ދިވެހި ފުލުހަކު މަގުމަތީގެ އަމަން ބަލަހައްޓަނީ (ޕީއެސްއެމް ފައިލް ފޮޓޯ)
އއ. މަތިވެރީގައި އަންހެނަކަށް ބިރުދައްކައި ބްލެކް މެއިލްކުރި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
މިޑީއާތަކަށް މަޢުލޫމާތު ދެއްވަމުން އިއްޔެ ފުލުހުން ބުނުއްވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އ.އ. މަތިވެރި ޕޮލިސްޓޭޝަނުގައި މަސައްކަތްކުރާ އެ ރަށު ފަޒާގޭ، ޒައިދާން މުހައްމަދު (19) ކަމަށެއެވެ. ފުލުހުން ބުނުއްވީ ޒައިދާނަކީ ރޭކްރޫޓް ޕޮލިހެއް ކަމުގައެވެ.
އޭނާއަށް ތުހުމަތު ކުރެވެނީ، އޭނާ ލޯބީގެގޮތުން ގުޅިގެން އުޅޭކަމަށް ބުނާ އަންހެނަކަށް ބިރު ދައްކައި، އެ އަންހެނާގެ ވިޔާނުދާ މަންޒަރުތަކެއް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މިޑީއާގައި ބޭޒާރުކޮށްލާނޭ ކަމަށް ބުނެ އިންޒާރުދީ ބްލެކްމެއިލްކުރި ކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނުއްވައެވެ.
ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 13ވަނަ ދުވަހު ޒައިދާން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނުއްވައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އ.އ. މަތިވެރި ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ ތިން ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރައްވައިފައެވެ.
އިޖްތިމާޢީ ހަމަޖެހުން ގެއްލޭ މިފަދަ މައްސަލަތަކަކީ މީސްތަކުންގެ އީމާންކަމާއި ޢަޤީދާއާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަންކަމެވެ. އީމާންކަމުގެ ގޮތުން ބަލިކަށި ވުމާއި އަޅުކަމާ ދުރަށް ދެވުމުގެ ނަތީޖާއަކީ އަދަބު އަޚުލާޤާއި ރަނގަޅު ސުލޫކު މީސްތަކުންގެ ކިބައިން ފިލައިދާ ކަންކަމެވެ. ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން ލޯބީގެ ގޮތުން ކަމަށް ބުނެ އެކުވެ އުޅުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައި ވާ ކަންކަމެވެ. ކާވެނީގެ ބޭރުން ދެ ޖިންސުގެ މީހުން އެކުއުޅުމަކީ ޒިނޭއަށް މަގުފަހިވާ ކަމެކެވެ. ޒިނޭއާ ކައިރި ވެސް ނުވުމަށް މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި އަންގަވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު