ކެލިފޯނިއާގެ އެންސިނިޓާސްގެ ގޮނޑުދޮށަށް 10 ފޫޓުގެ މަހެއް ލައްގައިފި!

1 އަހަރު ކުރިން
|
0

ކާރިސާއެއްގެ ނިޝާނެއްކަމުގައި ބެލެވޭ މަދުން ފެންނަ މަހެއް ދެކުނު ކެލިފޯނިއާގެ އެންސިނިޓާސްގެ ގޮނޑުދޮށުން ފެނިފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މިއީ މިއަހަރު ތެރޭގައި މިސަރަހައްދުން މިބާވަތުގެ މަހެއް ފެނުނު ދެވަނަ ފަހަރެވެ.

މި "އޯފިޝް" އާންމުކޮށް ދިރިއުޅެނީ ކަނޑުގެ ވަރަށް ފުން ސަރަހައްދުތަކުގައެވެ. އެހެންކަމުން މިފަދަ މަހެއް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ވޭތުވެދިޔަ 120 އަހަރުގެ ތެރޭގައި ކެލިފޯނިއާގެ އައްސޭރިފަށުން މިފަދަ 20 ވަރަކަށް މަސް ފެނިފައިވެއެވެ.

ޖަޕާނުގެ އާދަކާދައިގެ ތެރޭގައި މިފަދަ މަހެއް ފެނުމަކީ ބިންހެލުމެއް ނުވަތަ ސުނާމީއެއް އަތުވެދާނެކަމުގެ ނިޝާނެއް ކަމުގައި ބެލެވެއެވެ. ނަމަވެސް ސައިންޓިސްޓުން ބުނާ ގޮތުގައި މިކަމުގެ ސައްހަކަން ސާބިތުކޮށްދޭ ހެއްކެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި މަސް ފެނުނީ ކަނޑުވެށީގެ ދަރިވަރެއް ކަމަށްވާ އެލިސަން ލަފެރިއަރ ގޮނޑުދޮށުގައި ހިނގާލަމުން ދަނިކޮށެވެ. ފެނުނު މަހުގެ ދިގުމިނަކީ ގާތްގަނޑަކަށް 10 ފޫޓެވެ. ނަމަވެސް މި ބާވަތުގެ މަސް އާންމުކޮށް 35 ފޫޓަށްވުރެ ދިގެވެ.

އޯޝަން ކޮންސަރވަންސީގެ މަސްވެރިކަމުގެ ސައިންޓިސްޓެއް ކަމަށްވާ މައިކަލް ޑްރެކްސްލަރ ވިދާޅުވި ގޮތުގައި މިފަދަ މަހެއް ގޮނޑުދޮށަކުން ފެނުމުގެ އެކި ސަބަބުތައް ހުރެދާނެއެވެ. އޭގެ ތެރޭގައި ކާނާ ހޯދުމަށް ނުވަތަ ބަލިވެގެން މަގު ގެއްލިގެން އައުން ހިމެނެއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ ކެލިފޯނިއާގައި ކާރިސާއެއް ހިނގާނެކަމުގެ ނިޝާނެއް ނޫނެވެ.