އާޔަތުލް ކުރުސީގެ ރީތިކަމާއި މަތިވެރިކަން

1 ހަފްތާ ކުރިން
|
0

ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް ﷲ ފޮނުއްވެވި ހިދާޔަތުގެ ނޫރެކެވެ. އެ ފޮތުގެ ކޮންމެ އާޔަތަކާއި އަކުރަކީ ވެސް މުޢުޖިޒާތެކެވެ. އެ ހުރިހާ އާޔަތްތަކެއްގެ ތެރެއިން ވެސް އެންމެ މާތްވެ މަތިވެރިވެގެން ވާ އާޔަތަކީ "އާޔަތުލް ކުރުސި"އެވެ. އެއީ "سَيِّدُ الْآيَاتِ الْقُرْآنِ" (ޤުރުއާނުގެ އާޔަތްތަކުގެ ސާހިބާ)ގެ ލަޤަބު ދެވިފައި ވާ އާޔަތެވެ. މި އާޔަތް އޮންނަނީ ބަޤަރާ ސޫރަތުގެ 255 ވަނައަށެވެ. މި އާޔަތުގައި ތައުޙީދުގެ ފިލާވަޅުތަކާއި ﷲއަށް ލިބިވޮޑިގެންވާ އެންމެ ރިވެތި ނަންފުޅުތަކާއި ސިފަފުޅުތައް ވެސް ހިމެނެއެވެ.   

އާޔަތުލް ކުރުސީގެ މާތްކަން އުނގަންނަވައި ދެއްވުމުގެ ގޮތުން ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، އުބައްޔު ބިން ކަޢުބު رَضِيَ اللهُ عَنْهُއާ ސުވާލުކުރެއްވިއެވެ. "އޭ އަބުލް މުންޛިރެވެ! ތިބާގެ ނަޒަރުގައި ﷲގެ ފޮތުގައި އޮތް އެންމެ މަތިވެރި އާޔަތަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ދެންނެވިއެވެ. "ﷲއާއި އެކަލާނގެ ރަސޫލާ ދެނެވޮޑިގަތުން ބޮޑެވެ." ދެން އެކަލޭގެފާނު ހަމަ އެ ސުވާލު ތަކުރާރު-ކުރެއްވުމުން އަޅުގަނޑު ދެންނެވީމެވެ. "اللهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ" (އާޔަތުލް ކުރުސި)އެވެ. ދެން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަޅުގަނޑުގެ މޭގައި ޖައްސަވައިލައްވައިފައި ޙަދީޘްކުރެއްވިއެވެ. «واللهِ ليَهْنِكَ العِلمُ أبا المُنذِرِ» "އޭ އަބުލް މުންޛިރެވެ! ކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމަށް ޓަކައި މަރުޙަބާއެވެ!" (ޞަޙީޙް މުސްލިމް: 810)

އާޔަތުލް ކުރުސީގެ މަތިވެރިކަން އެނގޭ އެއް ކަމަކީ ފަރުޟު ނަމާދުގެ ފަހުގައި އެ އާޔަތް ކިޔަވާ މީހާއަށް ލިބޭނެ ކަމަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި އަޖުރުގެ މަތިވެރިކަމެވެ.  އަބުލް އުމާމާ އަލް ބާހިލީގެ އަރިއަހުން އިބުނު ޙިއްބާނު ރިވާކުރެއްވިއެވެ. «مَن قرأَ آيةَ الكرسيِّ دبُرَ كلِّ صلاةٍ مَكْتوبةٍ، لم يمنَعهُ مِن دخولِ الجنَّةِ، إلَّا الموتُ» މާނައީ: "ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލް ކުރުސި ކިޔަވައިފި މީހަކު، ސުވަރުގެ ވަނުމަށް އޮތް ހަމައެކަނި ހުރަހަކީ އޭނާގެ މަރެވެ."

ޞަޙީހުލް ބުޚާރީގައި ރިވާވެގެން ވެއެވެ. ޒަކާތަށް އެއްކޮށްފައިހުރި ތަކެތި ބަލަހައްޓަވަމުން އަބޫހުރައިރަތުގެފާނު ގެންދެވިއިރު އެއިން ވައްކަން-ކުރަނިކޮށް ހިފެހެއްޓި ވަގުކަލޭގެ (ޝައިޠާނާ) ބުންޏެވެ. "ކަލޭގެފާނު އަވަހާރަފުޅަށް އޮށޯންނަވާއިރު އާޔަތުލް ކުރުސި ކިޔަވާވިދާޅުވާށެވެ. އޭރުން ހެނދުނުވަންދެން ﷲގެ ފަރާތުން ރައްކާތެރިކަމެއް ލެވިގެންވާނެއެވެ. އަދި ޝައިޠާނަކަށް ކަލޭގެފާނާ ގާތެއް ނުވެވޭނެއެވެ." ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ؛ "އޭނާއީ ދޮގުވެރިއެއް ކަމަކު މި ފަހަރު އޭނާ އެ ބުނީ ތެދެކެވެ." (ބުޚާރީ: 2311)

އާޔަތުލް ކުރުސީގެ މާތްކަމާއި މަތިވެރިކަމުގެ ތެރެއިން ބަޔާން މި ކުރެވުނީ ކުޑަ މިންވަރެކެވެ. އަޅުގަނޑުމެން މި އާޔަތް ދަސްކޮށް އޭގެ މާނައަށް ވިސްނައިފި ނަމަ އޭގެން ވަރަށް ގިނަ ޢިބުރަތް ލިބޭނޭ ކަން ކަށަވަރެވެ. 

މިއީ ދީނުގެމަގު 278ވަނަ ނަންބަރުގައި الشَّيْخُ مُحَمَّدُ أَفْضَلْ ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.