ހަކަތައިގެ އަގު އިންތިހާއަށް އުފުލެނީ
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން

4 ގަޑިއިރު ކުރިން
|
0

ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީގެ އަގު ދެގުނަވެ، ހުރިހާ ގައުމެއްގައި ވެސް ގާތްގަނޑަކަށް ހަތްދިހަ އިންސައްތައަށްވުރެ މައްޗަށް އަގުތައް އުފުލިއްޖެ. މި އަހަރުގެ ކުރީކޮޅު ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ސައުދީ އަރަމްކޯގެ ކައްކާގޭހުގެ އަގު ކޮންމެ މަހަކު އުފުލެމުން އަންނަކަން ފާހަގަކުރެވޭ. ހާއްސަކޮށް މި ނޮވެމްބަރު މަހުގެ އަގު ވަރަށް ބޮޑަށް މަތިވެއްޖެއެވެ. އަގަށް މިހާ ބޮޑު ބަދަލެއް މި އައީ އެލްޕީޖީ އުފުލާ ބޯޓުތަކުގެ ފްރައިޓް ވެސް އިންތިހާއަށް ބޮޑުވުމުންނެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ސައުދީ އަރަމްކޯއިން މި ނޮވެމްބަރު މަހަށް އެލް.ޕީ.ޖީ (ކައްކާގޭހުގެ) ބޮޑޫކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީގެ އަގު ވޭތުވެދިޔަ އަހަރަށްވުރެ ބޮޑުތަނުން އުފުލުނީއެވެ.

ސައުދީ އަރަމްކޯއިން 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ކަނޑައެޅި އެލް.ޕީ.ޖީ ކޮންޓްރެކްޓް އަގުތަކަށް ބަލާއިރު، ޕްރޮޕޭން ޓަނެއްގެ އަގު ވަނީ 720 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި ބިއުޓޭން ޓަނެއްގެ އަގު ވަނީ 780 އެމެރިކާ ޑޮލަރަށް ބޮޑުވެފައެވެ. ސައުދީ އަރަމްކޯގެ މި ކޮންޓްރެކްޓް އަގަކީ މެދުއިރުމަތިން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް އެލް.ޕީ.ޖީ ފޯރުކޮށްދިނުމުގައި އަގު ކަނޑައެޅުމަށް ބޭނުންކުރާ މައިގަނޑު މިންގަނޑެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު 2026 އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަށް އެލް.ޕީ.ޖީ އެތެރެކުރުމުގެ އެއްބަސްވުންތަކުގެ އަގުތައްވެސް ކޮންމެ މަހަކު ކަނޑައަޅަނީ އަރަމްކޯގެ މި މިންގަނޑަށް ރިއާޔަތްކޮށްގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ކައްކާގޭސް ސަޕްލައިކޮށްދޭ ކުންފުނިތަކުގެ ބޯޓުފަހަރަށް ހޮރުމޫޒު ކަނޑުއޮޅި ބަންދުވުމާއި ގުޅިގެން ފްރައިޓުގެ އަގުވަނީ %200 އަށްވުރެ ބޮޑުވެފައެވެ.

ބާޒާރުގެ އަގުތަކަށް ބަލާއިރު، ފާއިތުވި އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހަށްފަހު، މި ނޮވެމްބަރު މަހަކީ ވިދިވިދިގެން އެލް.ޕީ.ޖީގެ އަގު އުފުލުނު ހަތަރުވަނަ މަހެވެ. މިއާ ޚިލާފަށް، 2025 ވަނަ އަހަރުގެ މި މުއްދަތުގައި އަރަމްކޯއިން ވަނީ އަގުތައް އެއްވަރެއްގައި ހިފަހައްޓައިފައެވެ.

ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި ނޮވެމްބަރުމަހު އަގު އުފުލިފައިވަނީ ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީ ލިބުން ދަތިވުމާއި، މޫސުމީ ބަދަލުތަކާއެކު މި ދުވަސްވަރު ހުޅަނގުގެ ގައުމުތަކަށް ފިނިމޫސުން ފެށުމާއި ގުޅިގެން އެލް.ޕީ.ޖީއަށްއޮތް ޑިމާންޑް އިތުރުވުމާ ގުޅިގެންނެވެ.