ހިތަށް ޖެހޭ ޖިސްމާނީ އެކިއެކި ބަލިތަކަކީ ވަރަށް ނުރައްކާތެރި ބަލިބައްޔެވެ. އެ ބަލިތަކަށް ރައްކާތެރި ނުވެވިއްޖެއްޔާ ފުރާނައަށް ނުރައްކާވުން ގާތެވެ. އަދި ބަލިތަކަށް ރައްކާތެރިވުމަށް ޑޮކްޓަރުން ދެއްވާ އިރުޝާދުތައް ނުހަނުގިނައެވެ. ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން ހިތަށް ޖެހޭ ރޫޙާނީ ބަލިބަލި ވެސް ހުރެއެވެ. އެއީ ޖިސްމާނީ ބަލިބައްޔަށްވުރެން ވެސް ނުރައްކާ ބޮޑު ބަލިބައްޔެވެ. ދެ ދުނިޔޭގެ އަބާއްޖަވެރިކަން ކުރިމަތި ކުރުވާ ކަންކަމެވެ.
ހިތަކުން އިމާންކަން ފިލައިދިޔުމަކީ، ހިތް މަރުވުން ކަމުގައި ދަންނަބޭކަލުން ސިފަކުރައްވައެވެ. އަދި ދިރިތިބީންގެ ތެރޭގައި މަރުވެފައިވާ ހިތްތަކެއް ލިބިފައިވާ ބަޔަކު ވެސް އުޅޭ ކަމުގައި އެބޭކަލުން ވިދާޅުވެއެވެ. ހިތް އިޞްލާޙުވެއްޖެއްޔާ މުޅި ހަށިގަނޑު އިޞްލާޙުވާނޭ ކަމުގައްޔާއި، ހިތް ފަސާދަވެއްޖެއްޔާ މުޅި ހަށިގަނޑު ފަސާދަވާނޭ ކަމުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވައިފައެވެ. ހުރިހާ ގުނަވަނެއް ވަނީ ހިތަށް ތަބާވެގެންނެވެ. އެ ގުނަވަންތަކުގެ މައްޗަށް ވެރިކަންކުރަނީ ހިތެވެ. ހިތް ސީދާ ނުވަނީސް ގުނަވަންތައް ސީދާ ނުވާނެއެވެ.
އަލްޢައްލާމާ އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައި ވެއެވެ. "(މަރުވެފައިވާ ހިތެއްގެ ވެރިޔަކީ) އޭނާގެ ވެރިރަސްކަލާނގެ ނުދަންނަ މީހާއެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ގޮތަށް އަޅުކަންނުކުރާ މީހެކެވެ. އޭގެ ބަދަލުގައި، އޭނާ އުޅެނީ އޭނާގެ ހަވާނަފުސުގެ އެދުންތަކާއި ލައްޒަތުތައް ހޯދުމުގައެވެ. އެ ކަންކަމަކީ އޭނާގެ ވެރިރަސްކަލާނގެ ނުރުހުމާއި ކޯފާއަށް އޭނާ ހުށަހަޅާ ކަންކަމަށްވިޔަސް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. އެހެންކަމުން، އޭނާ އަޅުކަން އެ ކުރަނީ ﷲ ފިޔަވައި އެހެން ފަރާތްތަކަށެވެ. އެ ފަރާތްތަކަށް އޭނާ ލޯބިވުމާއި، ބިރުވެތިވުމާއި، އުންމީދުކުރުމާއި، ރުހުމާއި، ނުރުހުންވުމާއި، މަތިވެރިކުރުމާއި ނިކަމެތިވުން ހިމެނެއެވެ. މިފަދަ ހިތެއްގެ ވެރިޔަކާ އެކުވުމަކީ ބައްޔެކެވެ. އޭނާއާ އެކު އުޅުމަކީ ވިހައެކެވެ. އަދި އޭނާއާ އެކު މަޖިލިސްކޮށް އުޅުމަކީ ހަލާކެވެ." (إغاثة اللهفان 1/9)
އިބްނުލް ޤައްޔިމު رحمه اللهގެ އެހެން ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިބާގެ ހިތް ތިން ތަނަކުން ހޯދާށެވެ. އެއީ؛ ޤުރްއާން އަޑުއެހުމުގައްޔާއި، ޛިކުރުގެ މަޖިލިސްތަކުގައްޔާއި، އެކަހެރިވެ ހުންނަ ވަގުތުތަކުގައެވެ. ފަހެ، މި ތަންތަނުން ތިބާގެ ހިތް ނުފެނިއްޖެއްޔާ ތިބާއަށް ހިތެއް ދެއްވުން އެދި ﷲއަށް ދުޢާކުރާށެވެ. އެހެނީ، ހަމަކަށަވަރުން، ތިބާއަށް (ޙަޤީޤީ) ހިތެއް ނުވެއެވެ." (الفوائد 1/148)
ހިތަކީ ހަމައެކަނި ލޭ ދައުރުކުރުމަށް ޓަކައި ލައްވަފައިވާ ގުނަވަނެއް ނޫނެވެ. ހިތަކީ އީމާންކަމާއި ހިދާޔަތު އެ ތަނެއްގައި ލައްވައިފައިވާ މަރުކަޒެވެ. ހިތަކީ ނިޔަތުގެމަޤާމެވެ. ޢަމަލުތަކަށް ޖަޒާދެއްވުންވަނީ ނިޔަތުގެމައްޗަށެވެ. މިފަދަ އެތައްސަބަބަކަށް ޓަކައި، ޙަޤީޤީ މުއުމިނުންނަކީ ކީރިތި ޤުރުއާނުގެ އާޔަތްތައް އަޑު އިވޭހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިކަމާ އެކު މަޑުމޮޅިވާ މީހުންކަމުގައި މާތް ﷲ ވަނީ ސިފަކުރައްވައިފައެވެ.
މިއީ ދީނުގެމަގު 250ވަނަ ނަންބަރުގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައި އޮތް ލިޔުމެކެވެ.
ދީނުގެމަގު
ދީނުގެމަގު