ޕާކިސްތާނުގެ އުތުރުގައި އޮންނަ ކޯރަކަށް ބަހެއް ވެއްޓި 14 މީހުން މަރުވެއްޖެ

1 އަހަރު ކުރިން
|
0

ޕާކިސްތާނުގެ އުތުރުގައި އޮންނަ ގިލްގިތު ބަލްތިސްތާން ސަރަޙައްދުގެ ޑަޔިމަރް ޑިސްޓްރިކްޓުގައި ބަހެއް ކޯރަކަށް ވެއްޓި، 14 މީހުން މަރުވެއްޖެއެވެ. މީގެ އިތުރަށް 12 މީހުން ގެއްލިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުން ގައި 27 ފަސިންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ މި ބަސް ވެއްޓުނު ހާދިސާގައި ސަލާމަތްވީ އެންމެ މީހެކެވެ. 

ގިލްގިތު ބަލްތިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި މި ހާދިސާ ހިނގީ ބަސް މާ ބާރަށް ދުއްވުމުގެ ސަބަބުން ޑްރައިވަރަށް ކޮންޓްރޯލް ގެއްލިގެންނެވެ. މި ބަހުގައި ދަތުރުކުރަމުންދިޔަ ފަސިންޖަރުންނަކީ ކައިވެނި ހަފްލާއަކަށް ދަތުރުކުރަމުންދިޔަ ބައެއްކަމަވެސް އޮފިސަލު ވަނީ ވިދާޅުވެފައެވެ.

ބަހުގައި ދަތުރުކުރި މީހުންގެ ތެރެއިން 14 މީހުން މަރުވެފައި ވާކަން ކަށަވަރު ކުރެވިފައި ވާކަމަށް އޮފިޝަލުން ބުނެއެވެ. އަދި، އޭގައި ތިބި ފަސިންޖަރުންގެ ތެރެއިން 12 މީހެއްގެ ހަށިގަނޑު ކޯރުގެ ތެރެއަށް ގެއްލިފައިވާ ކަމަށާއި، އެ މީހުންގެ ހަށިތައް އަދިވެސް ނުފެންނަ ކަމަށް އޮފިޝަލުން ރިޕޯޓުކުރެއެވެ. މި ހާދިސާގައި ސަލާމަތްވީ ހަމައެކަނި ފަސިންޖަރަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

މި އަހަރު އޮގަސްޓު މަހު ވެސް އެ ޤައުމުގެ ދެކުނުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 34 މީހުން ވަނީ މަރުވެފައެވެ.