إِذْ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَـٰجِدِينَ(سُورَةُ يُوسُفَ: 4)
މާނައީ: ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަކުރާތީއެވެ.
ތަފްސީރުގައި ވަނީ: މިހާ ހިސާބުން މިފެށެނީ ޔޫސުފު عليه السلام ގެ ވާހަކައެވެ. މިވާހަކަ ފެށިފައި ވަނީ ޔޫސުފު އައްޞިއްދީޤު عليه السلام އަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ވާހަކައިންނެވެ. މާނައީ މުޙައްމަދު ﷺ އެވެ! ޔޫސުފު عليه السلام އެކަލޭގެފާނުގެ ބައްޕާ ޔަޢުޤޫބުގެފާނަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ. އޭ ތިމަންކަލޭގެފާނުގެ ބައްޕާއެވެ! އުޑުގެ ތަރިތަކުގެ ތެރެއިން އެގާރަ ތަރިއެއް ތިމަންކަލޭގެފާނަށް ސަޖިދައަށް ތިރިވާތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި އެތަރިތަކާއެކު އިރާއި، ހަނދު ސަޖިދަކުރާތަން ވެސް ދެކެވަޑައިގަތީމެވެ. އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފު عليه السلام އަށް މަތިވެރި ދަރަޖަ ލިބިވަޑައިގަންނަވާނޭ ކަމާއި، ރަސޫލުކަމުގެ ބުރަ އުފުއްލެވުމަށް އެކަލޭގެފާނުގެ ހުރިހާ އަޚުންގެ ތެރެއިން މާތް ﷲ އެކަލޭގެފާނު ހޮއްވަވާނެކަމާއި، އެކަލޭގެފާނުގެ ހުރިހާ އަޚުންނަށް ނުދެވޭ ހިސާބަށް ޝަރަފާއި، ޙިކްމަތުގައި މާތް ﷲ އެކަލޭފާނު ގެންދަވާނެކަން ޔަޢުޤޫބު عليه السلام އަށް ލިބިވަޑައިގެންފައިވާ ނަބީކަމުގެ ނޫރުން އެކަލޭގެފާނަށް އެނގިވަޑައިގެން، ޔޫސުފު عليه السلام ގެ އަޚުން އެކަލޭގެފާނާ މެދު ޙަސަދަވެރި ވެދާނެތީ ބިރުފުޅުގެންވަޑައިގަތެވެ. އަދި އެ ހުވަފެންފުޅުގެ ވާހަކަ އެބައިމީހުންނަށް ކިޔައިދެއްވުން އެކަލޭފާނަށް މަނާކުރެއްވިއެވެ.
މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން