އުޑުމަތިން ވެލާތައް އުދުހިގެން ނުދިޔަޔަސް ކަނޑުގެ ރާޅުތަކުތެރޭ ވެލާތައް "އުދުހެނީ" ވައިގެ ތެރޭ ދޫނިތައް އުދުހޭހައި
ލުއިކަމާއި ފަސޭހަކަމާ އެކު ހަލުވި ދުވެލީގައެވެ. ވެލާގެ ކަރުގެ ތިރިން އޭގެ ފޮށިގަނޑާ ގާތުން ބޮޑު ދެފިޔަ އަދި ފޮށިގަނޑުގެ ފަހަތުގައި، ފޮށިގަނޑުގެ ދަށުން ދެ ފަރާތުގައި ކުރު ދެ ފިޔަ ހުޅުވައިލައްޕަމުން ދޫންޏެއް އުދުހޭހެން އުދުހެމުން ކުރިޔަށް ދާއިރު ކަނޑަކީ އެސޮރުމެންނަށް ޖައްވޭ ހީވާ ކަހަލައެވެ. އެސޮރުމެންގެ ހަރަކާތްތަކަކީ އޮމާން ސާދާ ހަރަކާތްތަކެކެވެ. الله تعالى ޙަލްޤުކުރެއްވި ތަކެތީގެ ފުރިހަމަކަމާއެވެ. އެއިލާހަކީ އެންމެ ފުރިހަމައަށް ފަރުމާކުރައްވާ އިލާހެވެ.
ވެލާތަކަށް ކަނޑަކީ ވަކި ޙައްދެއް ނެތް ދުނިޔެއެކެވެ. ހިމޭންކަމާ އެކު އެސޮރުމެން އެ ދުނިޔޭގައި ދަތުރުކުރާއިރު ﷲގެ ޚަލްޤުކުރެއްވުމުގައި ހުރި ރިވެތިކަމާއި ފުރިހަމަކަން ބަލައިފި ކޮންމެ މީހަކަށް ތަކުރާރުކޮށް ހަނދާންކޮށްދެއެވެ. ކަނޑުއަޑީގައި މިސާލުވާ އެސޮރުމެންގެ އުދުހުން ދައްކުވައިދެނީ ކޮންމެ މަޚްލޫޤެއް ޙަލްޤު ކުރެއްވި މަޤްޞަދުގެ ފަހަތުގައި އޮތް ޙިކުމަތެވެ. الله تعالىއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ އިލާހެވެ.
ވެލަޔަކީ ﷲ ޚަލްޤުކުރެއްވި ޢަޖާއިބު ކުރުވަނިވި މަޚްލޫޤެކެވެ. އެސޮރުމެންގެ ގެވެއްސަކީ ކަނޑުކަނޑާއި ކޯރުކޯރާއި ފެންގަނޑުގަނޑާއި ބިންބިމާއި މިފަދަ އެކިއެކި ތަންތަނެވެ. މާތް ﷲ ޚަލްޤުކުރެއްވި ކޮންމެ މަޙްލޫގަކީ ވެސް މި ކައުނުގައި މުހިންމު ދައުރެއް އަދާކުރުމަށް ޓަކައި ޚަލްޤްކުރައްވައިފައިވާ އެއްޗެކެވެ. މި ކައުނުގެ ދިރުންތައް ދެމިތިބުމުގެ ނިޒާމުކަމުގައި ސައިންސްވެރިން ކިޔާ އިކޯސިސްޓަމަކީ މި ދެންނެވި ފުރިހަމަކަމަށް ދަލީލުކުރާ އެއް ހެއްކެވެ. ﷲ ތަޤުދީރު ކުރައްވާ ގޮތުގެ މަތީން މި ކައުނުގެ ކަންކަން ހިނގަހިނގާ ހުންނަނީ މި ދެންނެވި އިކޯސިސްޓަމުގެ ބުރު ދައުރުވުމުގެތެރެއިން އިޢާދަވެގެން އަންނަގޮތް ލައްވާފައިވާ ފުރިހަމަކަމުގެ ސަބަބުންނެވެ. الله تعالىއީ ނެތުމުގެ ތެރެއިން ޚަލްޤުތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަކުރައްވާ އެކަލާނގެއެވެ.
އިކޯސިސްޓަމްތައް ފަރުމާކުރައްވާފައި އޮތް ގޮތުން ﷲގެ ޙިކުމަތްވަންތަކަން ފެންނަ އެކިއެކި ކަންކަން ހުރެއެވެ. އޭގެ ތެރެއިން ވެސް ވެލަޔަކީ ގުދުރަތީ ނާޒުކު ހަމަޖެހުން ދެމެހެއްޓުމަށް ވަރަށް ޚާއްޞަ އެހީތެރިކަމެއް ދޭ އެއްޗެކެވެ. ފެން ސާފުކުރުމުގައި ވެލާގެ ދައުރު ވަރަށް މުހިންމެވެ. ކަނޑުގެ ލޮނުގައްޔާއި ކޯރުގެ މީރު ފެނުގައި ދިރިއުޅޭ ވެލާގެ އެކި ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތަކަކީ އެތަންތަނަށް ޖަމާވާ ކުނިބުނި ކައިގެން އުޅޭ ތަކެއްޗެވެ. އެ ގޮތުން އެސޮރުމެން ކައިއުޅެނީ މަރުވެފައިވާ ގަސްގަހާގެއްސާއި މަރުވެ މުޅަވަމުންދާ ޖަނަވާރާއި އޭގެ ބައިތަކެވެ. ކޯރުތަކާއި ކަނޑުތަކުގައި އުފެދޭ އެކިއެކި ޖަރާސީމް ފަދަ މާއްދާތަކާއި އެނޫން ތަކެތި ވެސް ވެލާ ކަހަނބު ކައިއުޅެއެވެ.
ކައުނީ ނިޒާމުގެތެރޭ އުފެދޭ މި ދެންނެވި ކުނިބުންޏަކީ، އެ ތަނުގައި ދިރިއުޅޭ އެހެނިހެން މަޚުލޫޤުތަކަށް ގެއްލުން ލިބި، ތިމާވެށި ހަލާކުކޮށްފާނޭ ތަކެއްޗެވެ. ކަނޑުގައި އުފެދޭ ކުނިބުނި ނައްތައި، މާސިންގާ ބޮޑެތި ކަނޑުތަކާއި ފަޅުފަޅާއި ގޮނޑުދޮށްތައް ސާފުކޮށް ފެނުމުގައި މިސޮރުމެން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. އެހެން ހުރިހާ މަޚުލޫޤާތްތަކަށް އެހީތެރިވާ މި ކުޅަދާނަ ބަޠަލް، މޫދުގައި ހެދޭ ވިނަފަދަ ކުދި ގަސްތައް ވެސް ކައި ހަދައެވެ. މޫދާއި ކަނޑުގެ އަޑީގައި އޮތް މާސިންގާ ޢާލަމް އޭގެ ސާފުކަމާއި ރީތިކަމުގައި ބޭއްވުމަށް ވެސް ވެލާ ކަނހަނބުގެ ދައުރު ވަކިން ކުޑެއް ނޫނެވެ.
ވެލާ، އެ އެއްޗެއްގެ ތެރޭ ފޮރުވިގަނެގެން އޮވެވޭ ފޮށިގަނޑަކީ އެއަށް ރައްކާތެރިކަން ދޭއެއްޗެކެވެ. އެސޮރުމެންނަށް ވުރެ ބޮޑެތި މަޚުލޫޤުންގެ ޙަމަލާތަކާއި އެނޫން ވެސް ގެއްލުން ތަކުން ސަލާމަތްވުމުގައި އެ ފޮށިގަނޑު ދޭ ރައްކާތެރިކަން ވަރަށް ބޮޑެވެ. ވެލާ ކަހަނބުގައި ﷲ ލައްވައިފައިވާ ދިގު އުމުރަކީ އެސޮރުމެންނަށް ދެއްވި ވަރަށް މަތިވެރި އަދި އެހާމެ ޝަރަފުވެރި ނިޢުމަތެކެވެ. މީގެ އިތުރަށް އެސޮރުމެން އެކިއެކި މާހައުލުތަކަށް ހޭނުމުގެ ޤާބިލުކަމަކީ ވެސް ޤުދުރަތުގެ ދަރުބާރުން، ﷲ އެސޮރުމެންނަށް ހިބަކޮށްދެއްވާފައިވާ ލާއިޤުކަމެކެވެ.
މި ހުރިހާ ކަމެއް ވެސް ހެކިދެނީ ﷲގެ މަތިވެރި ކަމަށެވެ. އެއިލާހުގެ ޢިލްމުފުޅުގެ ގިނަކަމާއި ޙިކްމަތްފުޅުގެ ތަނަވަސްކަމެވެ. ﷲ ޚަލްޤުކުރެއްވި އެއްވެސް އެއްޗަކީ ބާޠިލުގޮތުގައި އުފެއްދެވި އެއްޗެއް ނޫން ކަމެވެ. ކޮންމެ އެއްޗެއްކީ ވެސް އެއިލާހުގެ ޢިލްމުފުޅުގައި އަޒަލުއްސުރެ ދެނެވޮޑިގެންވާ ތަކެތި ކަމެވެ. ހަމަ ކޮންމެ މަޚުލޫޤަކީ ވެސް މި ޚަލްޤީ ކައުނުގައި މާނަހުރި ފުރިހަމަ ދައުރެއް އަދާކުރާ އެއްޗެއް ކަމެވެ. ކަލެއްގެ ކަށަކުޅަދުންވަންތަ ކަމާއެވެ. މިހުރީ ހައްތާ ވެސް ތަނަވަސް މިސާލުތަކެވެ.