ކީރިތި قرآنއަކީ ތެދުމަގެކެވެ.

2 ހަފްތާ ކުރިން
|
0

هَـٰذَا هُدًى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ﴿الجاثية: ١١﴾

މާނައީ: "މިއީ (އެބަހީ: މި قرآنއަކީ) ތެދުމަގެކެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ آيةތަކަށް كافرވި މީހުންނަށް ވޭންދެނިވި، އެންމެގަދަ عذابން عذابހުށްޓެވެ. 

ތަފްސީރުގައި ވަނީ:  މާނައީ މި ޤުރްއާނަކީ ފުރިހަމަކަމުގެ އިންތިހާގައިވާ ފޮތެކެވެ. އެއްވެސް މަގުފުރެދުމަކުން ކިލަނބުވެފައި ނުވާ ހައްޤަކީ އެއީއެވެ. އެ ފޮތުން ނޫރު ލިބިގަނެ އީމާންވި މީހަކަށެވެ. ޤުރްއާނުގެ ޙުއްޖަތްތައް އަލިގަދަވެފައި، އެއީ މުޢުޖިޒާތެއްކަން ފާޅުވެފައި ވާއިރު ވެސް އެ ފޮތް ޤަބޫލުކުރަން ދެކޮޅުހަދާ މީހުން ދަންނާށެވެ. އެބައިމީހުންނަށް އޭގެ ގަދަފަދަކަން ސިފަނުކުރެވޭ ވަރުގެ ގަދަފަދަ ވޭންދެނިވި ޢަޛާބު ހުށްޓެވެ. ޢަރަބި ބަހުގައި رِجْزއަކީ އެންމެ ގަދަފަދަ ޢަޛާބެވެ. އެއީ މާތް ﷲގެ އާޔަތްތަކަށް ކާފިރުވީ މީހާގެ ފާފައާއި ގުޅޭ ގޮތުން ގަދަކުރުމުގެ މައްޗަށް ގަދަކުރުމެކެވެ. އަދި އިންޒާރުގެ މައްޗަށް އިންޒާރެކެވެ. އިސްވެދިޔަ އާޔަތްތަކުގައި މާތް ﷲ ވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމުގެ ހެކިތައް ގެންނަވާފައެވެ. އަދި ހުރިހާ ދިމާއަކަށް ފެތުރިފައި ހުރި ކައުނީ ހެކިތަކަށް ބެލުމަށް އަންގަވާފައެވެ. ފަހެ، އިންސާނާ ކޮންމެ ދިމާއަކަށް އޭނާގެ ލޯ ހިންގާލިޔަސް އޭނާއަށް މާތް ﷲގެ ޢަޖާއިބުކުރުވަނިވި ހެކިތައް ފެންނާނެއެވެ. ފަހެ، އުޑުތަކުގައިވާ ބިޔަ ތަރިތައް އޭގެ ބޮޑެތި ފަލަކުތަކުގައި އެނބުރޭ ތަކެއްޗާ އެކު، ތަނަވަސް ފަޒާގައި އެނބުރޭއިރު އެއް ތަރި އަނެއް ތަރިއާ މުޑިނައަރައެވެ. އަދި އެއް ތަރި އަނެއް ތަރީގެ ފަލަކަށް ނުވަދެއެވެ. އަހަރުމެންގެ އިރުގެ ނިޒާމު، އޭގެ ބިޔަކަމާ އެކު ވެސް، މި ކައުނުގެ ބިޔަކަމަށް ބަލާއިރު، މާކަނޑަކުން ނެގޭ ފެން ތިއްކަކަށްވުރެ ވެސް އެތައްތަން ކުޑައެވެ. ކައުނުގެ ތަނަވަސްކަން ޢިއްޒަތްތެރިކަމާއި، މަތިވެރިވަންތަކަމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އެނގިގެން ނުވެއެވެ. އެހެންކަމުން، މާތް ﷲ ވަނީ އުޑުތައް ހެއްދެވި ގޮތާމެދު ފިކުރުކުރުމަށް އިންސާނުންނަށް އަންގަވާފައެވެ. އަހަރުމެން ދިރިއުޅެމުން މިދާ ބިމަކީ ތަރިތަކާއި މަޑި ކިލަނބުތަކާ އަޅައި ބަލާއިރު ޒައްރެއްގެ މިންވަރުގެ އެއްޗެކެވެ. މާތް ﷲ މި ކައުނުގައި ލައްވާފައިވާ ނިޒާމު ނެތް ނަމަ ދުނިޔެ ތަނަވަސް ފަޒާތެރެއަށް ބެހިގެން ހިގައްޖައީހެވެ. އެހެނެއްކަމަކު، މާތް ﷲ ވަނީ އެކަލާނގެ ޙިކްމަތްވަންތަކަމާއި، ރޭއްވެވުމުގެ ފުރިހަމަ ކަމުން މި ޢަޖާއިބެއްފަދަ ކައުނާއި ދުނިޔެއާއި އޮތް ގުޅުން ވަކި ނިޒާމެއްގެ ދަށުން ރާއްވަވާފައެވެ. އެ ގޮތުން އިރާއި ދުނިޔެއާ ދެމެދު ކަނޑައެޅިފައިވާ ވަކި ދުރުމިނެއް ލެއްވެވިއެވެ. އިރާ އެކު ދުނިޔެ ދައުރުކުރާއިރު މާތް ﷲ ކަނޑައަޅުއްވާފައިވާ މިންވަރަށްވުރެ ކައިރިވެސް އަދި ދުރުވެސް ނުވެއެވެ. ބިމާއި އިރާ ދެމެދުގައިވާ ދުރުމިނުގެ ދިހަބައިކުޅަ އެއްބައި ވަރު ބިމާއި އިރު ކައިރިވިޔަސް ބިން އޭގައި ވާހައި އެއްޗަކާއެކު އަނދައިގެންގޮސް ކަޅު ދެލިގަނޑަކަށް ވާނެއެވެ. އަދި ދުރުމިނުގެ ދިހަބައިކުޅަ އެއްބައި ދުނިޔެއާ ދުރުވިޔަސް އެތަނުގައި ވާހައި އެއްޗަކާ އެކު ފިނިވެގެން ގޮސް ބިން ގަނޑުވީހެވެ. ދެން، އިންސާނުންނާއި، ޙައިވާނުންނާއި ގަސްހާގެހީގެ މެދުގައި އޮތް ގުޅުމަކީވެސް ޢަޖާއިބެއްފަދަ ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ. އިންސާނާ ނޭވާލާއިރު އޮކްސިޖަން ބޭނުންކޮށްފައި ބޭރަށް ދޫކުރަނީ ކާބަންޑައިއޮކްސައިޑެވެ. ގަސްގަހާގެހި ކާބަންޑައިއޮކްސައިޑް ބޭނުންކޮށްފައި ބޭރުކުރަނީ އޮކްސިޖަނެވެ. އެހެންކަމުން އިންސާނާގެ ބޭނުމާއި ގަސްގަހާގެހީގެ ބޭނުން އެ ވަނީ ގުޅި ލާމެހިފައެވެ. އިންސާނާގެ ވަށައިގެން ތަފާތު ބާވަތް ބާވަތުގެ ނަޢަމް ސޫތްޕާއި، މިނިކާ ޖަނަވާރާއި، ސޫފާސޫފި ވެއެވެ. އެ ތަކެތީގެ ޙަޔާތް ވެސް ވަނީ ފުރިހަމައަށް އިންތިޒާމްކުރެވިފައެވެ. މިސާލަކަށް ގެރި ބަކަރި ވިހައި އިތުރުވާ ވަރަށް ސިންގާ ވިހައި އިތުރުނުވެއެވެ. އެ ގޮތަށް ސިންގާ ގިނަ ވާނަމަ ސިންގާ އިންސާނެއް ވެސް އަދި އެއްވެސް ކާއެއްޗެއް ވެސް ދޫނުކުރީހެވެ. އަދި މީސްތަކުންގެ ގޭގެއަށް ހަމަލާދީ، ކުޑަކުދިންނާއި ބޮޑެތި މީހުން އޭގެ ޝިކާރައަކަށް ހެދީހެވެ. މެއްސެއް ދިރިއުޅެނީ ހަފުތާއަކަށް ނުވަތަ ދެ ހަފުތާއަށެވެ. އެސޮރު ބިސް އަޅާއިރު ލައްކައިން ބިސް އަޅައެވެ. އެސޮރު އަހަރަކަށް ނުވަތަ ދެ އަހަރަށް ދުނިޔޭގައި އުޅެން ދޫކޮށްލެވިއްޖެ ނަމަ، މީސްތަކުންގެ ހަށިތައް ފޮރުވައިލާ ވަރަށް ގިނަވެ ލޮލާ ތުންފަތް ފަދަތަންތަން އެސޮރު ކާ ހިސާބަށް ދިޔައީހެވެ. އަދި އެ މުޞީބާތެއް ފަދަ ޖައްވުގައި ދިރިއުޅުމަކީ ކުޅަދާނަ ކަމަކަށް ނުވީހެވެ. އެހެންނަމަވެސް މާތް ﷲގެ ކުޅަދުންވަންތަކަމުން ހުރިހާ މަޚްލޫޤުން ހިމެނޭހެން ހުރިހާ ކަމެއް ވަނީ ފުރިހަމައަށް ރާއްވަވައި އިންތިޒާމުކުރައްވާފައެވެ. ޤުރްއާނުގައި މި ކައުނާއި، އޭގައިވާ ޢަޖާއިބުކުރަނިވި ޚަލްޤުތަކުންނާމެދު ވިސްނައި ފިކުރުކޮށް ބެލުމަށް އަންގަވާފައިވަނީ ދެވަނައެއް ނެތް މި ސިއްރަށްޓަކައެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ މި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. ﴿إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَءايَـٰتٍ لِّلْمُؤْمِنِينَ * وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌ لِّقَوْمٍ يُوقِنُونَ﴾ ޚަލްޤުކުރައްވައި ފުރިހަމަ ކުރެއްވި، އަދި ޙިކްމަތާއެކު ތަދްބީރުކުރައްވައި، ކޮންމެ އެއްޗަކަށްމެ އޭގެ ސިފައާއި ޠަބީޢަތް ދެއްވައި މަގު ދެއްކެވި ރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.