އަޅުގަނޑުމެން އިސްލާމީ އުންމަތުގައި ލެއްވީތީ މާތް ﷲއަށް ޙަމްދުކުރާށެވެ! ވަރަށް ގިނަ ކާފިރުން އެ ތިބީ އެ މީހުންގެ މިއްލަތުގައި އުފަލުން ހަމަޖެހިފައެވެ. ބާޠިލު ގޮވުންތަކާއި ބާޠިލު އިލާހުން ތަކަށް އަޅުކަންކުރުމުގައި އެ މީހުންގެ އުމުރު ހުސްކޮށްލަނީއެވެ. އަނެއް ބަޔަކު އެއްވެސް އިލާހަކު ނުވާ ކަމަށް ކުރާ ދައުވާގައި މުޅި ހަޔާތް ވެއަތުކުރަނީއެވެ. އަޅުގަނޑުމެން އިސްލާމީ އުންމަތުގައި ލެއްވީތީ އަދިވެސް އެއްފަހަރު މާތް ﷲއަށް ޙަމްދުކުރާށެވެ!
މާތް ﷲ ފިޔަވައި އެހެން އިލާހުންތަކަށް ގޮވާ މީހުންގެ އަމިއްލަ ނަފުސުތަކުގެ ހާލާ މެދު އެ މީހުން ނުވިސްނަނީ ބާއެވެ. އެ މީހުން އަޅުކަން-ކުރަނީ އެ މީހުންގެ އަމިއްލަ އަތްތަކުން ހިލަހިލަޔާއި ލަކުޑިކޮޅުކޮޅު ފާޑުފާޑު ބައްޓަމަށް ކޮށާމަށައިގެން ހަދާ ތަކެއްޗަށް، ބުދުތަކަށް ވިއްޔާއެވެ! އެ ތަކެއްޗަކީ އޭގެ ޒާތުގައި ވެސް އެއްވެސް އެއްޗެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ އެ މީހުންނަށެވެ. މި ފަހަކުން އަދި މާ ހެއްވާ މަޖާ މަންޒަރެއް ސޯޝަލް މީޑީއާއިން ފެނިއްޖެއެވެ. ކަލާނގެ ބަލިވެގެން، ބަލިބަލަން ޑަކްޓަރުން އައިސްގެން އުޅޭ މަންޒަރެވެ. ބައްޔަށް ޝިފާދެއްވަނީ ވެސް އެ މީހުންގެ ކަލާނގެތަކުގެ ތެރެއިން ކޮންމެސް އެއް ކަލާނގެ ކަން ޤަބޫލުކުރާ މީހުން މިހާރު އެ ތިބީ ކަލާނގެއަށް ބޭސްކުރާށެވެ!
އަވަހަށް "الحمد لله" ކިޔާށެވެ! މާތް ﷲގެ ބިމުގައި އެ އިލާހުގެ ދީން އުފުލާ ނެގެހެއްޓުމުގެ ފުރުޞަތު މިއަދު މި އޮތީ އަޅުގަނޑުމެންނަށެވެ. މިއީ ނަބިއްޔުންނާއި ރަސޫލުން ކުރެއްވި ބުރަ މަސައްކަތްޕުޅެވެ. އެބޭކަލުންނާ ﷲ ޙަވާލުކުރެއްވި އަމާނާތް އެބޭކަލުން ވަނީ އުފުއްލަވައިފައެވެ. މިއަދު އެ އަމާނާތް މި އޮތީ އަޅުގަނޑުމެންނަށެވެ. އެބޭފުޅުންނަށް އެ ޒިންމާ ޙަވާލުކުރެއްވި ގޮތަށް، ވަޙީގެ ޒަރީޢާއިން ހަވާލުނުކުރެއްވިޔަސް، އަޅުގަނޑުމެންނަށް ދަރީން ދެއްވައި، އެ ދަރިންގެ ތަރުބިއްޔަތާ މެދު ސަމާލުވުމަށް އަންގަވައިގެން، އަޅުގަނޑުމެންނާ ވެސް މި ވަނީ އެ އަމާނާތް ޙަވާލުކުރައްވައިފައެވެ. އިސްލާމީ ޖީލު ބިނާކުރުމުގެ އަމާނާތެވެ. އެ ކަން އެދެވޭ މިންވަރެއްގައި ކުރެވޭ ނަމަ އަޅުގަނޑުމެންނަށް ﷲގެ ދީން މަތިވެރި ކުރުމުގެ ޒިންމާ އަމާނާތްތެރިކަމާ އެކު އެބަ އުފުލެއެވެ. އެހެން ކަމަށް ވާ ނަމަ، އަދިވެސް އެއްފަހަރު މާތް ﷲއަށް ޙަމްދުކުރާށެވެ!
އަމާނާތާ ހަވާލުވީ އަޅުގަނޑުމެންނެވެ. "ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަ-ތަކަށް ތިމަންރަސްކަލާނގެ އަމާނާތް (އެބަހީ ތަކުލީފު) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެ ކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެ ކަމާމެދު އެ ތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އެ އަމާނާތް އުފުލިއެވެ." (އަޙްޒާބު: 28)
މިއީ ދީނުގެމަގު 290ވަނަ ނަންބަރުގައި الشَّيْخ مُحَمَّد أَفْضَل ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު