ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ! -މެޓް އޮފީސް-

1 އަހަރު ކުރިން
|
0

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)އިން ލަފާކޮށްފިއެވެ.

މެޓު އޮފީހުން ބުނީ، މި ދުވަސްވަރު ވާިއްސާރަކުރަމުން މިދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަނާއި ގުޅިގެން ކަމަށެވެ.

އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީގެ ހިތަދޫއަށް ކަމަށާއި، އެރަށަށް 110 މިލިމީޓަރަގެ ވާރޭ ވެހިފައިވާ ކަމަށް މެޓުންވަނީ ބުނެއެވެ.

ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓާއި ވައިޓް އެލާޓް ވެސް ވަނީ ނެރެފައެވެ. ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އިއްޔެ މެންދުރު 1 ޖެހުމާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައިވެއެވެ. މި ގަޑިތަކުގައި ބޯކޮށް ވާރޭވެހި ގުގުރާފާނޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެދާނޭ ކަމަށާއި، ކަނޑު ވެސް ގަދަވެދާނޭ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އަދި ހަމައެހެންމެ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް 1:30 އާ ހަމަޔަށް ވައިޓް އެލާޓް ނެރެފައިވެއެވެ.

އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ޤުދުރަތީ ކާރިޒާތަކާއި އިޚްތިޔާރުން ބޭރުން ލިބޭ ގެއްލުންތަކުގެ އަމާޒުފަތްގަނޑަކަށް ވުމުން މީހާ ސަލާމަތްވެގެން ހުރެވޭ އެންމެ ބޮޑު މިންވަރަަކަށް ސަލާމަތް ވެގެން ހުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އެއްގެ ގޮތުގައި ދެކެން ވާނެއެވެ. އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައި ލުމަކީ އިސްލާމީ ހަމަތަކާ އުޞޫލުތަކާ މުޅިން ޚިލާފު ކަމެކެވެ.