އިންސާނާގެ ޖިސްމު އުފެއްދެވުން.

1 މަސް ކުރިން
|
0

ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَـٰمًا فَكَسَوْنَا ٱلْعِظَـٰمَ لَحْمًا ثُمَّ أَنشَأْنَـٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَـٰلِقِينَ ﴿المُؤمنون: ١٤﴾

މާނައީ: "ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ."

ތަފްސީރުގައި ވަނީ: ދެން ތިމަންރަސްކަލާނގެ އެ ނުޠުފާ ފެންގަނޑުގެ މަތީގައި އެލިގެން އޮންނަ ކުޑަ ފަޏްނެއް ފަދައިން ރަހިމުގައި ތަތްވެފައިވާ ޢަލަޤާ (ގަނޑު ލޭކޮޅެއް) އަކަށް ބަދަލުކުރެއްވީމެވެ. ދެން، އެ ޢަލަޤާ މުޟްޣާ އަކަށް (އެއް ފަހަރުން ހަފާލެވޭ ވަރުގެ މަސްކޮޅަކަށް) ބަދަލުކުރެއްވީމެވެ. ދެން، އެ މަސްކޮޅު ހަރު ކަށްޓަށް ބަދަލުކުރެއްވީމެވެ. އެއީ ހަށިގަނޑު ތެދަށް ހިފައްޓާ މައިބަދައަށް ވުމަށެވެ. އަދި ތިމަންރަސްކަލާނގެ އެކަށީގެ މަތިން ލެވޭ ފޭރާމެއް ފަދައިން މަސް ލެއްވީމެވެ. އަދި އެ މަހުން ބޮލާއި، ދެ އަތާއި، ދެ ފަޔާއި، ބަނޑު ހިމެނޭ ސޫރަ ހެއްދެވީމެވެ. އަދި އެ ސޫރަ ނާރުތަކާއި، ލޭހޮޅިތަކުން ވަރުގަދަކުރެއްވީމެވެ. ދެން، ހަތަރު މަސް ހަމަވުން އެ ސޫރައަށް ފުރާނަ އެޅުއްވީމެވެ. ދެން، ފުރަތަމަ އުފެއްދުމާ މުޅިން ޚިލާފު އުފެއްދުމެއްގެ ގޮތުގައި އޭނާ ހެއްދެވީމެވެ. ފަހެ، އެ ކުއްޖާ ވަނީ ދިރުމެއް ނެތް އެއްޗެއްގެ ގޮތުގައި އޮތުމަށްފަހު ފުރިހަމަ އިންސާނަކަށް، މަންމަނެއްގެ ގޮތުގައި އޮތުމަށްފަހު ވާހަކަ ދައްކާ މީހަކަށް، ލޯފަން ކުއްޖެއްގެ ގޮތުގައި އޮތުމަށްފަހު ލޮލަށް ފެންނަ މީހަކަށް، އަދި ބީރު ކުއްޖެއްގެ ގޮތުގައި އޮތުމަށްފަހު އަޑުއިވޭ މީހަކަށް ބަދަލުވެފައެވެ. އެންމެ ފުރިހަމަ ގޮތުގައި ޚަލްޤުކުރައްވާ، އެންމެ ރިވެތި ގޮތުގައި ހައްދަވާ ރަސްކަލާނގެ މަތިވެރިވަންތަކަމާއެވެ!

އެ ހިތްވަރުގަދަ، ބާރަށް ކުރިއަށްދާ ލަޝްކަރު (ދަރިފަނި) ދަތުރު ފަށަނީ މަނި ތިއްކަކުންނެވެ. ލޮލަށް ނުފެންނަހާ ކުޑަ އެއްޗެއް އޭގެ ޙަޔާތުގެ ބައިރިވެރިޔާއާ (އަންހެންމީހާގެ ދަރިމައިވާ ބިހާ) ގުޅުމުން އެ ބިހުން ލޮލަށް ފެންނަ، އަޑު އިވޭ، ފުރިހަމަ އިންސާނެއް އުފެދެއެވެ. ފަހެ، މާތް ﷲގެ ކުޅަދުންވަންތަކަން ހާދަހާ މަތިވެރިއެވެ. އަދި އެކަލާނގެ ރޭއްވެވުން ހާދަހާ ފުރިހަމައެވެ. އެ ނިކަމެތި ފެންތިކި ހަރަކާތްތެރި، ވާހަކަ ދައްކާ، ތެދުވެ އިށީނދެ ހަދާ، މީސްތަކުންނާއި ވާހަކަ ދައްކައި، އެބައިމީހުންނާ މުޚާޠަބުކުރާ މަތިވެރި އިންސާނަކަށް ބަދަލުވީ ކިހިނެއް ހެއްޔެވެ؟ ފެން ތިއްކެއް ކަނޑުން އަރައިގެން އައިސް އިބާރާތްތައް ރީތި، ފުރިހަމަ ބަހުރުވައިން މީސްތަކުންނާ މުޚާޠަބުކުރަން ހުއްޓާ ތިމަން ދުށީމޭ ތިބާ ގާތު މީހަކު ބުނެފި ނަމަ ތިބާ އޭނާއާ ދިމާއަށް ބުނާނީ އޭނާއަކީ މޮޔައެކޭއެވެ. މިއީ އިންސާނާ އުފެއްދެވުމުގެ ޙަޤީޤަތެވެ. އޭނާ އުފެދިގެން އައީ ނަފުސުތައް އެއަށް ފަކުރުގަންނަ ދެރަ ނިކަމެތި ފެން ތިއްކަކުންނެވެ. ﴿أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ * فَجَعَلْنَـٰهُ فِى قَرَارٍ مَّكِينٍ * إِلَىٰ قَدَرٍ مَّعْلُومٍ * فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ﴾ (ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟ * ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: ރަޙިމުގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ. * އެނގިގެންވާ މުއްދަތަކަށެވެ. * ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާ ކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!) މި ޙަޤީޤަތް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވާ ޤުދްސީ ޙަދީޘުގެ މަތިވެރިކަމުގެ ސިއްރު މި އާޔަތްތަކުން އަހަރުމެންނަށް އެނގިއްޖެއެވެ. އެ ޙަދީޘަކީ: عَنْ بُسْرِ بْنِ جِحَاشٍ الْقُرَشِيِّ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَصَقَ يَوْمًا فِي كَفِّهِ فَوَضَعَ عَلَيْهَا إِصْبَعَهُ، ثُمَّ قَالَ: "قَالَ اللَّهُ: بُنَيَّ آدَمَ، أَنَّى تُعْجِزُنِي؟ وَقَدْ خَلَقْتُكَ مِنْ مِثْلِ هَذِهِ، حَتَّى إِذَا سَوَّيْتُكَ وَعَدَلْتُكَ، مَشَيْتَ بَيْنَ بُرْدَيْنِ وَلِلْأَرْضِ مِنْكَ وَئِيدٌ، فَجَمَعْتَ، وَمَنَعْتَ حَتَّى إِذَا بَلَغَتِ التَّرَاقِيَ، قُلْتَ: أَتَصَدَّقُ. وَأَنَّى أَوَانُ الصَّدَقَةِ؟". (مسند أحمد، مسند الشاميين / ج: 29، ص: 387) (ބުސްރު ބްނު ޖިޙާޝް އަލްޤުރަޝީގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ އެއްދުވަހަކު އެކަލޭގެފާނުގެ އަތްތިލަފުޅަށް ކުޅުފޮދުޖެއްސެވިއެވެ. ދެން އެކަލޭގެފާނުގެ އިނގިލިފުޅު އެކުޅުފޮދުގައި ޖައްސަވާފައި ޙަދީޘުކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "އާދަމުގެ ދަރިޔާއެވެ! ތިބާ ތިމަންރަސްކަލާނގެ ނުކުޅައްދާނީ ކިހިނެއް ހެއްޔެވެ؟ ތިމަންރަސްކަލާނގެ ތިބާ ހެއްދެވީ މިފަދަ އެއްޗަކުންނެވެ. ދެން ތިމަންރަސްކަލާނގެ ތިބާ ހައްދަވައި ފުރިހަމަކުރައްވައި ތިބާގެ އިސްކޮޅާއި ރޫފަ ގުޅޭ ގޮތަށް ހެއްދެވުމުން ތިބާ ދެގަނޑެތި ލައިގެން ބިމުން އަޑުކިޔާވަރަށް ބާރަށް ބިންމަތީގައި ހިނގައެވެ. އަދި ތިބާ (މުދާ) އެއްކޮށް (އެމުދަލުން ހޭދަކުރުމުން) މަނާވެގަނެއެވެ. ދެން ވައިނޮޅި ކަށިގަނޑާ ހަމައަށް (ފުރާނަ) ފޯރުމުން ތިބާ ބުނެއެވެ. އަހަރެން ޞަދަޤާތް ކުރާނަމެވެ. އެއީ ޞަދަޤާތުގެ ވަގުތަށް ވާނީ ކިހިނެއް ހެއްޔެވެ؟") (މުސްނަދު އަޙްމަދު، ޙަދީޘު: 17844)