ދަރީންގެ ކިބައިގައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުން

15 ގަޑިއިރު ކުރިން
|
0

 ދަރީންނަކީ އަޅުގަނޑުމެންނަށް މާތް ﷲ ހަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. ވީއިރު އަޅުގަނޑުމެން މި އަމާނާތަށް ފުރިހަމައަށް ރައްކައުތެރިވާންޖެހެއެވެ. މި މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމަށް ޓަކައި ހެޔޮ ގޮތުގައި އެ ކުދީން ތަރުބިއްޔަތު ކުރާންޖެހެއެވެ. ރަނގަޅު ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމަށް ޓަކައި ކުރެވިދާނެ ކަންތައްތައް ވަރަށް ވެސް ގިނައެވެ. އެ ގޮތުން އެފަދަ އެއް ކަމަކީ އެ ކުދީންގެ ކިބައިގައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމެވެ. ފައިދާ ކުރަނިވި ރަނގަޅު މަޢުލޫމާތު ހިމެނޭ ފޮތްފޮތަކީ އެ ކުދީން ހެޔޮގޮތުގައި ތަރުބިއްޔަތުވުމަށް ވަރަށް ވެސް މުހިންމު ރޯލެއް ކުޅެދޭނެ ބައިވެރިއެކެވެ.

ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ ބާވައިލެވި އާޔަތް ފައްޓަވައިފައިވަނީ (اقْرَأْ) މި ފަދައިން ވަޙީ ކުރައްވަމުންނެވެ. މާނައީ: "ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ!" މި ކަމުން އެކަނި ވެސް ކިޔުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

ފޮތް ކިޔުމަކީ ކުދީންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށް ޖާހިލުކަމުގެ އަނދިރިކަމުން ޢިލްމުގެ އަލިކަމުގެ ތެރެއަށް ގެނެސްދޭ މުހިންމު ވަސީލަތެކެވެ. ޙަދީޘެއްގައިވާ ގޮތުން ޢިލްމު ހޯދުމަށް ޓަކައި މަގަކުން ހިނގައިފި މީހަކަށް، އެ ކަމުގެ ސަބަބުން ސުވަރުގެއަށް ދާނެ މަގެއް ﷲ އޭނާއަށް ފަސޭހަ ކޮށްދެއްވާނެއެވެ. ވީއިރު ފޮތް ކިޔަން އާދަކުރުމަކީ މި ކަމަށް އެޅިދާނެ ފަސޭހަ ފިޔަވަޅެކެވެ. ދީނީ ފޮތް ކިޔާން އާދަވެއްޖެ މީހެއްގެ ދީނީ ޢިލްމު ދުވަހުންދުވަހަށް އިތުރުވާނޭކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ކުދިން ފޮތް ކިޔަން އާދަކުރުވުމުގެ އަނެއް ބޭނުމަކީ ގެންލުން ހުރި ބޭކާރު ކަންކަމުގައި އެ ކުދީން ހޭދަކުރާ ވަގުތު މަދުކުރުވުމެވެ. ފޫހިވެގެން، ކުރާނެ ކަމެއް ނެތިގެން ލަވަ ބެލުމާއި، ކާޓޫނާއި ފިލްމު ބެލުމާއި، ގޭމު ކުޅުން މި ވަނީ ވަރަށް އާންމު ކަމަކަށް ވެފައެވެ. މި ކަމުގެ ސަބަބުން އެ ކުދީންގެ އުޅުމާއި އަޚްލާޤަށް ނޭދެވޭ އަސަރުތައް ކުރާލެއް ވަރަށް ވެސް ބޮޑެވެ. އަދި އެ ބަލަމުން ނޫނީ އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ނިދާއިރުގައްޔާއި ކާއިރުގައްޔާއި ފެންވަރާއިރުގައި ވެސް އޮންނަނީ އެ ބަލަން ޖެހިފައެވެ. މަންމައާއި ބައްޕައަށްވުރެ ވެސް ބޮޑަށް ލޯބިވަނީ އެ ބަލާ އެއްޗެއް ދެކެއެވެ. މި ގޮތުން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އެ ކުދީންނަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އަދި މި ކަމުގައި ގެއްލިގެން މި ދަނީ ކިހާ ގިނަ ވަގުތެއް ހެއްޔެވެ! މި ކަންކަމުން ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑެއް ނޫން ހެއްޔެވެ! އަދި އެފަދަ އެއްޗެހި ބެލުމަށް ދެވިހިފުމަކީ ޤުރުއާން ކިޔެވުމާއި ސުކޫލުގެ ފިލާވަޅުތައް މަތިން ވެސް އެ ކުދިން ފޫހިކޮށްލާ ކަމެކެވެ. މީގެ ބަދަލުގައި ފައިދާހުރި ރަނގަޅު ފޮތްތައް ކިޔާން އާދަވުމަކީ ކުއްޖާ ޤުރުއާން ކިޔަވަން ވެސް ގިނަ ފަހަރަށް ލޯބިޖެހޭނެ ކަމެކެވެ. އަދި ސުކޫލުގެ ފިލާވަޅުތައް ކިޔަން ވެސް ލޯބިޖެހޭނޭ ކަމެކެވެ. ފޮތް ކިޔުމުގެ ހަޤީޤީ ފޮނިމީރުކަމާއި ލައްޒަތު އިހުސާސްކުރެވޭނީ ކުއްޖާ އެ ކަން ކުރާހިތުން ކުރީމައެވެ. ކަމެއް ކުރަން ފަރިތަވެ އާދަވުމަކީ ގިނަ ފަހަރަށް އެ ކަމެއް ކުރާހިތްޖެހޭ ސަބަބެކެވެ.

އެހެންކަމުން ކުދިން ކުޑައިރުން ފެށިގެން އެ ކުދިންގެ އުމުރާއި ފެންވަރާ ގުޅޭނޭ ފަދަ ގޮތަކަށް ހަމަޖައްސައިގެން މަޑުމަޑުން އެ ކުދިން ފޮތްކިޔަން އާދަކުރުވޭތޯ މަސައްކަތް ކުރަންޖެހެއެވެ. އޭރުން އިރާދަކުރެއްވިއްޔާ އެ ކަން ވެގެންދާނީ އެ ކުދިންގެ ދުނިޔެއާއި އާޚިރަތުގައި ވެސް ފައިދާކުރާނޭ ކާމިޔާބު ހެޔޮ ޢަމަލަކަށެވެ.

މިއީ ދީނުގެމަގު 73ވަނަ ނަންބަރުގައި الشَّيْخ عَبْد الله حُسَيْن ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.