އުނގެނުމަކީ މުހިންމުކަމެކެވެ.

އުނގެނުމަކީ ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. އެއީ ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފުސު ކުރިއެރުވުމަށް ކޮންމެހެން ބޭނުން ކަމެކެވެ. އެއްވެސް ކަމެއްގައި ނާކާމިޔާބީ އަކީ އިންސާނާ ބޭނުންވާ ކަމެއް ކަމުގައި ނުވާއިރު، އުނގެނުމުގައި ވެސް އޭނާ އެދެނީ ކާމިޔާބީއަށެވެ. ކާމިޔާބު ދަރިވަރަކަށް ވުމަށެވެ. އެއްޗެއް އަލަށް އެނގޭ ކޮންމެ ފަހަރަކީ އޭނާ އެ އެއްޗެއް އުނގެނުނު ފަހަރެއް ކަމުގައި ނުވެދާނެއެވެ. އަޑު އަހާފައި ހަނދާން ނައްތައިލާ މީހުން ވެސް މަދެއް ނޫނެވެ. ވަގުތު ދުއްވާލަން އެކިއެކި މަންޒަރުތައް ބަލާ މީހުން ވެސް އުޅެއެވެ. ހޯދައި އޮޅުންފިލުވާ މީހުންނަކީ މަދުބައެކެވެ. ކާމިޔާބު ދަރިވަރުން ތިބޭނީ އެފަދަ މީހުންގެ ތެރޭގައެވެ.

އުނގެނުމާއި އުނގެނި ދަސްކުރުމާއި ޢިލްމުވެރިވެ ޖާހިލުކަން ފިލުވުމަށް އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅުއްވައެވެ. އިސްލާމްދީން ފެށިގެން އައީ ވެސް ޢިލްމަށް އޮތް އަހައްމިއްޔަތު އިޢުލާނުކުރައްވަމުންނެވެ. ކިޔެވުމަށް ހިތްވަރުދެއްވައި އަމުރުކުރައްވަމުންނެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلمއަށް އިއްވުނު ފުރަތަމަ ވަޙީބަސްފުޅުން މި ކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެއީ ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ(١) خَلَقَ الْإِنسَانَ مِنْ عَلَقٍ(٢)‏ اقْرَأْ وَرَبُّكَ الْأَكْرَمُ‎(٣)‏ الَّذِي عَلَّمَ بِالْقَلَمِ‎(٤)‏ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ)‏﴾ (العلق) މާނާއީ: "(1)ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. (2)ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (3)ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (4)އެކަލާނގެއީ، (ޤަލަމުން) ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (5)އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ."

ކަން މިހެން އޮތްއިރު އަޅުގަނޑުމެން ފަދަ އިސްލާމީ މުޖުތަމައެއްގައި އުފުލޭ ވަރަށް މަތިވެރި ޝިޢާރެއްކަމުގައި ޢިލްމު ޢުނގެނުން ވާންޖެހޭނެއެވެ. އަދި އޭގެތެރޭގައި ކާމިޔާބު ދަރިވަރަކަށް ވުމަށް ވަރަށް ބޮޑު ހިތްވަރެއް ދެވެން ވާނެއެވެ.