ބިމުގައި ޝިރުކު ފެށުނު ގޮތް

3 ގަޑިއިރު ކުރިން
|
0

އާދަމުގެދަރީންގެ އަސްލަކީ ތައުޙީދެވެ. އަދި އެއީ ﷲتعالىފޮނުއްވި ރަސޫލުންނާއި ނަބީއްޔުންގެ ދޫފުޅުތަކުން އާދަމުގެދަރިންނަށް މާތް ﷲ ކުރެއްވި އަމުރުފުޅުތަކުގައިވާ ފަދައިން، އެބައިމީހުން ހެއްދެވި މަޤްޞަދެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ﴾ (الأعراف: ٥٩)މާނައީ: "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ."

މީސްތަކުން ތިބީ މި އަޞްލުގެ މަތީގައެވެ. އެންމެން ވެސް ތިބީ އިސްލާމްދީނާއި، ތައުޙީދާއި، އިޚްލާޞްތެރިކަމާއި، ފިޠުރަތާއި، އިސްތިޤާމަތުގެ މަތީގައެވެ. އެބައިމީހުންގެ އުންމަތަކީ އެއް އުންމަތެކެވެ. ދީނަކީ އެއް ދީނެކެވެ. އަދި އަޅުކަންކުރާ އިލާހަކީ އެއް އިލާހެކެވެ. އެއީ އަހަރެމެންގެ ބަފައިކަލުން، ﷲގެ ނަބިއްޔާ އާދަމް ޢަލައިހިއްސަލާމުން ފެށިގެން، ﷲގެ ރަސޫލާ ނޫޙް ޢަލައިހިއްސަލާމްގެ ޒަމާނާ ގާތްވަންދެނެވެ. އެންމެން ވެސް ތިބީ ހިދާޔަތާއި ޙައްޤު ޝަރީޢަތުގެ މަތީގައެވެ.

އެއަށްފަހު، ޝިރުކުގެ ޢަމަލުތައް އެންމެ ފުރަތަމަ ފެށިގެން އައީ ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައެވެ. އެއީ ދުނިޔެ ދޫކޮށްފައިވާ ޞާލިޙު އަޅުތަކުންނާމެދު އެ މީހުން ހައްދުފަހަނަޅައި-ދިއުމުގެ ސަބަބުންނެވެ. އަދި ހަމައެއާ އެކު ޝައިޠާނާގެ މަކަރުވެރިކަމުގެ ތެރެއިން، ތައުޙީދާއި ޢަޤީދާގެ ކަންކަމުގައި ނަބީބޭކަލުން ކުރެއްވި އަމުރުފުޅުތަކަށް ތަބާވުން ދޫކޮށްލުމުގެ ސަބަބުންނެވެ. މަރުވެފައިވާ މީހުންނަށް މާތްކޮށްހިތައި މަތިވެރިކުރުމުގެ ނަމުގައި އެ މީހުންނަށް އަޅުކަންކުރުމުގެ ދަންތުރައަށް، ޝައިޠާނާ އެ ބައިމީހުން ވައްޓައިލިއެވެ. އެ ހިސާބުން މީސްތަކުން ދެ ބަޔަކަށް ބެހިގެންދިޔައެވެ. މުވައްޙިދުންނާއި (އެބަހީ: އެއްކައުވަންތަ އިލާހަށް އަޅުކަންކުރާ މީހުންނާއި) މުޝްރިކުންނެވެ.

މިފަދައިން، ރަސޫލުންނާއި ނަބީއްޔުންގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުން އެއްކިބާވުމުގެ ސަބަބުން އެބައިމީހުންގެ މެދުގައި ދެއްބަސްވުމާއި ބައިބައިވުން އުފައްދައި، ޝައިޠާނާ އެބައިމީހުންގެ ހިތްތަކުގެ ތެރެއަށް ވަދެގަތެވެ. އަދި އެބައިމީހުންގެ ތެރެއިން އިސްވެ ގޮސްފައިވާ ޞާލިޙު އަޅުތަކުންނަށް ޤަދަރު އިޙްތިރާމު އަދާކުރުމަށް ވިސްނައިދީ، އެ މީހުންގެ މަޤުބަރާތަކުގެ ކައިރީގައި އަޅުކަން ކުރަންދެން މީސްތަކުން މަގުފުރެއްދިއެވެ. ދެން އެ ހެޔޮލަފާ މީހުންނަށް މާތްކޮށް ހިތައި އެ މީހުންގެ ޒިކުރާ އާކުރުމުގެ ނަމުގައި އެ މީހުންގެ ސޫރަ އާއި ބުދުތައްހެދުމަށްވިސްނައިދިނެވެ.އެއަށްފަހުކަންކަމަށް އެދުމާއި އެ ބުދުތަކުގެ ކައިރީގައި އަޅުކަންކުރުމަށް ވަސްވާސްދިނީއެވެ. އެހެންކަމުން، އެންމެ ފުރަތަމަ ޝިރުކުކުރި މީހުންނަކީ ނޫޙުގެފާނުގެ ޤައުމުގެ މުޝްރިކުންނެވެ. އަދި އެބައިމީހުންގެ މި ޝިރުކަކީ "މަރުވެފައިވާ މީހުން މަތިވެރިކުރުމެވެ." މިއީ ބިމުގައި އުފެދުނު އެންމެ ފުރަތަމަ ޝިރުކެވެ. އަދި މިއީ ދުނިޔެއަށް ތަޢާރަފުވި، ﷲއަށް ކުރެވުނު އެންމެ ފުރަތަމަ ޝިރުކެވެ. އަދި ނޫޙު ޢަލައިހިއްސަލާމަކީ މުޝްރިކުންގެ ގާތަށް ފޮނުއްވުނު އެންމެ ފުރަތަމަ ރަސޫލާއެވެ.

މިއީ ދީނުގެމަގު 274ވަނަ ނަންބަރުގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.