ހަރޯދައަކީ ޝައްވާލުމަހުގައި ހިފަން އޮންނަ ހަ ރޯދައެވެ. ޝައްވާލުމަހަކީ ރަމަޟާންމަހާ ވިދިގެން އަންނަ ހިޖުރީ މަހެވެ. މި މަހުގައި ހަ ރޯދަ ހިފުން އެއީ އިސްލާމީ ޝަރީޢަތުގެ ފަރާތުން މުސްލިމުންނަށް ކަނޑައަޅުއްވައިފައި އޮތް މަތިވެރި މާތް ކަމެކެވެ. އެ ރޯދަޔާ ބެހޭ ގޮތުން ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. «مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ» (رواه مسلم). މާނައީ: "ރަމަޟާންމަހުގެ ރޯދަހިފާ، ދެން އެއަށްފަހު ޝައްވާލުމަހުން ހަ ރޯދަހިފައިފި މީހާ ދަންނައެވެ! އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ."
މި ޙަދީޘުން އެނގެނީ ހަރޯދައިގެ މަޤާމެވެ. އެ ރޯދަޔަށް ﷲ ދެއްވައިފައި ވާ އަހަންމިއްޔަތެވެ. ޝައްވާލުމަހުގެ ހަރޯދަހިފުން، އެ ޝަރުޠަކާ އެކު ލައްވައިފައި ވާ ޝަރުޠު ފުރިހަމަވެއްޖެއްޔާ މުޅި އަހަރު އެ މީހަކު ރޯދަހިފި ކަމުގެ ސަވާބު ލިބޭނެއެވެ. ދަންނަން ޖެހޭ އެއް ކަމަކީ ލިބެނީ މުޅި އަހަރު ރޯދަ ހިފިކަމުގެ ސަވާބު ކަމެވެ. އޭނާ މުޅި އަހަރު ރޯދަ ހިފިކަމަށް ވަނީ އެއް ނޫނެވެ.
މިފަދައިން ސަވާބު ލިބޭ އެހެން ކަންކަން ވެސް ހުރެއެވެ. މިސާލަކަށް ސޫރަތުލް އިޚްލާޞް ކިޔަވައިފި މީހާއަށް ޤުރުއާނުގެ 3/1 ކިޔެވި ކަމުގެ ސަވާބު ލިބޭނެ ކަމަށް ޙަދީޘެއްގައި އޮވެއެވެ. 3 ފަހަރު އެ ސޫރަތް ކިޔެވުމުން މުޅި ޤުރުއާން ކިޔެވުމުގެ ސަވާބު ލިބޭނެއެވެ. އެހެނަސް، އޭނާ މުޅި ޤުރުއާން ކިޔެވި ކަމަށް ނުވާނެއެވެ.
ހަރޯދައިގެ މުހިންމު އަނެއް ކަމަކީ އިސްލާމް-ދީނުގެ ރުކުނެއް އަދާކޮށް ނިންމައިލުމަށްފަހު އޭގެ ފޯރިޔާއި ޖޯޝު ކުއްލިއަކަށް ކަނޑައިނުލުން ކަމުގައި ޢިލްމުވެރިން ދެކިލައްވައެވެ. 30 ދުވަހުގެ އަޅުކަމާއި އެ އަޅުކަމުން ލިބުނު ތަޤުވާވެރިކަން ކުއްލިއަކަށް ނިމިގޮސް މީހުން ދުނިޔަވީ އުފަލާއި އެދުންވެރިކަމުގައި ފޯރިލައި އުޅެގަންނަން ފުރުޞަތު ލިބުމަކީ ދީނާ މެދުގައި އޮންނަ ނަޒަރިއްޔާ ބަދަލު-ވެދާނެ ކަމެއް ކަމުގައި ނުވުމެވެ. އަޅުކަމަކީ ވަކި ވަގުތަކަށް އެކަނި ޚާއްޞަ އެއްޗެއް ކަމުގައި ނުބެލުމަށް މީސްތަކުންނަށް ހިތްވަރު ދިނުން ވެސް މީގެ ޙިކުމަތެއް ކަމުގައި ވެއެވެ.
ރަމަޟާންމަހުގެ މަދަރުސާއިން ދަސްވެނިވި ކޮންމެ ތަޤުވާވެރިއަކަށް ޝައްވާލުމަހުގެ ހަރޯދައިން ލިބެނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އޭނާގެ ކާމިޔާބީ ފާހަގަކުރުމުގައި ތަޤުވާވެރިކަމާ އެކު ﷲއަށް ޝުކުރު އަދާކުރުމެވެ. އޭނާގެ އުޚުރަވީ ޙަޔާތަށް ޓަކައި ދަރުމަޔާއި ސަވާބު އިތުރުކުރުމަށް އޭނާ މި ފުރުޞަތުގެ ބޭނުންހިފައެވެ.
މިއާ ޚިލާފަށް ބައެއް މީހުން ހަރޯދަޔަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެ މީހުންނަށް ކުރެވެނީ މިނިވަންކަމުގެ އިޙުސާސެވެ. ދުނިޔަވީ ކަންކަމަށް އެނބުރި ދެވޭ ކަމުގެ އުފަލެވެ. އެހެން ހަދާކަށް ނުވާނެއެވެ. ރޯދަމަސް ނިމުނަސް މުސްލިމުން ތިބެން ވާނީ ތަޤުވާވެރިކަން މަތީގައެވެ. އެ ކަމަށް ޓަކައި ހަރޯދައިން ފަށާށެވެ!
މިއީ ދީނުގެމަގު 272ވަނަ ނަންބަރުގައި الشَّيْخُ مُحَمَّدُ أَفْضَلْ ލިޔުއްވައިފައި އޮތް ލިޔުއްވުމެކެވެ.
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު
ދީނުގެމަގު