ބޮޑެތި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ މުހިންމު އެއް މާއްދާ ކަމަށްވާ އާރގަން ގޭސް، ދަތިކަމެއް ނެތި އަބަދުވެސް ލިބޭނެ އިންތިޒާމް މޯލްޑިވް ގޭސް ކޮމްޕެނީގެ ފަރާތުން ހަމަޖައްސައިފިއެވެ. އެ ކުންފުނިން ވަނީ އާރގަން ގޭސް ބަލްކުކޮށް ރާއްޖެއަށް އެތެރެކޮށް، ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ފެސިލިޓީގައި ސިލިންޑަރުތަކަށް ފިލްކުރަން ފަށާފައެވެ.
މި ކުރިއެރުމާ އެކު، އާރގަން ގޭސް ހޯދުމުގައި ކަސްޓަމަރުންނަށް ކުރިމަތިވެފައި އޮތް ދަތިތައް ނިމުމަކަށް އަންނާނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ. މީގެ ކުރިން އާރގަން ގޭސް ރާއްޖެއަށް އެތެރެކުރަނީ ސިލިންޑަރުތަކަށް އަޅައިގެންނެވެ. އޭރު ސިލިންޑަރުތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ގޭސް އަޅައިގެން އަލުން އިންޕޯޓް ކުރަނީއެވެ. އޭގެ ސަބަބުން، ކަސްޓަމަރުންނަށް ބޭނުންވާ ވަގުތުތަކުގައި ބޭނުންވާ މިންވަރަށް ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅެމުން ދިޔައެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވް ގޭހުން މި ވަނީ އާރގަން ގޭސް ބަލްކުކޮށް ރާއްޖެއަށް އެތެރެކޮށް، ރާއްޖޭގައި އެ ގޭސް ފުޅިފުޅިއަށް އެޅުމުގެ އިންތިޒާމް ހަމަޖައްސައިފައެވެ. މި ކަމުގެ ސަބަބުން، ކުރިން ގޭސް ލިބުމުގައި ދިމާވި ދަތިތަކަށް ނިމުމަކަށް އަންނާނެ ކަމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ބޭނުންވާ އަދަދަކަށް، އާރގަން ގޭސް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން މޯލްޑިވް ގޭހުން ދެއެވެ.
އާރގަން ގޭހަކީ ސިނާއީ ދާއިރާއަށް ވަރަށް ބޭނުންތެރި ގޭހެކެވެ. މައިގަނޑު ގޮތެއްގައި މި ގޭސް ބޭނުންކުރަނީ މެޓަލް ވެލްޑިންގއާއި މެޓަލް ކަޓިންގއާއި މި ނޫންނަސް އެހެނިހެން ވެލްޑިންގ މަސައްކަތްތަކުގައި ޝީލްޑިންގ ގޭހެއްގެ ގޮތުގައެވެ. އަދި ހަމައެހެންމެ އެލެކްޓްރޯނިކްސް އިންޑަސްޓްރީގައި ޕްރޮޓެކްޓިވް އެޓްމޮސްފިއަރެއްގެ ގޮތުގައި އާރގަން ބޭނުންކުރާއިރު، ބައެއް ކަހަލަ ލައިޓިންގ އިންޑަސްޓްރީގައި ވެސް މި ގޭސް ބޭނުންކުރެއެވެ.
މައުދަން އުފެއްދުމާއި ވެލްޑިންގ ދާއިރާގައި، އާރގަން ގޭސް އެންމެ ގިނައިން ބޭނުންކުރެވެނީ ޝީލްޑިންގ ގޭހެއްގެ ގޮތުގައެވެ. ޓިގް (ޓަންގްސްޓަން އިނާޓް ގޭސް) އަދި މިގް (މެޓަލް އިނާޓް ގޭސް) ވެލްޑިންގ ފަދަ ވެލްޑިންގ މަސައްކަތްތަކުގައި، އާރގަން އިން ވެލްޑްކުރާ ސަރަހައްދު ވަށައިގެން ރައްކާތެރި ފަށަލައެއް އުފައްދައެވެ. އޭގެ ބޭނުމަކީ ވައިގެ ތެރޭގައި ހުންނަ ތަކެތި ވެލްޑާ އެކުވެ އޮކްސިޑައިޒްވުން ހުއްޓުވުމެވެ. މީގެ ސަބަބުން އެލުމިނިއަމާއި ދަބަރުނުޖަހާ ދަގަނޑާއި ޓައިޓޭނިއަމް ފަދަ މައުދަނުތައް ވެލްޑްކުރާއިރު، ވެލްޑް ވަރުގަދަވެ، ސާފުވެއެވެ. އަދި ހަލާކުނުވެ ދެމިހުންނަ މުއްދަތު ވެސް އޭގެ ސަބަބުން އިތުރުވެއެވެ.
މިހާރު މޯލްޑިވް ގޭސް ކުންފުންޏަކީ، ހަމައެކަނި ކައްކާ ގޭސް ވިއްކާ ކުންފުންޏެއް ނޫނެވެ. ކާލްޓަން ބްރޭންޑްގެ ރެފްރިޖަރެންޓް ގޭހައި، މެޑިކަލް އޮކްސިޖަނާއި އިންޑަސްޓްރިއަލް އެކިކަހަލަ ގޭސް ވެސް މިހާރު މޯލްޑިވް ގޭހުން ލިބެން ހުރެއެވެ. މޯލްޑިވް ގޭހުން މިހާރު އަންނަނީ ލިކުއިޑް ނައިޓްރޯޖަން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިއީ އެފް އެންޑް ބީ އިންޑަސްޓްރީއަށާއި ގަނޑުކޮށްގެން ބޭރަށް މަސްފަދަ ތަކެތި ފޮނުވާ ފަރާތްތަކަށް ނުހަނު މުހިއްމު ގޭހަކަށް ވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު