ޓެލް އަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަށް ހިޒްބުﷲއިން ހަމަލާދީފި

1 އަހަރު ކުރިން
|
0

ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުން ޓެލް އަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަށް ބުދަ ދުވަހު ހަމަލާދީފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން ހިޒްބުﷲ ޖަމާއަތުން އިއްޔެ ދިން މި ހަމަލާ އަމާޒުކޮށްފައި ވަނީ ތެލްއަވީވްގެ އަސްކަރީ މައި މަރުކަޒަށެވެ، މި ޙަމަލާގެ ސަބަބުން އެމަރުކަޒަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަަމަށް ވެސް ވަނީ ބުނެފައެވެ.

ހިޒްބުالله ޖަމާއަތުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޑްރޯން ބޭނުންކޮށްގެންނާއި ވައިގެ މަގުން އިސްރާއީލުގެ މައިގަނޑު އަސްކަރީ މުއައްސަސާތައް ހިމެނޭ ”ހަކިރިޔާ ބޭސް“އަށް ހަމަލާތަށް އަމާޒުކޮށްފައިވާ ކަމަށްށެވެ.

މި ހަމަލާދީފައިވާ އެ ތަނަކީ އިސްރާއީލުގެ ”މިނިސްޓްރީ އޮފް ވާރ އެންޑް ޖެނެރަލް ސްޓާފް، ވާރ މެނޭޖްމަންޓް ރޫމް، އަދި އެއާފޯސްގެ އަސްކަރީ ކޮންޓްރޯލް އެންޑް އޮވަރސައިޓް އޮތޯރިޓީގައި“ ޚިދުމަތް ކުރާ އަސްކަރީ މަރުކަޒެއް ކަމަށް ހިޒްބުﷲ ޖަމާޢަތުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ހިޒްބުﷲ ޖަމާޢަތުން ވަނީ އިސްރާއީލުގެ ”އަމޯސް ބޭސް“ ކަމަށްވާ ލޮޖިސްޓިކަލް ސަޕޯޓާއި ދަތުރުފަތުރުގެ މައިގަނޑު އަސްކަރީ މަރުކަޒަށް ވެސް ހަމަލާދީފައެވެ. އަދި މީގެ އިތުރުން ވެސް ހިޒްބުالله އިން ގެންދަނީ އިސްރާއީލުގެ އިތުރު އެހެން ޢަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާތަށް އަމާޒުކުރަމުންނެވެ. މީގެތެރޭގައި އިސްރާއީލުގެ ގޮލާނީ ބޭސް އަށް ދިން ޑްރޯން ހަމަލާ ހިމެނެއެވެ. މި ހަމަލާގައި އިސްރާއީލުގެ ނިރުބަވެރި ސިފައިންގެ 4 މީހުން މަރުވެ 100 އަށްވުރެ ގިނަ ނިރުބަވެރިން ވަނީ ޒަހަމްވެފައެވެ.

 އިސްރާއީލުގެ މައި މަރުކަޒަށް ހިޒްބުالله ޖަމާޢަތުން ދިން ހަމަލާއާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

ހިޒްބުاللهގެ ބަދަލު ހިފުމުގެ ހަމަލާ ދީފައި ވަނީ އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނަށް ހަމަލާދިންތާ ގަޑިއެއްހާއިރު ފަހުންނެވެ.

އެ ހަމަލާގައި ލުބުނާނުގެ 28 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ހިޒްބުއްﷲއިން އިސްރާއީލަށް މި ހަމަލާދީފައި ވަނީ ލުބުނާނުގެ ދެކުނުގައި އިސްރާއީލުގެ ސިފައިން ތިބި ގެއެއް އެ މީހުންގެ މައްޗަށް ވެއްޓި ނިރުބަވެރި ސިފައިންގެ 8 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން އިއުތިރާފުވެފައިވާ ދަނޑިވަޅެއްގައެވެ.

މާތް ﷲ ޕަލަސްޠީނުގެ ރައްޔިތުންނަށް އަވަސް ނަޞްރެއް ދެއްވާނދޭވެ!