ޚުއްލި ޚަބަރު

1 މަސް ކުރިން
|
0

ކުއްލި ޚަބަރަކީ ނޫސްވެރިކަމުގައި މުހިންމު އެއްޗެކެވެ. ލިޔުންތެރިންނަށާއި ކިޔުންތެރިންނަށް ވެސް މެއެވެ. ނޫހެއްގެ ފަލަސުރުޚީގައި އެންމެ ވިދާނީ ވެސް ކުއްލި ޚަބަރެވެ. ނޫސް އެޖެންސީތައް ހިންގާ ފަރާތްތަކުން ވެސް ކުއްލި ޚަބަރަށް ދޭ ސަމާލުކަން ވަރަށް ބޮޑެވެ. އެ މީހުންގެ މުވައްޒަފުން އެފަދަ ޚަބަރުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އަބަދު ވެސް ބާރުއަޅައެވެ.

ކުއްލި ޚަބަރު އެހާ މުހިންމު ވަނީ ކީއްވެބާ؟ އެއްވެސް ޝައްކެތް ނެތް ގޮތުގައި އިންސާނާގެ ސިކުނޑިއަކީ މަޢުރިފާކޮށް ދެނެގަތުމަށް އަބަދު ބޭނުންވާ އެއްޗެކެވެ. އައު އެއްޗެއް ނުވަތަ ތަނެއް ފެނުމާ އެކު އޭގެ ޙަޤީޤަތް އެނގެން ބޭނުންވެއެވެ. އެ މަޢޫލޫމާތު ލިބޭން އޮތް ހުރިހާ ގޮތެއް ބަލައި ހޯދައިގެން އޮޅުން ފިލުވަން ބޭނުންވެއެވެ. އާދަވެ ހިނގާ ކަންކަން ނޫން ކޮންމެ ހާދިސާއެއް ހިނގި ގޮތާއި އޭގެ ސަބަބާއި އެއަށްފަހުގައި ނުކުތް ނަތީޖާ އެނގުމަށް އުފެދޭ ޝައުޤު ބިނާވަނީ ފަހުމުވުމަށް އެދޭ އެދުމުގެ މައްޗަށެވެ. މިއީ ޚަބަރު ހޯދާ ފަރާތުގެ ވާހަކައެވެ.

ޚަބަރު ފޯރުކޮށްދޭ ފަރާތްތަކަށް ކުއްލި ޚަބަރު މުހިންމު ވަނީ ކީއްވެބާ؟ ޒަމާނީ ނޫސްވެރިކަމަށް ބަލާއިރު ނޫހުގެ މަޝްހޫރުކަމާއި ގިނަ މީހުންގެ ޝައުޤު ނޫހަށް ހޯދުން އެއީ އެންމެ މުހިންމު އަމާޒަށް މިއަދު މި ވަނީ ވެފައެވެ. މި ސަބަބަށް ޓަކައި، ކޮންމެ ނޫހެއް ވެސް ގަދަ އަޅާ މަސައްކަތް ކުރަނީ އެ ނޫހަށް ކިޔުންތެރިންގެ ސަމާލުކަން އިތުރު ކުރުމަށެވެ. އެ ގޮތުން ކަންކަމުގެ ޚަބަރު އެންމެ ކުރިން ޝާއިޢުކުރުމާއި ޙަބަރުގެ ހުށައެޅުން އެންމެ ޝައުޤުވެރިކުރެވޭތޯ ބެލުން އޮންނަނީ އެންމެ ބޮޑު އަމާޒަށް ވެފައެވެ. ޚަބަރުގައި ހުށައެޅީ ޞައްޙަ ތެދު މަޢުލޫމާތުތޯ ނުވަތަ ނޫންތޯ ބެލުމަށް މާބޮޑު ސަމާލުކަމެއް ދޭތީ މިއަދު ނުފެނެޔޭ ދެންނެވުން އެއީ ބޭއިންސާފުގެ ބަހަކަށް ވާނެބާއެވެ؟

ވަރަށް ގިނަ ފަހަރަށް ކުރިން ޝާއިޢު ކުރި މަޢުލޫމާތު ބަދަލުކުރަން ޖެހިގެން އެކަން ކޮށްފައި ހުރި ނޫސްތައް މަދެއް ނޫނެވެ. ފުރަތަމަ ބެލެނީ ކަމެއް ހިނގާއިރަށް އެ ވާހަކަ އެންމެ ކުރިން ޝާއިޢުކުރަނީ ތިމަންނާމެން ކަމުގައި ވުމަށެވެ. މީހުން ޝައުޤުވެރިވާގޮތަށް ވާހަކަ ހަދަހަދައިގެން ވިޔަސް، ނޫނީ ކަން ހިނގި ގޮތް ރަނގަޅަށް ނޭނގޭ މީހަކު ބުނި ޝައްކުގެ ބަސްތަކެއް ހިމަނައިގެން ވިޔަސް ފުރަތަމަ ޝާއިޢުކުރާ ބަޔަކަށް ތިމަންނާގެ ނޫސް ހެދުމެވެ.

މިއީ ޢަދުލުވެރި ނޫސް ވެރިކަމެއް ނޫނެވެ. ތިބާ އަނެކާގެ ސިކުނޑިއަށް ފޯރުކޮށްދޭ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމުގައި ހަދަން ޖެހޭނެއެވެ. ސުވާލު ވެވޭ ދުވަހު ޖަވާބުދެވޭ ގޮތަށް ނޫނީ، ޚަބަރު ކިތަންމެ ކުއްލިވިޔަސް ތިބާގެ ނަމުގައި ޝާއިޢުނުކުރާށެވެ!