2.9 ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި

1 އަހަރު ކުރިން
|
0

2.9 ކިލޯގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ތައިލެންޑުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި 29 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ތައިލެންޑްގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑް (އޯއެންސީބީ) ގެ ސެކްރެޓަރީ ޖެނެރަލް, ޕޮލިސް ލެފްޓިނަންޓް ޖެނެރަލް ޕަނުރަތް ލަކްބޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރި މައުލޫމާތުންނެވެ.

އޯއެންސީބީން ބުނީ ދިވެހި މީހާގެ އަތުން އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ކަމަށެވެ. އެ އެތަކެތި އިނގިރޭސިވިލާތުން ތައިލެންޑަށް އެތެރެކުރީ ޕްރޮޓީން ސަޕްލިމެންޓް ދަޅަކަށް އަޅައިގެންކަމަށްވެސް އޭނާވަނީ ބުނެފައެވެ.

އަދި ތައިލެންޑުގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ މި މަސްތުވާތަކެތި ގެންދަން އުޅެފައިވަނީ އިންޑިއާގެ ބެންގަލޫރުއަށެވެ.

މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާގެ ތަފްސީލު ތައިލެންޑުގެ ކަމާއި ބެހޭ ފަރާތްތަކުން ހިއްސާކޮށްފައިނުވި ނަމަވެސް އޭނާ ހައްޔަރުކުރީ ސަޕްލިމެންޓް ދަޅު އަޅާފައި ހުރި ޕެކޭޖް ނަގަން ކޮރިއާ ފެސިލިޓީއަށް ގޮސްފައި ހުއްޓާ ކަމަށް ތައިލެންޑުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެ މީހާއާ ގުޅޭ އިތުރުން މައުލޫމާތު ފުލުހުން ހިއްސާނުކުރަނީ އެކަމުގައި ހިމެނޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާތީ އެވެ.

ޕަނުރަތް ވިދާޅުވި އެ އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ޖޫން މަހު ހިންގުނު އެހެން މަސްތުވާތަކެތީގެ ރެއިޑަކާ ގުޅިގެން ކަމަށެވެ.

އެ ރެއިޑްގައި ރަޝިއާގެ މީހަކު ޕޮލެންޑުން ފޮނުވާފައިވާ ކޮފީ ކެޕްސިއުލްތަކެއްގައި ފޮރުވާފައިވާ 840 ގްރާމްގެ މެފެޑްރޯނާއެކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.