ކުރިއެކޭ އެއްގޮތަށް ކައްކާ ގޭސް މިހާރު ލިބޭނެ

12 ގަޑިއިރު ކުރިން
|
0

ކައްކާ ގޭސް ލިބުމުގައި ދާދިފަހުން ދިމާވި ދަތިތައް ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ހުރިހާ ސައިޒެއްގެ ކައްކާ ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގޭހުގެ ސްޓޮކް މިހާރު އިޔާދަކުރެވިފައިވާ ކަމަށާއި، މިއަދުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ކުރިއަށް އޮތް ރަމަޟާންމަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީ އަބްދުﷲ ވިދާޅުވީ، "ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ، މި ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް" ކަމަށެވެ.

އާންމުގޮތެއްގައި ރަމަޟާން މަހަކީ ކައްކާ ގޭހަށް އޮންނަ ޑިމާންޑު ބޮޑުތަނުން އިތުރުވާ މަހެކެވެ. އެހެންކަމުން، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މެދުނުކެނޑި ގޭހާއި އެހެނިހެން އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.