އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

1 އަހަރު ކުރިން
|
0

ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ހަވާސާގައި ބޭއްވެވި އެ ބައްދަލުވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ސިޑްސް ގައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ އިން ކުރަމުން އަންނަ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ މާލީ އިދާރާތައް މި މަސައްކަތުގައި ޝާމިލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެފަރާތުން ވެސް އިތުރު އެެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުންނެވެ.