ގދ. ތިނަދޫގައި މޯލްޑިވް ގޭސްގެ ފަރާތުން ތަރައްޤީކުރާ 1500 މެޓްރިކް ޓަނުގެ ސްޓޯރޭޖާއި ޑިސްބިއުޝަން ސެންޓަރު ޚިދުމަތަށް ގެނައުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ގޭހުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދަތިކަމެއްނެތި ރައްޔިތުންނަށް ގޭސް ފޯރުކޮށްދިނުމަށްޓަކައި 2016ވަނަ އަހަރުގެ ތެރޭގައި ފެށިގެން އެ ކުންފުނިން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ.
މޯލްޑިވް ގޭސްއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ %75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޑިސްބިއުޝަން ސެންޓަރުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ނުނިމިހުރި %25 އިންސައްތަ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެވެ.
މީގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް މަޑުޖެހެން މެދުވެރިވީ ތިނަދޫގެ ލޭންޑްސްކޭޕަށް ބޮޑެތި ބަދަލުތަކެއް އައުމާއިގުޅިގެން ޑިސްބިއުޝަން ސެންޓަރުގެ އަންލޯޑިން ޕައިޕްލައިނަށާއި ވޯޓަރ ޕަންޕްތަކުގެ ސަކްޝަންލައިންތަކަށްލ ގެންނަން ޖެހުނު ވަރަށް ބޮޑެތި ފަންނީ ބަދަލުތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ސައިޓުގެ އިރުމަތީ ފަރާތުން އިންޑަސްޓްރިއަލް ބިން ހިއްކުމާއި ގުޅިގެން ގެންނަން ޖެހުނު ބަދަލުތަކާއި، އައު ޑިޒައިނުގެ ދަށުން ޓޭންކަށް ގޭސް ލޯޑްކުރުމަށްޓަކައި 450 މީޓަރުގެ ދިގު ޕައިޕްލައިނެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދާއި އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ ތިނަދޫއަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި ފެނަކަ ކޯޕަރޭޝަނާއި އަދި ތިނަދޫގެ ކަމާއިބެހޭ ފަރާތްތަކާއެކު، މަޝްރޫޢު އަވަސްކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި މީގެ ކުރިން ތިނަދޫ ސިޓީ ކައުންސިލާގެ އެހީތެރިކަން ހޯދުމަށްޓަކައި ވަރަަށް ބޮޑަށް މަޝްވަރާކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ލުއިފަސޭހަކަމާއިއެކު ގޭސް ލިބޭނެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަންދެއްވާ ސިޔާސަތެކެވެ.
މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައި، މަސައްކަތްތައް ހިނގާނުހިނގާގޮތް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން އެކުންފުނިން ފާހަގަކުރައްވައެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ލޮޅުންތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި، މެދުކެނޑުމެއްނެތި ގޭހުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ޕްލާންޓުގެ މަސައްކަތް ނިންމުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެކުންފުނިން ދެއެވެ. މި މަޝްރޫޢު ނިމުމާއެކު، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގޭސް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބި، ސަރަހައްދީ ފެންވަރުގައި ގޭހުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު