އިންސާނާގެ ހަޤީޤަތް

3 ގަޑިއިރު ކުރިން
|
0

يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَـٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍ (سورة الحج: 5)

މާނައީ: އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން ޝައްކެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ އަޞްލު) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (އާދަމުގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ރަޙިމްތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި أرذل العمر އަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ ޙަރަކާތްފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ. 

ތަފްސީރުގައި ވަނީ: 

ފުރަތަމަ ދަލީލާ ބެހޭގޮތުން އެކަލާނގެ ވަޙީކުރައްވަނީ ﴿يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَـٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ﴾ ތިޔަބައިމީހުން މަރުވުމަށްފަހު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ދިރުއްވާނެކަމާ މެދު ތިޔަބައިމީހުން ޝައްކުކުރާނަމަ، ތިޔަބައިމީހުން ފުރަތަމަ ހެއްދެވި ގޮތަށާއި، ތިޔަބައިމީހުންގެ އުފެދުން ފެށިގެން އައިގޮތަށް ބަލާށެވެ. ތިޔަބައިމީހުންގެ ބައްޕާ އާދަމް عليه السلام ހެއްދެވިއިރު ތިމަންރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ ވެލިންނެވެ. ދެން ތިޔަބައިމީހުން ހެއްދެވީ ނުޠުފާއަކުންނެވެ. އެއީ ކާނާއިން އުފެދިގެން އަންނަ މަނި ތިއްކެކެވެ. އެއީ ނިކަމެތި ފެނެކެވެ. ދެން ގަނޑު ލޭކޮޅަކުންނެވެ. އެއީ ރަޙިމުގައި ތަތްވެފައި ހުންނަ އެތިކޮޅެކެވެ. ދެން މުޟުޣާއިންނެވެ. އެއީ އިންސާނާ އެއްފަހަރު ހަފާލާ ވަރުގެ މަސްކޮޅެކެވެ. އެ މަސްކޮޅުގައި ސިފަފާޅުވެ ބޮލާއި އަތާއި ފައި ފަދަ ބައެއް ގުނަވަންތައް ފާޅުވުން އެކަށީގެން ވެއެވެ. ނުވަތަ ސިފަ ފާޅުނުވުންވެސް އެކަށީގެން ވެއެވެ. މި އާދަޔާޚިލާފު މޮޅު ގޮތަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ މަތިވެރިކަން ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށެވެ. ފުރާނައެއް ނެތް، ދިރުންނެތް އެއްޗެއްކަމުގައިވާ ވެލިން އިންސާނާ އުފައްދަވަން ކުޅަދުންވަންތަ ރަސްކަލާނގެ އިންސާނާ ފަނާވުމަށްފަހު އަލުން ދިރުއްވުމަށް ކުޅަދުންވަންތައެވެ. ދެން މި މަރްޙަލާތަކަށް (މަނި ތިއްކާއި، ގަނޑު ލޭކޮޅާއި، މަސްކޮޅު) ފަހު، ތިމަންރަސްކަލާނގެ ދިރުއްވައި އުފައްދަވަން އިރާދަކުރައްވާ އެއްޗެއް، ވިހާ ދުވަސް ޖެހެންދެން ރަޙިމުގައި ހަރުލައްވަމެވެ. އެއީ ނުވަ މަހެވެ. ދެން އެއަށް ފަހު ތިޔަބައިމީހުންގެ މައިންގެ ބަނޑުން ތުއްތު ކުދިންގެ ގޮތުގައި ތިޔަބައިމީހުން ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ގައިގެ ބާރު ފުރިހަމަވެ، ބުއްދި ފުރިހަމަވުމާއި ހަމައަށް ދެއެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި ޒުވާން ދުވަސްވަރު މަރުވާ މީހުން ވެއެވެ. އަދި أرذل العمر އަށް ދާމީހުން، އެބަހީ: މުސްކުޅިވެ ގައިބާރުދޫވެ، ވިސްނުން ކޮށިވެ، ބާރު ދެރަވެ، އެންމެ ބަލިކަށި ޙާލަށް ވާޞިލުވެ ޅަކުއްޖެއްގެ މިސާލަށް ދާމީހުން ވެއެވެ. ދެން އޭނާގެ ހަށިގަނޑާއި، އަޑުއިވުމާއި، ފެނުމާއި، ހުރިހާ ޙިއްސުތަކެއް ބަލިކަށިވެ، އޭނާ ކުރިން ކޮށްފައި ހުރި ކަންތައް ހަނދާން ނެތި، ކުރިން އެނގޭ ކަންކަމަށް އިންކާރުކޮށް، އޭނާ ކުރިން ކޮށްއުޅުން ކަންތައް ނުކުރެވޭ ޙާލަތަށް ދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ﴾ (ތިމަންރަސްކަލާނގެ އެމީހެއްގެ ޢުމުރު ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ ދައުރު ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟) މިއީ އިންސާނާގެ ޙާލެވެ. މަރުޙަލާތަކެއް ކަޑައްތުކުރެއެވެ. އޭނާ މި މަރުޙަލާތަކުގައި ހެއްދެވި ރަސްކަލާނގެ އޭނާ މަރުވުމަށްފަހު އަލުން ދިރުއްވަން ނުކުޅުދުންތެރި ވޭހެއްޔެވެ؟ އަލުން ދިރުއްވާނޭ ކަމުގެ ދެވަނަ ދަލީލަކީ ގަސްގަހާގެއްސެވެ. އެކަމަށް އިޝާރާތް ކުރައްވަމުން މާތް ﷲ ވަޙީކުރައްވަނީ ﴿وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجٍۭ بَهِيجٍ﴾ މާނައީ މުޚާޠަބުކުރެވޭ މީހާއެވެ! އަދި ބިންގަނޑު ހިކި މަރުވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ. އެތަނުގައި އެއްވެސް ދަނޑުގޮވާމެއް، އަދި ގަހެއް ނެތިއެވެ. ދެން ތިމަންރަސްކަލާނގެ ވާރޭވެއްސެވުމުން، އެބިން މަރުވެފައި އޮތުމަށްފަހު އެއަށް ދިރުން ލިބި، އިތުރުވެ، އެބިމުން ގަހާއި، މޭވާ ނުކުމެއެވެ. އަދި އޭގެ ސިފައާއި، ރަހައާއި، ވަސް ތަފާތުވުމާއެކު، އޭގެ ފަރިކަމާއި، ރީތި މަންޒަރުން ހިތްތަކަށް އުފާވެރިކަން ގެނެސްދޭ، ޙައިރާންވާހާ ގިނަ ވައްތަރުގެ މޭވާ ލިބެއެވެ. ފަހެ، ބިން މަރުވެފައި އޮތުމަށްފަހު އެއަށް ދިރުން ދިނީ ކޮންފަރާތެއް ހެއްޔެވެ؟

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.