ޙަޔާތަށް ރަނގަޅު ބައިވެރިޔަކު ހޯދުމަކީ ވަރަށް ޙައްސާސީ މައްސަލައެކެވެ. އެހާމެ މުހިންމު ކަމެކެވެ. ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް ނައިސް ނުދާނޭ ވަގުތެކެވެ. މުހިންމު މި ދަނޑިވަޅުގައި ޚިޔާރުކުރާ އަނތްބަކީ ތިބާގެ މުޅި ޙަޔާތުގެ އުފާވެރިކަމެވެ. އެހެންނޫނީ މުޅި ޙަޔާތުގެ ހިތާމައެވެ. މިފަދަ މުހިންމު ފިޔަވަޅެއް ޙަޔާތުގައި އަޅަންވާނީ ވަރަށް ރަނގަޅަށް ވިސްނައިފައެވެ. އަވަސް އަރުވައިލައިގެން ކުރެވޭ ކަމަކީ އެންމެ ފައިދާހުރި ކަމަކަށް ނުވެދާނެއެވެ. އަދި ކަމުގެ ބޮޑުކަމުން އެ ކަމާ ގާތްނުވެ ދުރުގައި މާޔޫސްވެފައި ހުރުމަކީ ވެސް ޙައްލެއް ނޫނެވެ.
ދެތިންހަތަރު ފަރާތަކާ ކާވެނި ހުށައަޅާ އެ އިން ކޮންމެ ދިމާލަކުން ވެސް އިންކާރީ ޖަވާބެއް ލިބުމުން ތިބާ އާއި ތިބާގެ ޢާއިލާ މީހުން ދެރަވެ ހިތާމައިން މާޔޫސް ވެދާނެއެވެ. އަދި ތިބާގެ ދަރިޔަށް ރަނގަޅު އަނތްބަކު ނުލިބޭނޭ ހިތަށް އަރާފާނެއެވެ. އެއްވެސް މީހަކު އޭނާގެ އަންހެން ދަރި، ތިމާގެ ފިރިހެން ދަރިޔާ ކާވެނި ކުރުމަށް ބޭނުން ނުވަނީ އޭ ވެސް ހީކުރެވިދާނެއެވެ. މި ޙާލަތަށް ދިޔުމުން ހިތަށްއަރާފާނެއެވެ. "ތިމާގެ ފިރިހެން ދަރިޔާ އެކަށީގެންވާ މީހަކު ކަމުގައި ނުވިޔަސް ޖެހުނު ކޮންމެ ތަނަކުން ލިބުނު ކޮންމެ މީހަކާ ވިޔަސް މަގޭ ފިރިހެން ދަރި ދެވަންވީއެވެ." ކާވެނިކުރަން އުޅޭ ފިރިހެން މީހާ ވެސް މިފަދައިން ހިތަށް އަރާފާނެއެވެ.
މިފަދަ ޙާލަތް ތަކުގައި، އަޚްލާޤު ރަނގަޅު ތަޢުލީމީ ފިރިހެނުން އެ މީހުންނާ އެތައް ގޮތަކުން ކުފޫހަމަނުވާ އަންހެނުންނާ ކާވެނި ކުރެވޭތަން އާދެއެވެ. އޭގެ ނަތީޖާއަކަށް ވަނީ އޭނާގެ މުޅި ޙަޔާތުން ހަމަޖެހުން ގެއްލުމެވެ. ދެބަސްވުމާއި އަރައިރުންވުމެވެ. ޒުވާބުކުރުމާއި ތަޅާފޮޅުމެވެ. އެންމެ ފަހުން ކާވެނި ވެސް ރޫޅައިލާ ހިސާބަށް ކަންތައް ދެއެވެ.
އެހެންކަމުން ފިރިހެނުން ކާވެނިކުރާނޭ އަންހެނުން ހޯދުމުގައި އަވަސްނުވެ، ކެތްތެރިވާން ޖެހެއެވެ. އޭނާގެ ޢާއިލާއިން ވެސް އަވަސްވެގަނެގެން ނުވާނެއެވެ. އަދި ޙިކުމަތްތެރިކަމާ އެކު އެ ފިރިހެން މީހާއަށް ހިތްވަރުދީ އެއްބާރުލުން ދޭންވާނެއެވެ. ކެނޑިނޭޅި ދުޢާކުރަން ވާނެއެވެ. މާތް ﷲ އެ މީހުންނަށް ރަނގަޅު ގޮތަކަށް މަގުދައްކަވަންދެން އިންތިޒާރުކުރަންވާނެއެވެ.
ދުޢާ ކުރުމަކީ ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަ ކޮށް ބޮޑެތި ކަންކަން ދިމާވުމުން ދެ އަތް އުފުލައި އެ ކަމުން އަރައިގަންނާނޭ މަގެއް ދައްކައިވައިތޯ ﷲއަށް ދަންނަވަން ޖެހޭނެއެވެ. މާތް ﷲއީ ދުޢާ ޢިޖާބަކުރައްވާ ރަސްކަލާނގެއެވެ. އެއިލާހު ވަޙީކުރައްވައިފައި ވެއެވެ. ﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ (غافر: 60) މާނައީ "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."
ރަނގަޅު ޢާއިލާއެއްގެ އަސާސަކީ ޞާލިޙު އަނތްބެކެވެ. ރަނގަޅު މަންމައެކެވެ. ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އެފަދަ މީހަކު ދެއްވުން އެދި މާތް ﷲއަށް ދުޢާ ކުރާށެވެ. އެ ކަމަށް އެދި އަންނަނިވި ދުޢާ ކިޔުން އެދެވިގެންވެއެވެ. ﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾(الفرقان: 74) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ!"