މޯލްޑިވް ގޭހުން ރާއްޖޭގެ ބާޒާރަށް ލިކިއުޑް ނައިޓްރޮޖަން ނެރެފި.

5 ދުވަސް ކުރިން
|
0

ރާއްޖޭގައި ފުޅާދާއިރާއެއްގައި ގޭހުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން އުފައްދައި ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ނެރެފިއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ކާބޯތަކެތީގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ލިކިއުޑް ނައިޓްރޯޖަނަކީ އާންމުކޮށް ޞިއްޙީ ދާއިރާގެ އިތުރުން ކާބޯތަކެތީގެ ސިނާއަތުގައި ތަފާތު ބޭނުންތަކަށް ބޭނުންކުރާ އެއްޗެކެވެ. މޯލްޑިވް ގޭހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ބޭނުންވާ ލިކިއުޑް ނައިޓްރޯޖަން މިހާރު ސަޕްލައި ކުރަމުންދަނީ އެ ކުންފުނިންނެވެ. މީގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ވެސް މިހާރު ދަނީ މި ހިދުމަތް ފޯރުކޮށްދެމުންނެވެ.

ޞިއްޙީ ދާއިރާގައި ލިކިއުޑް ނައިޓްރޯޖަން ބޭނުންކުރާ މައިގަނޑު ބޭނުންތަކަށް ބަލާއިރު ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށާއި (Cryotherapy)، ސާމްޕަލްތައް ގަނޑުކޮށްފައި ބެހެއްޓުމަށް ބޭނުންކުރެއެވެ. އެ ގޮތުން ތަހުލީލްތަކަށް ނަގާ ސާމްޕަލްތަކާޢި އަދި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ސާމްޕަލްތައް ގަނޑުކުރުމަށް ބޭނުންކުރެއެވެ. ރާއްޖޭގައި ވެސް މިހާރު ސްކިން ކްލިނިކްތައް ހިންގަމުންދާއިރު، މިއީ މިފަދަ ކްލިނިކްތަކަށް ލިބިގެންދާ ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

ކާބޯތަކެތީގެ ސިނާއަތުގައި ލިކިއުޑް ނައިޓްރޯޖަން ބޭނުންކުރަނީ ވަގުތުން ފިނިކުރަންޖެހޭ ޑެސަރޓްތައް ތައްޔާރުކުރުމަށެވެ. އެވގޮތުން ފައިން ޑައިނިންގ ރެސްޓޯރަންޓްތަކުގައި ލިކުއިޑް ނައިޓްރޯޖަން ވަނީ ވަރަށް މަޤުބޫލުކަމެއް ހޯދާފައެވެ. މީގެ އިތުރުން ފިނިބުއިންތަށް ކަސްޓަމަރުންނަށް ސަރވްކުރުމުގައި ދުންއަރާފަދަ ރީތި މަންޒަރުތައް އުފެއްދުމަށް ވެސް ބޭނުންކުރެއެވެ. ހަމައެއާ އެކު، އަވަހަށް ގަނޑުކުރަންޖެހޭ އަދި ފަސޭހައިން ހަލާކުވާ ތަކެތި ފްލޭޝް ފްރީޒް ކުރުމަށް ވެސް ބޭނުންކުރެއެވެ. މީގެ ސަބަބުން ކާނާގެ ތާޒާކަމާއި، ރަހައާއި، އަދި ހަށިގަނޑަށް ފައިދާހުރި މާއްދާތައް ހިފެހެއްޓެއެވެ.

އަދި މޯލްޑިވް ގޭހުގެ ހޮޓްލައިން ނަންބަރ 1616އަށް ގުޅައި އޮޑަރ ކޮށްލުމުން ޑެލިވަރީގެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ހާމަކުރެއެވެ.