ސަޢޫދީ ޢަރަބިއްޔާއަށް ވަގަށް އެތެރެކުރަން އުޅުން ދެ މިލިއަނެއްހާ ޑޮލަރުގެ މަސްތުވާތަކެއްޗާއި ވަގު ބޭސް އަތުލައިގައިންފި

1 އަހަރު ކުރިން
|
0

ދެ މިލިއަން ޑޮލަރުގެ ކެޕްޓަގަން މަސްތުވާތަކެއްޗާއި ލައިސަންސް ނެތް ގާތްގަނޑަކަށް ބައި މިލިއަން ޕްރެގަބަލިން އަދި ޓްރަމަޑޯލް ޕިލް އެތެރެކުރަން އުޅެނިކޮށް ސަޢޫދީ ޢަރަބިއްޔާގެ ކައުންޓާ ނާކޮޓިކްސް އޮތޯރިޓީން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފި އެވެ.

ޒަކާތު، ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ ޖިއްދާގެ "ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން" ގަވާއިދާ ހިލާފަށް މަސްތުވާތަކެއްޗާއި ލައިސަންސް ނެތް ބޭސްތަކެއް އަތުލައިގެންފައިވާ ކަމަށެވެ.

ޖިއްދާގެ އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެތެރެކުރަން އުޅުނު ގޭތެރޭގައި ބޭނުންކުރާ ސާމާނާއި މެއިލް ޕާރުސަލްތަކުގައި ފޮރުވާފައި ހުރި ދެ ލައްކަ ކެޕްޓަގަން ގުޅަ ހޯދާފައެވެ. މި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ވިއްކައިގެން ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރާއި ފަސް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޯދިދާނޭކަމަށް ލަފާކޮށްފައިވެއެވެ.

"އިންޓަނޭޝަނަލް ޖާނަލް އޮފް އެޑިކްޝަން ރިސާޗު" ގެ ދިރާސާތަކުން ދައްކާ ގޮތުގައި އެމްފެޓަމިންގެ ބާވަތެއް ކަމަށްވާ ކެޕްޓަގަން އަކީ މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ޒުވާން ފިރިހެނުންނާއި ޅުފުރާގެ ފިރިހެން ކުދިން ބޭނުންކުރާ މަސްތުވާ އެއްޗެކެވެ.

މިފަހަރު ކެޕްޓަގަން ސަޢޫދީއަށް އެތެރެކުރަން ކުރި މި މަސައްކަތަކީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުރި ދެވަނަ މަސައްކަތެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުން މިދިޔަ ބުދަ ދުވަހު ވަނީ 12 މިލިއަން އެމްފެޓަމިން ބޭހުގެ ޝިޕްމަންޓެއް އަތުލައިގައިންފައެވެ.