ހައްދުފަހަނަ އަޅާފައިވާ އިސްރާއީލގެ ނިރުބަވެރިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ ޖަރީމާތަށް ޑޮކިއުމެންޓްކުރަމުން ގެންދިޔަ ފަލަސްޠީނުގެ މަޝްހޫރު ނޫސްވެރިޔާ ހަސަން އިސްލީހް އިއްޔެ އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.
އިސްލީހް ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްގައި ހުންނަ ނާސިރް ހޮސްޕިޓަލަށް އިއްޔެ އިސްރާއީލު ސިފައިން ދިން ހަމަލާގައެވެ.
އިސްރާއީލު ސިފައިން އިސްލީހް ޝަހިދުކޮށްލާފައިވަނީ މިދިޔަ މަހުގައި އިސްރާއީލު ނަސީރް ހޮސްޕިޓަލުގެ ނޫސްވެރިންގެ ޓެންޓަކަށްދިން ޓެރަރިސްޓް ހަމަލާއެއްގައި އޭނާ ޒަޚަމްވެގެން ފަރުވާދިނުމަށް އެ ހޮސްޕިޓަލްގައި އޭނާ އެނދުމަތިކޮށްފައި އޮއްވައެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުގެ ހަގީގަތް ހާމަކުރާތީ އިސްރާއީލުން ވަނީ ޓެރަރިސްޓް ހަމަލާތައް ދީގެން ފަލަސްތީނުގެ އެތައް ނޫސްވެރިއަކު މީގެ ކުރިން ވެސް ޝަހީދުކޮށްލާފައެވެ.
ޣައްޒާގައި އިސްރާއީލު މިހާރު ހިންގާ ގަތުލުއާންމުތަކުގައި ވެސް އިސްރާއީލު ވަނީ 232އަށްވުރެ ގިނަ ނޫސްވެރިން ޝްހީދުކޮށްފައެވެ. މީގެތެރޭގައި ވެސް ގިނައީ ފަލަސްތީނުގެ ނޫސްވެރިންނެވެ. އަދި ހަމަ އެހެންމެ އިސްރާއީލު ޤަތުލުކުރި ނޫސްވެރިންގެ ތެރޭގައި ރޮއިޓާސް ފަދަ ބޭރުގެ ނޫސްއެޖެންސީތަކާއި ނޫސްތަކުގައި މަސައްކަތްކުރާ ނޫސްވެރިން ވެސް ހިމެނެއެވެ.