250 ގުނައަށް ސަވާބު އިތުރުވާ ނަމާދު

1 މަސް ކުރިން
|
0

ނަމާދުގެ ސަވާބު އިތުރުވާ ގޮތުގެ ވާހަކައަކީ ޝައުޤުވެރި ވާހަކައެކެވެ. ކޮންމެ މުސްލިމަކު ވެސް ނަމާދުކުރަނީ ސަވާބު އެދިގެންނެވެ. އެ ނަމާދުން ލިބޭ އަޖުރުން އޭނާގެ ދަރަޖަ ﷲގެ ޙަޟްރަތުގައި އުފުލުން އެދިގެންނެވެ. ޤިޔާމަތްދުވަހު، އިތުރު ހިސާބުބެއްލެވުމަކައިނުލާ ސުވަރުގެ ވަނުމުގެ އުންމީދު އޭނާގެ ހިތުގައި އައުކުރަމުންނެވެ.

ބައެއްފަހަރު ނަމާދުގެ ސަވާބު ވަގުތާ ގުޅިގެން އިތުރުވާއިރު، އަނެއްބައި ފަހަރު އެކަން ވަނީ ނަމާދުކުރާ ތަނާ ގުޅިގެންނެވެ. ފަތިސް ނަމާދުގެ އިހު ސުންނަތް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވާބޮޑުވުން އެއީ ވަގުތާ ގުޅިގެން ނަމާދުގެ އަޖުރު އިތުރުވާ އެއް މިސާލެވެ. އޭގެ އަނެއް މިސާލަކީ ހުކުރު ދުވަހުގެ ފަތިސް ނަމާދެވެ. އަދި ހަމަ އެހެންމެ ކޮންމެ ފަރުޟު ނަމާދެއް ވެސް އެ ނަމާދުގެ އެންމެ ކުރީކޮޅުގައި އަދާކުރުމީ އެންމެ ހެޔޮ ޢަމަލު ކަމުގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ބަޔާންކުރައްވައިފައެވެ. މިއީ ވެސް ނަމާދުކުރާ ވަގުތާ ގުޅިގެން ލިބޭ ޙާއްޞިއްޔަތެކެވެ. ކަށުނަމާދުގެ ސަވާބު އުޙުދު ފަރުބަދަހައި ގިނަވެފައި އޮންނައިރު އޭގެ އަޖުރު ވެސް ލިބެނީ ވަގުތާ ގުޅިގެންނެވެ. އެއީ އިންސާނަކު ދުނިޔެ ދޫކުރުމުން އޭނާގެ މައްޗަށް ދިރިތިބީން ކަށުނަމާދު ކުރާ ވަގުތެވެ. ކޮންމެ ތަނެއްގައި ކުރިޔަސް އެ ސަވާބު ލިބޭ ހުށްޓެވެ.

ނަމާދުކުރާ ތަނާ ގުޅިގެން އަޖުރު އެންމެ ބޮޑަށް އިތުރުވަނީ އަލްމަސްޖިދުލް ޙަރާމުގައެވެ. އެ ނޫން އެހެން ތަންތާ ކުރާ ނަމާދަށްވުރެ އެ މިސްކިތުގައި ކުރާ ކޮންމެ ނަމާދެއްގެ ސަވާބު އެއް ލައްކަ ގުނައަށް އިތުރުވާނެ ކަމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވައިފައެވެ. އެކަލޭގެފާނުގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީގައި ކުރާ ކޮންމެ ނަމާދެއްގެ ސަވާބު އެއް ހާސް ގުނައަށް އިތުރުވާ ކަމުގައި ވެސް އެންގެވިއެވެ. އަދި ހަމައެހެންމެ އަލްމަސްޖިދުލް އަޤްޞާގައި ކުރާ ނަމާދުގެ ސަވާބު 250ގުނައަށް އިތުރު ކުރައްވާނެކަން ޙަދީޘަކުން އެނގެން އެބައޮތެވެ.

އަލްމުޢުޖަމުލް އައުސަޠުގައި އިމާމް ޠަބަރާނީ ލިޔުއްވިއެވެ. އަބޫޛަރް އަލްޣިފާރީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުން ސުވާލެއް ކުރެއްވިއެވެ. އެއްސެވީ އަޖުރުގެ ގޮތުން އެންމެ އިތުރީ ބައިތުލް މަޤުދިސްގައި ކުރާ ނަމާދުތޯ ނުވަތަ މަސްޖިދުން ނަބަވީގައި ކުރާ ނަމާދުތޯއެވެ؟ ޙަދީޘްކުރެއްވީ، «صلاةٌ في مسجِدي هذا، أفضلُ من أربعِ صلواتٍ فيهِ» މާނައީ: "ތިމަން ކަލޭގެފާނުގެ މި މިސްކިތްކޮޅުގައި ކުރާ ނަމާދު އެ މިސްކިތުގައި (އެބަހީ މަސްޖިދުލް އަޤްޞާގައި) ކުރާ ނަމާދައްވުރެ ހަތަރު ގުނަ އިތުރުވެގެން ވެއެވެ. މަސްޖިދުއްނަބަވީގައި އެއް ހާސް ގުނައެވެ. އެހެންވީމައި އޭގެ ހަތަރުބައިކުޅަ އެއްބަޔަކީ 250އެވެ. q

މިއީ ދީނުގެމަގު 250ވަނަ ނަންބަރުގައި الشَّيْخُ مُحَمَّدُ أَفْضَلْ ލިޔުއްވައިފައި އޮތް ލިޔުމެކެވެ.