އީރާނުގެ އިސް ޑިޕްލޮމެޓަކު ޔުނައިޓެޑް ނޭޝަންސްގެ ނިއުކްލިއަރ އޭޖެންސީއާ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރުކަމަށާއި ނަމަވެސް ޕްރެޝަރ ކޮށް ބިރުދައްކައިގެން އެކަން ނުކުރެވޭނެކަމަށް ވިދާޅުވެއްޖެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤްޗީ ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ރަފައެލް ގްރޮސީއާ ޠަހްރާނުގައި މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާފައެވެ. އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ބައްދަލުވުމުގައި ހިނގި މުޢާމަލާތްކަކީ މުހިންމު މުޢާމަލާތްތަކެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އިސްލާމީއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރޮސީ ވިދާޅުވީ "ސަރަހައްދުގެ ސީރިއަސް ހާލަތްތަކަށް" ބަލާއިރު މަޝްވަރާތައް "ކާމިޔާބު" ކުރުމަށް އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އައިއޭއީއޭގެ ވެރިޔާގެ މި ދަތުރުފުޅަކީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަފުތާތަކެއް ކުރިން ކުރައްވާ ދަތުރުފުޅެކެވެ.
ޓްރަމްޕް ގެ ކުރީގެ ވެރިކަމުގައި އެމެރިކާ އިން ވަނީ 2015 ވަނަ އަހަރު އީރާނުގެ އިގްތިސާދާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލި އެއްބަސްވުމުން އެއްފަރާތްކޮށް ވަކިވެފައެވެ.
ޔޫރޭނިއަމް ފައްކާކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ސިއްރު މަސައްކަތެއްގެ ގޮތުގައި ހުޅަނގުން ދެކެއެވެ. ޠަހްރާނުން މިހާރު ދަނީ ނިއުކްލިއާ ބޮމަކަށް ބޭނުންވާ ގާތްގަނޑަކަށް 90 އިންސައްތައާ ގާތްކުރާ އަދަދަކަށް ޔޫރޭނިއަމް 60 އިންސައްތަ ފިސައިލް ޕިއުރިޓީއާ ހަމައަށް ތަރައްޤީ ކުރަމުންނެވެ.
ނަމަވެސް އީރާނުން ނިއުކްލިއާ ހަތިޔާރު އުދެއްދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ބުނެއެވެ. އެމީހުން ބުނަމުން ދަނީ ޔޫރޭނިއަމް ތަރައްޤީ ކުރަނީ ހަމައެކަނި މަދަނީ ހަކަތަ އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.
ގްރޮސީ ވިދާޅުވީ އީރާނުގައި މިވަގުތު ނިއުކްލިއާ ހަތިޔާރެއް ނެތް ނަމަވެސް އެ ގައުމުގައި ރައްކާކުރެވިފައިވާ ޔޫރޭނިއަމް ގިނަ ކަމަށާއި އޭގެން ހަތިޔާރު އުފެއްދުމަށް ބޭނުންކޮށްފާނެކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު