ރަމަޟާންމަހަށްފަހު ވެސް ހެޔޮ ޢަމަލުކުރުމުގައި ދެމިހުންނާށެވެ!

15 ގަޑިއިރު ކުރިން
|
0

ފާފަ ފުއްސެވުމާއި ރުއްސެވުމާއި ނަރަކައިން މިންޖުކުރެއްވުމުގެ މޫސުން ކަމުގައިވާ ރަމަޟާންމަހާ އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ ނަމަވެސް، އެ މަސް ނިމުމަކުން ހެޔޮކަމުގެ ދޮރުތައް ބަންދުވީއެއް ނޫނެވެ. ހެޔޮކަމުގެ މޫސުންތައް އަބަދުވެސް ތަކުރާރުވަމުންދާ ގޮތުގައި، އަހަރުގެ އެކި ދުވަސްތަކާއި ރޭތަކުގައި އެ ކަންކަން އަޅުގަނޑުމެންނާ ބައްދަލުކުރެއެވެ. އަދި ހެޔޮކަމުގެ ދޮރުތަކަކީ ކޮންމެ ރެޔަކާއި ކޮންމެ ދުވަހަކު ވެސް ހުޅުވިފައި ހުރި ދޮރުތަކެކެވެ.

އެހެންކަމުން، މުއުމިނު އަޅާގެ މައްޗަށް އޮތީ ހެޔޮ ގޮތުގައި އޭނާގެ ޙަޔާތުގެ ބޭނުންހިފައި، އެފަދަ މަތިވެރި ވަގުތުތަކުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމެވެ. ހެޔޮ ކަންކަމުގައި ވާދަކުރާ މީހުންނާ އެކު ވާދަކޮށް، ޚަލްޤުތަކުންގެ ވެރިއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށް އަވަސްވެގަންނަ މީހަކު ކަމުގައި ވުމެވެ.

އަޅުކަން ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތްތަކެއް ވެއެވެ. އޭގެތެރޭގައި އެ އަޅުކަމަށްފަހު އިތުރު ހެޔޮ ޢަމަލުތައް ކުރުމަށް މަގުފަހިވުން ހިމެނެއެވެ. އެހެނީ، ހެޔޮ ކަމެއް އެއާ ގުޅިފައިވާ އެހެން ހެޔޮ ކަމަކަށް ގޮވައިލައެވެ. ރަމަޟާންމަހުގެ ރޯދައާއި ދަމުނަމާދު ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތަކީ، ރަމަޟާންމަހަށް-ފަހު ވެސް އެފަދަ ހެޔޮ ޢަމަލުކުރުމުގައި ދެމިހުރުމުގެ ހިތްވަރު ލިބުމެވެ. ޝައްވާލުމަހުގެ ހަ ރޯދައާއި، ހޯމަ ބުރާސްފަތީގެ ރޯދައާއި މެދުފޮއިރޯދަ ފަދަ، ސުންނަތް ރޯދަތައް ހިފުމުގެ ތައުފީޤު ލިބުމެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ރޭއަޅުކަން މެދުކަނޑައިނުލައި ކުރެވުމެވެ.

އަޅާގެ ޙާލަތު އެފަދައިން ހުރެއްޖެނަމަ، އެއީ އޭނާގެ އަޅުކަން ޤަބޫލުކުރެއްވިކަމުގެ ޢަލާމާތެކެވެ. ނަމަވެސް، ރަމަޟާންމަހަށްފަހު އަޅުކަންތައް ދޫކޮށްލުމާއި، ނަމާދުގެ ޖަމާޢަތާ ދުރުހެލިވުމާއި ކީރިތި ޤުރުއާން ކިޔެވުމަށް ވަގުތު ނުދެވުމާއި އުރެދުންތަކާއި ފާފަތަކަށް އެނބުރި ދެވުމަކީ ހެޔޮ ނިޝާނެއް ނޫނެވެ. ބައެއް މީހުން ރަމަޟާންމަހު ވަރަށް ބޮޑަށް އަޅުކަމުގައި ހިތްވަރުކޮށްފައި، އެ މަސް ނިމުމުން ފަރުވާކުޑަކުރާ ވާހަކަ ދެންނެވުމުން އިހުގެ ދަންނަބޭކަލުން ވިދާޅުވެފައި ވެއެވެ. "އެއީ ކިހާ ނުބައި ބައެއް ހެއްޔެވެ! ރަމަޟާންމަހު މެނުވީ އެބައިމީހުން ﷲއެއް ނުދަނެއެވެ."

  ރަމަޟާންމަހުގެ ވެރިއިލާހަކީ އަހަރުގެ އެހެން މަސްތަކުގެ ވެސް ވެރިއިލާހެވެ. އެހެން-ކަމުން، ހަމައެކަނި ރަމަޟާންމަހުގައި އަޅުކަންކުރާ މީހަކަށް ނުވާށެވެ. އަދި ކިއެއް! ތިމާގެ މުޅި ޙަޔާތުގައި މާތް ﷲއަށް ކިޔަމަންގަނެ، އެއިލާހަށް އަޅުކަންކުރާށެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ﴾ (الحجر: ٩٩) މާނައީ: "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!"

ހެޔޮ ޢަމަލު ކުރުންމަތީ ލެހެއްޓެވުންއެދި ގިނަގިނައިން ދުޢާކުރާށެވެ! ކީރިތި ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم އެންމެ ގިނައިން ކުރައްވާ ކަމަށް ވާރިދުވެފައިވާ ދުޢާތަކުގެ ތެރޭގައި ވެއެވެ. "يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ" މާނައީ: "އޭ ހިތްތައް ފުރޮޅުއްވާ ރަސްކަލާކޮ! މި އަޅާގެ ހިތް އިބައިލާހުގެ ދީން މަތީގައި ސާބިތުކޮށްދެއްވާނދޭވެ!"

މިއީ ދީނުގެމަގު 272ވަނަ ނަންބަރުގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.