޫމާތާއި ޢިލްމު ހިއްސާކުރުމާއި ކަދުރުގެ ބާޒާރު ފުޅާކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެކްޒިބިޝަނެއްކަމުގައިވެސް ސަޢޫދީ ޕްރެސް އެޖެންސީން ބުނެއެވެ.

މި ހަރަކާތަކީ ކަދުރުގެ ދަނޑުވެރިކަމާއި ކަދުރުން އުފައްދާ އުފެއްދުންތައް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަޢޫދީގެ އުފެއްދުންތަކުގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، ސަޢޫދީގެ ވިޝަން 2030 އާ އެއްގޮތްވާ ގޮތުގެ މަތިން އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ދާއިރާއެއްގެ ގޮތުގައި ކަދުރުގެ ދަނޑުވެރިކަމާއި އަދި ކަދުރު ހެއްދުމުގެ ދާއިރާ ހިމެނުމަށް ކުރެވޭ މަސައްކަތެކެވެ.

މި މައުރަޒުގައި ކިންގް ފައިސަލް ޔުނިވާސިޓީއާ ގުޅިގެން ސައިންޓިފިކް ކޮންފަރެންސެއް ވެސް އޮންނާނެ ކަމަށް އެސްޕީއޭ އިންވަނީ ބުންޏެވެ.

މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދަނޑުވެރިކަމުގެ އާދަތައް ރަނގަޅުކުރުމަށް ސްމާޓް ސޮލިއުޝަންތައް ގެންގުޅެ، ކަދުރުން ލިބޭ ޞިއްޙީ ފައިދާތައް ފާހަގަކޮށް، އީ-ކޮމާސް ބޭނުންކުރުމަށް ހިތްވަރުދީ، ސަޢޫދީ ޢަރަބިއްޔާގައި ކަދުރު އަދި ކަދުރުގެ ދާއިރާ ކުރިއެރުވުމަށް ލޯކަލް އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށެވެ.