ކުޑަޔަސް ބޮޑަސް ކޮންމެ ޢަމަލެއްވެސް ހިސާބުކުރެވޭނެ

9 ގަޑިއިރު ކުރިން
|
0

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ (7) وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ(سورة الزلزلة :8)

މާނައީ: ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.(7) 

އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.(8) 

ތަފްސީރުގައި ވަނީ:ފަހެ، ﴿مِثْقَالَ﴾ ވެލީގެ ޒައްރެއްގެ މިންވަރަށް ވެސް ހެޔޮކަމެއް ކޮށްފި މީހާއަށް، އޭގެ ދަރުމަ ޤިޔާމަތް ދުވަހު ލިބޭނެއެވެ. އަދި ވެލީގެ ޒައްރެއްގެ މިންވަރަށް ވެސް ނުބައިކަމެއް ކޮށްފި މީހާއަށް، އޭނާގެ ޢަމަލުގެ ޖަޒާ ލިބޭނެއެވެ. އިންސާނެއްގެ ޢަމަލު، ކިތަންމެ ކުޑަ ކަމުގައި ވިޔަސް، މާތް ﷲގެ ޙަޟްރަތުގައި ގެއްލިގެން ނުދާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَـٰسِبِينَ﴾ (އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ.) ފަހެ، ތިލަފަތްތައް ބަރާބަރެވެ. ޙިސާބުބައްލަވަނީ އެކަލާނގެ ޙަޟްރަތުގައި ޒައްރެއްގެ މިންވަރުވެސް ގެއްލިގެން ނުދާނޭ ޢަދުލުވެރި ނިޔާ ކަނޑައަޅުއްވާ ރަސްކަލާނގެއެވެ. މި ސޫރަތުގައި އައިސްފައި ވަނީ ބޮޑު ބިންހެލުމާއި، ޤިޔާމަތް ވުމުގެ ވާހަކައެވެ. މިވާހަކައާ ގުޅިގެން ހަނދާނަށް އައްނަނީ ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމުގައި ސާޅީސް ހާހަށްވުރެ ގިނަ މީހުން މަރުވެ އެތައްހާސް ގެއެއް ފުނޑުފުނޑުވެގެން ދިޔައެވެ. އެ ބިންހެލުން އައީ ހިޖުރައިން 1420 ވަނަ އަހަރުގެ ޖުމާދަލް އޫލާ މަހުގެ ހަތެއް ވީ އަންގާރަ ދުވަހުގެ ރެއެވެ. އެއީ މީލާދީ ސަނަތުން 1999 ވަނަ އަހަރެވެ. އެއީ ބިރުވެރިކަން ބޮޑު އުނދަގޫ ދުވަހެކެވެ. ޤިޔާމަތް ވީ ކަމުގައި މީސްތަކުން ހީކުރާ ހިސާބަށެވެ. އެ ދުވަހު އަހުރެން ބިންހެލުން އައި ސަރަހައްދުގައި ހުރީމެވެ. އޭރު އަހުރެން ދިޔައީ މި ތަފްސީރު ލިޔަމުންނެވެ. ބިންގަނޑު ހެލިގަތީ ވަރުގަދަ ހެލުމަކުންނެވެ. އަހަރުމެން ހީކުރީ މަރުވެ ނެތިދިއުމުގެ ވަގުތު އައިސް ޖެހުނީ ކަމުގައެވެ. އެހެންނަމަވެސް، މާތް ﷲ، އަހުރެން އެކަލާނގެ ފޮތަށް ކުރި ޚިދުމަތުގެ ބަރަކާތުން އަހުރެންނާ އަހުރެންނާ އެކު ތިބި މީހުން ސަލާމަތްކުރެއްވިއެވެ. އޭރު އަހުރެން މި ތަފްސީރު ލިޔެ ނިމެނީއެވެ. އެއީ އުނދަގޫ ދުވަހެކެވެ. އެދުވަހުގެ ހިތާމަ ބޮޑެވެ. މާތް ﷲގެ ފަޟްލުވަންތަކަމާއި، އެކަލާނގެ ދެއްވި ނިޢުމަތަށްޓަކައި އެކަލާނގެއަށް ޙަމްދު ހުށްޓެވެ. އެކަމުގައި ޢިބްރަތެއް ވެއެވެ. ކޮންފަދަ ޢިބްރަތެއް ހެއްޔެވެ؟ ﴿فَٱعْتَبِرُوا۟ يَـٰٓأُو۟لِى ٱلْأَبْصَـٰرِ﴾ (އޭ ބުއްދީގެ أهل ވެރިންނޭވެ! ފަހެ، ތިޔަބައިމީހުން عبرة ލިބިގަންނާށެވެ.) 

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.