އިސްލާމީ މުޖުތަމަޢެއްގެ ބިންގާ: އަމިއްލަ ނަފުސުން ފެށިގެން ޤައުމާ ހަމައަށް

1 މަސް ކުރިން
|
0

މުޖުތަމަޢަކީ އެއް ސަރަހައްދެއްގައި ދިރިއުޅޭ ބަޔަކު އެކަނި ކަމަށް އިސްލާމްދީން ނުދެކެއެވެ. އެހެނަސް އެއީ އީމާންކަމާއި އަޚުވަންތަކަމުން ގުޅިފައިވާ އެއް ހަށިގަނޑެއް ފަދަ، އެކަތިގަނޑެއްގެ ގޮތުގައި އޮންނަންޖެހޭ، ހިޔާވެއްސެކެވެ. މުޖުތަމަޢުގެ ހެޔޮކަމާއި ދުޅަހެޔޮކަމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ހަމައެކަނި އަމިއްލަ ނަފުސައިގެން އުޅެންޏާ މުޖުތަމަޢު ބިނާކުރުމުގެ ވާޖިބު އަދައެއް ނުވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا﴾ (التحريم: ٦) މާނައީ: "ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ."

އިސްލާމީ މުޖުތަމައެއްގެ އެންމެ މުހިންމު އެއް އަސާސަކީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާކުރުމެވެ. މި އުންމަތް އެންމެ ހެޔޮ އުންމަތް ކަމުގައި ވަނީ މި މަތިވެރި ވާޖިބު އަދާކުރާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ﴾ (آل عمران: ١١٠) މާނައީ: "މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ."

ފާފަކުރުން މުޖުތަމަޢުގައި ފާޅުވެ އާންމުވަމުން-ދާއިރު، އެއީ "ތިމާ ނޫން އެހެން މީހެއްގެ ކަމެކޭ" ބުނެ އެކަހެރިވެގެން ހުރުމަކީ އިސްލާމީ ޝަރީޢަތާއި އީމާންކަމާ ފުށޫއަރާ ޢަމަލެކެވެ. އެ ޒިންމާ އަދާނުކުރެ-ވެންޏާ ނުބައި ކަންތައް އާންމުވެ، މުޖުތަމަޢުގެ އަޚުލާޤީ އަދި އިޖުތިމާޢީ ފޭރާން ވީދިދާނެއެވެ. ހެޔޮ މުޖުތަމަޢެއް ބިނާކުރެވެނީ އޭގެ އަފުރާދުން އެކަކު އަނެކަކުގެ އިޞްލާޙަށް މަސައްކަތްކޮށްގެންނެވެ.

މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ އަޅުގަނޑުމެންނަށް ދެއްކެވީ ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمއެވެ. މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އެކަލޭގެފާނު ވަނީ އިސްލާމީ މުޖުތަމަޢުގެ ބިންގާ ވަރަށް ހަރުދަނާ ގޮތެއްގައި އަޅުއްވައިފައެވެ. އެ ގޮތުން، ބިނާކުރެއްވި މިސްކިތްކޮޅު ޚާއްޞަކުރެއްވީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ގޮތުގައެއް ނޫނެވެ. ޢިލްމު އުނގަންނައިދޭ ތަނެއްގެ ވެސް ގޮތުގައެވެ. މުޖުތަމަޢުގެ މައްސަލަތައް ހައްލުކޮށް، ދީނާއި ދުނިޔޭގެ ކަންކަމުގައި އިރުޝާދު ދެއްވުމަށް ހިންގެވި މަރުކަޒެއްގެ ވެސް ގޮތުގައެވެ. އަދި މުހާޖިރުންނާއި އަންޞާރުންގެ މެދުގައި އަޚުވަންތަކަމުގެ ގުޅުން ޤާއިމުކުރެއްވިއެވެ. އެބޭކަލުންނަކީ އެކަކު އަނެކަކަށް އެހީތެރިވާ، އެއްބައިވަންތަ ބަޔަކަށް ހެއްދެވިއެވެ. މަދީނާގެ ދުސްތޫރެއް ޤާއިމުކުރައްވައި އޭގެ ދަށުން، އަދުލުވެރިކަމާއި އަމާންކަން މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް ވެސް ކަށަވަރުކޮށްދެއްވިއެވެ. މި ކަންކަމުން އެނގެނީ، ރަނގަޅު ފިޔަވަޅުތަކަކާ އެކު އިސްލާމީ މުޖުތަމަޢެއް ބިނާކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ޢަމަލީ މަސައްކަތެއް ކަމެވެ.

އިސްލާމީ އަސާސްތަކުގެ މަތީ ޤާއިމުވެފައި އޮންނަ މުޖުތަމަޢަކީ އަމާންކަމާއި ޞުލްޙަވެރިކަމުގެ ވެށްޓެކެވެ. އެ ފަދަ މުޖުތަމަޢެއްގައި އިޖުތިމާޢީ އަދުލުވެރިކަން ޤާއިމުވެ، މުއްސަނދިން ފަޤީރުންނަށް އެހީތެރިވެ، އިސްލާމީ ހަމަތަކުގެ މަތިން އެންމެންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެއެވެ. މީގެ ނަތީޖާއަކީ ޖަރީމާތައް މަދުވެ، އެކަކު އަނެކަކަށް އިޙުތިރާމްކުރާ، އެއްބައިވަންތަ ބަޔަކު އުފެދުމެވެ. އެންމެ މުހިންމު ކަމަކީ، އަޚުލާޤީ ގޮތުން ރައްކާތެރި، ދީނީ މާހައުލެއް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމެވެ.

މި ކުޑަކުޑަ ދިވެހި މުޖުތަމަޢު އިސްލާމީ އުސޫލުތަކުގެ މަތީގައި ބިނާކުރުމަކީ ހަމައެކަނި ވެރިންނާއި ޢިލްމުވެރިންގެ ޒިންމާއެއް ނޫނެވެ. އެއީ އަމިއްލަ ނަފުސުން ފަށައިގެން، ޢާއިލާތަކާއި އަވަށްޓެރިންނާއި މުޅި ޤައުމުގެ ފެންވަރުގައި އަޅުގަނޑުމެން އެންމެން އަދާކުރަންޖެހޭ ވާޖިބެކެވެ. ވީމާ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހާސިލުކުރުމަށް ޓަކައި، އިސްލާމީ އަސާސްތަކަށް އިސްކަންދީ، އެއްބައިވަންތަ، އަމާން މުޖުތަމަޢެއް ބިނާކުރުމުގެ ޢަޒުމް އާކުރަމާ ހިނގާށެވެ!

މިއީ ދީނުގެމަގު 250ވަނަ ނަންބަރުގައި الشَيْخ مُحَمَّد أَشْرَاف إِبْرَاهِيْم ލިޔުއްވާފައި އޮތް ލިޔުމެކެވެ.