މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا﴾ (الكهف: ٥٤) މާނައީ: "އަދި ޖަދަލުކުރުން ގިނަ މީހަކު ކަމުގައި އިންސާނާ ވިއެވެ." އިންސާނާއަކީ ޖަދަލުކުރާހިތްވާ މީހެއް ކަމަކު، އެއީ ނުރަނގަޅު ސިފައެކެވެ. އެ ކަމުން ސަލާމަތްވޭތޯ ނަފުސާ އިދިކޮޅަށް ޖިހާދުކުރުމީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ނަފުސަށް ޓަކައި އަދާކޮށްދޭން ޖެހޭ ޙައްޤެކެވެ.
މުސްލިމެއްގެ ޙައިޘިއްޔަތުން މި ފަދަ ކަންކަމުން ރައްކާތެރިވުމަށް ރެޔާދުވާލު ކުރެވިދާނެ ކަންކަމުގެ އެތައް އިރުޝާދެއް ނައްޞުތަކުގައި ބަޔާންވެ އައިސްފައި ވެއެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ» (البخاري :6475) މާނައީ: "ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ، ފަހެ އޭނާ ހެޔޮބަސްބުނާށެވެ. ނޫން ނަމަ ހަނުހުންނާށެވެ." އަޅުގަނޑުމެންގެ ކުރިމަތީގައި އެތައް ވާހަކައެއް ދެކެވޭނެއެވެ. ދައްކާ ކޮންމެ ވާހަކައަކާއި އިވޭ ކޮންމެ އަޑަކާއި ފެންނަ ކޮންމެ މަންޒަރަކަށް އަމިއްލަ ރައުޔެއް އޮންނާކަށް ލާޒިމެން ނޫނެވެ. އެކަމަކު، އަޅުގަނޑުމެންގެ ޠަބީޢަތަކީ އެއިން ކޮންމެ ކަމަށް "ކޮމެންޓެއް" ބޮލަށް އަންނަ ގޮތް ގިނަ ފަހަރު ވުމެވެ. އެހެންނަމަވެސް، ޙަދީޘްގައި ބަޔާންވެފައިވާ ފަދައިން އެ ކަމަކާމެދު ހެޔޮ ބަހެއް ނެތިއްޔާ އެ ކޮމެންޓު ހާމަނުކޮށް ހިފަހައްޓައިލާށެވެ. އެއީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، އެއީ އިމްތިޙާނެކެވެ. ނަފުސުގެ ޖިހާދުގެ ތެރެއިންވާ ކަމެކެވެ. އަދި ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ އިރުޝާދެއް ވެސް މެއެވެ.
ނުބައި ވާހަކައެއް، މުޖުތަމަޢަށް ފަތުރާލެވޭ ކޮންމެ ފަހަރަކީ މީހަކު ޤަތުލުކުރުމަށްވުރެ ވެސް ނުބައި ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ﴾ (البقرة: ١٩١) މާނައީ: "އަދި ޤަތުލަށްވުރެ ފިތުނައިގެ (ނުބައިކަން) ބޮޑެވެ." އެހެންކަމުން، ފިތުނަ އުފެދިދާނެހެން ހީވާކަހަލަ ކަމަކުން ވެސް މުސްލިމުން ދުރުހެލިވާންޖެހެއެވެ. އެއީ މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލޭ ކަމެކެވެ. އެއީ ޢާއިލާތައް ރޫޅޭ ކަންކަމެކެވެ.
އިފްކުގެ ހާދިސާއަށް ފިކުރު ހިންގައިލާށެވެ. މުޅި އުންމަތް އެ ކަމަކުން އަރައިގަތުމަށް ހަތް އުޑުމަތީން ވަޙީ ބާވައިލެވުނު ބޮޑު ކަމެކެވެ. ހަމަ އެ ގޮތަށް ޢުޘްމާން رضي الله عنه ޝަހީދުވި ހާދިސާއާމެދު ވިސްނައިލާށެވެ. އުންމަތުގެ ފިތުނަތައް ގިނަވެ ހީނުކުރާފަދަ އެތައްއެތައް ކަމެއް ހިނގާފައި ވަނީ ކީއްވެގެންކަން ވިސްނައިލާށެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ހަމަކަށަވަރުން އިންސާނާއަށް އޭނާ ބުނާ ބަހުގެ ބޮޑުކަން ނޭގި ނަމަވެސް، ﷲ ކޯފާވެވޮޑިގަންނަވާ ފަދަ ބަހެއް ބުނުމުގެ ސަބަބުން، މަޝްރިޤާއި މަޣްރިބާ ދެމެދުގައިވާ ދުރުމިނަށްވުރެ ދުރުން އޭނާ ނަރަކައަށް އެއްލައިލެވޭނެއެވެ." (مسلم: 2988) މިއީ ނުރައްކާތެރި ކަމެކެވެ. ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަކީ އޭގެ ނާޖާއިޒު ފައިދާ ނަގަންވީ ކަމެއް ނޫނެވެ. ކޮންމެ ބާރަކީ ޒިންމާއެކެވެ. އެ ކަމާމެދު ސުވާލުވެވޭނެއެވެ.
މާތްﷲވަޙީކުރެއްވިބަސްފުޅެއްގެ މާނައިގައި ވެއެވެ. "(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ހާޒިރުވެ މަލާއިކަތަކު ނެތި، އޭނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ." (ޤާފް: 18) އަޅުގަނޑުމެންދައްކާހުރިހާވާހަކައެއްލިޔެވޭނެއެވެ. ޤިޔާމަތްދުވަހުން އެ ކަމާ ކުރިމަތިލާން ޖެހޭނެއެވެ. ވީމާ، ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ޖަދަލުކުރުމާ ދުރުހެލިވާށެވެ. ޒިކުރުކުރުމާއި ޤުރުއާން ކިޔެވުން ގިނަކުރާށެވެ. އެ ގޮތް މާ ހެޔޮކަން ބޮޑުވެގެން ވެއެވެ. އާދެ! ޖަދަލުކުރުން އެއީ އިމްތިޙާނެއްކަން ހަނދާންބަހައްޓާށެވެ!
މިއީ ދީނުގެމަގު 274ވަނަ ނަންބަރުގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު