ހުޅުކޮޅު

1 މަސް ކުރިން
|
0

އުށްބައްތީގެ ހުޅުކޮޅު ގެންގުޅެނީ ހަމަހިމޭންކަމެވެ. މަޑުމަޑުން ޖާގަތައް އަލިކޮށްދޭ އިރު، ކަރަންޓު އަލިން ނަކަލު ނުކުރެވޭ  ވަރުގެ ހޫނުކަމެކެވެ. މަޑުމައިތިރި ވިދުވަރުގައި، ގަދީމީ ވާހަކަ ކިޔައިދޭ މީހުން ފަދައިން ފާރުތަކުގައި ނަށަމުންދާ ހިޔަނިތައް އަނދިރިކަމުގެ ތެރެއަށް ދިރުމެއް ގެނެސްދެއެވެ. ހުޅުކޮޅުގައި ވަނީ  ލޯތްބާއި އެކަނިވެރިކަމާއި އުންމީދުގެ ސިއްރު ވިސްނައިދޭ ވާހަކަތަކެކެވެ.

އެންމެ ހުޅުކޮޅަކުން ދުނިޔޭގެ ކަންތައްތައް އާދަޔާ ޚިލާފު ކަންތައްތަކަށް ބަދަލުވެދާފަދައެވެ. ރޭގަނޑުގެ ކެއުމުގެ މޭޒެއް ރޮމޭންޓިކް ސީންއަކަށެވެ. ކަރަންޓު ކެނޑޭހިނދު އެކެއްއަނެކެއްގެ ގުޅުން ބަދަހި ކުރާ ހަވީރަކަށެވެ. ނުވަތަ އެކަނިވެރި ވަގުތުތައް ހަމަހިމޭން ހިތްގައިމުކަމަކަށް ބަދަލުކުރެވޭނެ އެއްޗެއްކަމުގައި އެ ހުޅުކޮޅު ނުވޭތޯއެވެ؟ އޭގެ ވަށައިގެން ޖަމާވާ މީހުންގެ، ހިތްތައް މަޑުމައިތިރިވެއެވެ. ބައްތީގެ އަލީގައި ތިބެ ދައްކާ ވާހަކަތައް ފުންވެފައި އަސަރުގަދައެވެ. މާޒީގެ ހަނދާންތައް އާވެ އިތުރުވެއެވެ. މުސްތަޤުބަލަށް ގެންދާނެ އައު ހަނދާންތަކެއް އުފައްދައެވެ.

އުށްބައްތީގެ ހުޅުކޮޅަކީ އިންސާނީ ޖަޒުބާތުގެ ވަރަށް ގާތް އެކުވެރިއެކެވެ. އުފާފާޅުކުރުމުގެ ވަގުތުތަކުގައްޔާއި ހިތާމައިގެ ވަގުތުތަކުގައި އިންސާނާގެ އެކަނިވެރިކަން ފިލުވައިދުނުމުގައި އެސޮރު މަޑުމަޑުން އަނދައި ހުލިވެއެވެ. އެއީ އޭގެ ސާދާކަމުން ތަސައްލީއެއް ލިބިދޭ އެއްޗެއް ނޫންބާވައެވެ؟ އެންމެ އަނދިރި ވަގުތުތަކުގައި މީގެން ބައްތިއަކުންދޭ ކުޑަކުޑަ އަލިކަން، އަނދިރީގައި މަގުދައްކައިދޭކަން މި ހުޅުކޮޅު ހަދާންކޮށްނުދޭބާއެވެ؟ އިންސާނެ ޖަޒުބާތު މި ހުޅުކޮޅު ކިހާ ރަނގަޅަށް ދަނޭ ނޫންހެއްޔެވެ؟

އުށްބައްތީގެ ކައިރީ އިށީނދެ ލުމުން ހަމަހިމޭންކަން އިޙްސާސްވެއެވެ. އެހާ ނާޒުކު އެއްޗެއް ވަރުގަދަ ކެތްތެރިކަމެއް ހިފަހައްޓާ ގޮތާމެދު ހައިރާންވެއެވެ. މި ހުޅުކޮޅު ހަދާންކޮށްދެނީ މި އަކީ ދާއިމީ ގޮވައްޗެއް ނޫންކަމެވެ. އޭގެ އެންމެ ފަހު ނޭވާއާ ހަމައަށް އެ ހުޅުކޮޅު ހިތްވަރުކުރެއެވެ. އެންމެ ފަހުވަގުތު އޭގެ މަޑުމައިތިރި ވިދުން ދޫކޮށްދަނީ ދުންކޮޅެއް ޖައްވަށް ދޫކޮށްފައެވެ. އެ ދުންކޮޅު ވެސް އިސާހިތަކު ވައިގެތެރެއަށް ވަދެ ހުސްވެއެވެ.