މޫސާގެފާނަކީ ޖާދޫދަސްކޮށްދިން ބޮޑު މީކާކަމަށް ފިރުޢައުނު ބުންޏެވެ. އެއީ ދޮގެކެވެ!

1 މަސް ކުރިން
|
0

قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ ﴿الشعراء: ٤٩﴾

މާނައީ: "އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ."

ތަފްސީރުގައި ވަނީ: ފިރުޢައުނު ސިހުރުވެރިންނަށް ބުންޏެވެ. ތިޔަބައިމީހުން މޫސާ عليه السلامއަށް އީމާންވީ އަހަރެންގެ ހުއްދަ ނުހޯދައެވެ. އެކަލޭގެފާނަކީ ތިޔަބައިމީހުންނަށް ސިހުރު ދަސްކޮށްދެއްވި ތިޔަބައިމީހުން ވެރިޔާއެވެ. ދޭން އޭނާ އެބައިމީހުންގެ އަތްތަކާ ފައިތައް ތަފާތުވާ ގޮތަށް ބުރިކޮށް، ގަސްތަކުގެ ގަސްގަނޑުގައި އެބައިމީހުން ޞަލީބަށް އަރުވައި، އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ދޭނެ ކަމުގެ އިންޒާރުދިނެވެ. މި ވާހަކައިން ލަޢުނަތްލެއްވި ފިރުޢައުނު ބޭނުންވީ އޭނާގެ ޤައުމުގެ މީހުން އޮޅުވާލުމެވެ. ސިހުރުވެރިން މޫސާ عليه السلامއާ އެކު ބައިވެރިވެގެން ނުބައިރޭވުމެއް ރޭވީކަމަށް އޭނާ ދަޢުވާކުރީ، ސިހުރުވެރިން އީމާންވީ ޙައްޤު ފެނި އެ ބައިމީހުން ޙައްޤު ގޮތް ޤަބޫލުކޮށްގެން ކަމުގައި ޤައުމުގެ މީހުން ޤަބޫލުކޮށްފާނެތީއެވެ. މިއީ ކަނޑައެޅިގެން ބުހުތާނު ދޮގެވެ. އެހެނީ، އެ ދުވަހުގެ ކުރިން މޫސާ عليه السلام އެ ސިހުރުވެރިން ދެކެވަޑައިނުގަންނަވައެވެ. އަދި އެބައިމީހުންނާ އެކަލޭގެފާނު ބައްދަލުކުރައްވައިފައި ނުވެއެވެ. އެއީ، ބަލިވެ ގޮތް ހުސްވީމާ ދައްކާ ޙުއްޖަތެވެ. އަދި ޣަރަޤުވާންދާ މީހާ ހިފާ ވާފަށެވެ. މި އިންޒާރާއެކު ވެސް، ފިރުޢައުނުގެ އިންޒާރަށް ފަރުވާލެއް ބެހެއްޓުމެއް ނެތި، ސިހުރުވެރިން އެބައިމީހުންގެ އީމާންކަމުގެ މަތީގައި ދެމިތިއްބެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.