ޝައިޠާނާ ޒީނަތްތެރިކުރާ ގޮތްތަކާއި މަގުތަކުން ނުހިނގާށެވެ.

14 ގަޑިއިރު ކުރިން
|
0

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴾ (النور: ٢١)
މާނައީ: 'އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ޝައިޠާނާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި ﷲގެ ފަޟްލުވަންތަކަމާއި، އެކަލާނގެ ރަޙުމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާ ނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކު ވެސް ފާފަތަކުން ޠާހިރުވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކު ޠާހިރުކުރައްވައި، ސާފުކުރައްވަތެވެ. ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ތަފްސީރުގައި ވަނީ: خطوات الشيطان އަކީ ޝައިޠާނާގެ ގޮތްތަކާއި މަގުތަކެވެ. މާނައީ ޝައިޠާނާ ތިޔަބައިމީހުންނަށް ގޮވާލައި، އަދި ތިޔަބައިމީހުންނަށްޓަކައި ޒީނަތްތެރިކުރާ ގޮތްތަކާއި މަގުތަކުން ތިޔަބައިމީހުން ނުހިނގާށެވެ. ޝައިޠާނާގެ ގޮތްތަކަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ތަބަޢަވާމީހާ ދަންނާށެވެ. ފަހެ، ޝައިޠާނާ އޭނާ މަގުފުރައްދައި އޮޅުވައިލާނެއެވެ. އަދި ކޮންމެ ހުތުރު ޢަމަލަކާއި މުންކަރާތަކަށް އަރައިގަތުމަށް އޭނާއަށް އަންގާނެއެވެ. މާތް ﷲ ތިޔަބައިމީހުންގެ މައްޗަށް ފަޟްލުވަންތަވެ ވޮޑިގެން، ތިޔަބައިމީހުންނަށް ތައުބާވުމުގެ ތައުފީޤު ނުދެއްވިނަމަ، ތިޔަބައިމީހުން ދުވަހަކުވެސް ފާފަތަކުން ޠާހިރުނުވީހެވެ. އެހެންނަމަވެސް، މާތް ﷲ އެކަލާނގެ ފަޟްލުވަންތަކަމާއި، ރަޙްމަތްވަންތަކަމުން، ފާފަތަކާއި ނުތާހިރުކަމުން ނަފުސުތައް ޠާހިރުކުރައްވައެވެ. މާތް ﷲއީ ތިޔަބައިމީހުންގެ ވާހަކަތައް މޮޅަށް އައްސަވައިވޮޑިގެންވާ، ތިޔަބައިމީހުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. މަސްރޫޤު ވިދާޅުވިއެވެ. "މީހަކު އިބްނު މަސްޢޫދުގެ އަރިހުގައި ދެންނެވިއެވެ. ތިމަން އަމިއްލަ ނަފުސުގެ މައްޗަށް ވަކި އެއްޗެއް ކެއުން ޙަރާމްކޮށްފީއެވެ. (އޭނާ އެއެއްޗެއްގެ ނަން ކިޔެވެ.) އެހިނދު އެކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ. ތިޔައީ ޝައިޠާނާގެ ވަސްވާސްތެރިކަމެވެ. ކަލޭގެ ހުވަޔަށް ކައްފާރާދީފައި، ނުކާން ބުނި އެއްޗެއް ކާށެވެ." ޤަތާދާ ވިދާޅުވިއެވެ. މާތް ﷲއަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ޝައިޠާނާގެ ވަސްވާސްތެރިކަމުގެ ތެރެއިން ކަމެކެވެ." 

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.