ތިމާގެ އަމިއްލަ ނަފްސާއި ތިމާގެ އަހުލުވެރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ!

17 ގަޑިއިރު ކުރިން
|
0

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَـٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ(سورة التحريم: 6)

މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. 

ތަފްސީރުގައި ވަނީ: ނަރަކައިގެ ގަދަފަދައަށް އަނދާ އަލިފާނުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ސަލާމަތްކުރާށެވެ. އަދި ތިޔަބައިމީހުންގެ އަނބިދަރިން ޙިމާޔަތްކުރާށެވެ. އެއަލިފާނަކީ ދުނިޔޭގައި ލަކުޑި ދަރު އަންދައިގެން ރޯކުރާ ކަހަލަ އަލިފާނެއް ނޫނެވެ. އެއަލިފާނުގެ ދަރަކީ ހިލައާއި އިންސާނުންނެވެ. އެއީ ކުނިވެފައިވާ މުޅަ މަސްގަނޑަކަށްވުރެ ވަސް ނުބައި ބަޑިބޭހުގެ ހިލައާއި، އާދަމުގެ ދަރިންގެ ތެރެއިން ފާފަވެރި ކާފަރުންގެ ހަށިތަކެވެ. ދެން މާތް ﷲ ގެންނަވާފައި މިވަނީ ނަރަކައިގެ ބަނޑޭރިންގެ ގޮތުގައި ތިއްބަވާ ޒަބާނިއްޔަ މަލާއިކަތުންގެ ވާހަކައެވެ. އެކަލާނގެ ވަޙީކުރައްވަނީ ﴿عَلَيْهَا مَلَـٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴾ އަނދައަނދައި ހުންނަ އެ ނަރަކައިގެ ބަނޑޭރިންނަށް ތިބޭނީ ހިތްހަރު، ރަޙުމްކުރަން އެދުނަސް ރަޙުމްނުކުރާ މަލާއިކަތުންނެވެ. އެބޭކަލުން ހައްދަވާފައި ވަނީ ރުޅިވެރިކަމުން ކަމަށް ވެފައި، މީސްތަކުން ކާބޯތަކެއްޗަށް ލޯބިޖައްސަވާފައިވާފަދައިން ޢަޛާބަށް އެބޭކަލުން ލޯބިޖައްސަވާފައި ވާތީއެވެ. އެބޭކަލުން އެއްވެސް ޙާލެއްގައި މާތް ﷲ ގެ އަމުރުފުޅަށް ނުއުރެދެއެވެ. އަދި އެއްވެސް ފަސްޖެހުމެއް، ފަރުވާކުޑަކުރުމެއް ނެތި އެކަލާނގެ އަމުރުފުޅުތަންފީޒު ކުރެއެވެ. ޢިކްރިމާ ވިދާޅުވިއެވެ. "ނަރަކައިގެ ބަނޑޭރިންނަކީ މޫނު ކަޅު، ފޭރާދަތްތައް ކަޅު، އެބޭކަލުންގެ ހިތުން މާތް ﷲ ރަޙުމް ނަންގަވާފައިވާ، އެއިން އެއްވެސް ބޭކަލެއްގެ ހިތުގައި ރަޙުމުގެ ޒައްރެއްގެ މިންވަރުވެސް ނުވާ، ފާފަވެރި ކާފިރުންނަށް ޢަޛާބު ދީގެން އުފާލިބޭ މަލާއިކަތުންނެވެ." (ތަފްސީރު އިބްނިކަޘީރް، ސޫރަތުއް ތަޙްރީމް، އާޔަތް: 6) ދެން، ކާފަރުން ނަރަކައަށް ވަންނައިރު، އެބައިމީހުން ދެރަކޮށްލުމުގެ ގޮތުން އެބައިމީހުންނަށް ބުނެވޭނެއެވެ. 

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.