އަޅުކަންތަކުގެ މަތީގައި ދެމި ތިބުމާއި، އިސްލާމްދީނުގެ ސީދާ މަގުގައި ސާބިތުވެ ތިބުމަކީ ކޮންމެ މުސްލިމަކު ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަންކަމެވެ. މާތް ﷲއަށް އީމާންވެ، އެކަލާނގެ މަގުގައި ސާބިތުވެ ތިބޭ މީހުންނަށް އޮތް އުފާވެރިކަމުގެ ޚަބަރު ދެއްވަމުން ކީރިތި ޤުރުއާނުގެ ފުއްޞިލަތު ސޫރަތުގެ 30ވަނަ އާޔަތުގައި ވަޙީކުރައް-ވައިފައި ވެއެވެ. "ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅު-ވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދު-ކުރައްވާ ކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޙަބަރު ލިބިގަންނާށެވެ!"
ސުފްޔާން ބުން ޢަބްދުﷲ އައްޘަޤަފީ رضي الله عنه ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނަށްފަހު އިތުރު މީހެއްގެ ކިބައިން ނަސޭހަތަކަށް އެދެން ނުޖެހޭ ވަރުގެ ނަސޭހަތްޕުޅެއް ތިމަންނާއަށް ދެއްވައިފާނަންތޯއެވެ!" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «قُلْ: آمَنْتُ باللهِ، ثُمَّ اسْتَقِمْ» (مسلم: 38) މާނައީ: "ތިމަންނާ، ﷲއަށް އީމާންވެއްޖައީމޭ ބުނާށެވެ! ދެން އެ ބަހުގެ މަތީގައި ސާބިތުވާށެވެ!" އަބަދުވެސް އަޅުގަނޑުމެން ހެޔޮ ޢަމަލުތައްކުރުމުގައި ދެމި ތިބެން ޖެހެއެވެ. އަދި އެ ކަމުގައި ސާބިތުވާން ޖެހެއެވެ. ރަސޫލުﷲ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ ޢަމަލުފުޅު-ތަކުން އެ ކަމުގެ ހެޔޮ ނަމޫނާ ލިބެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. «إذا عَمِلَ عَمَلًا أثبَتَه» )رواه مسلم: (746މާނައީ: "އެކަލޭގެފާނު، ޢަމަލެއް-ކުރައްވާ ކަމުގައިވާ ނަމަ (އެ ޢަމަލެއް ކުރެއްވުމުގައި) ސާބިތުވެވަޑައިގަންނަވައެވެ."
އެހެންކަމުން މަރު އައުމަށް ދާންދެން ހެޔޮ ޢަމަލުކުރުމުގައި ދެމި ތިބޭށެވެ! ﷲ ވަޙީކުރެއްވިއެވެ. ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ (الحجر: ٩٩) މާނައީ: "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!"
ސާބިތުކަން ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަން ޒިކުރުކޮށްލާނަމެވެ. ދުޢާކުރުން ގިނަކުރާށެވެ. ހިތްތައް ބަދަލުކުރައްވާ އިލާހުގެ ޙަޟްރަތުން ސާބިތުކަމަށް އެދި ދުޢާކުރާށެވެ. ރަސޫލުﷲ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ގިނައިން ކުރެއްވި ދުޢާއެއް ވެއެވެ. އެއީ "يَا مُقَلِّبَ القُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ" މާނައީ: "އޭ ހިތްތައް ފުރޮޅުއްވާ ރަސްކަލާކޮ! މި އަޅާގެ ހިތް އިބައިލާހުގެ ދީން މަތީގައި ސާބިތުކޮށްދެއްވާނދޭވެ!" (رواه الترمذي: 2140، وهو في صحيح الجامع:7987)
ޤުރުއާން ކިޔަވާށެވެ. މާނަ ވެސް ކިޔާށެވެ. ޤުރުއާނަކީ މުއުމިނުންގެ ހިތްތަކަށް ސާބިތުކަން ގެނެސްދޭ ނޫރެކެވެ. ހެޔޮލަފާ މީހުންނާ އެކު އުޅޭށެވެ. ރަނގަޅު ރަޙުމަތްތެރިންނަކީ ހެޔޮ ކަންކަމަށް ހިތްވަރުދީ، ނުބައި ކަންކަމުން ދުރުހެލިވުމަށް އެހީތެރިވެދޭ ބައެކެވެ. ފަރުޟު އަޅުކަންތަކަށް ރައްކާތެރިވާށެވެ. ޚާއްޞަކޮށް ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަކީ ފާފަތަކުން ދުރުކޮށްދީ، ހެޔޮ މަގުގައި ސާބިތުކޮށްދޭނެ ކަމެކެވެ.
އަޅުކަންކުރުމުގައިސާބިތުވުމަކީހަމައެކަނި ރަމަޟާންމަހު ނުވަތަ ދަތި އުނދަގޫ ވަގުތުތަކުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ މަރުގެ މަލާއިކަތާ ބައްދަލުވަންދެން އެ ކަންކަމުގެ މަތީ ދެމިތިބެން ޖެހޭ ކަންކަމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަކީ އެކަލާނގެ ސީދާވެގެންވާ ތެދު މަގުގައި ސާބިތުވެ ތިބެވޭ ބަޔަކު ކަމުގައި ލައްވާނދޭވެ! آمين.
މިއީ ދީނުގެމަގު 273ވަނަ ނަންބަރުގައި الشيخ مِدْحَة عِرْفَان ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު