ޤުރްއާން މުބާރާތުގެ އެއްވަނައަށް އަންނަ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ސްކޮލަރޝިޕް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤުރުއާން މުބާރާތުގެ ބައިވެރިންގެ ތެރެއިން އެއްވަނައަށް އަންނަ ހުރިހާ ފަރާތްތަކަށް ޕީއެޗްޑިއާ ހަމައަށް ސްކޮލަރޝިޕް ދެއްވާނެކަމަށެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި އޮތީ "މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވާނީ ނިންމާފައި." މިފަދައިންނެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެއީ އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭ ކަންތައް ކަމަށް ވެސް އެ އަހަރުގެ ޖަލްސާގައި ވިދާޅުވިއެވެ. އެ އަހަރު އިތުރަށް ވިދާޅުވީ "އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް." ކަމަށެެވެ.

މި އަދު ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ "އަދި މުޅި މުބާރާތުން މި ދެންނެވި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ." ކަމަށެވެ. 

ޤުރުއާން މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދެއްވާ އިނާމުތައް ވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެކަމަށާއި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުތައް ވެސް އިތުރަށް ފަހިކޮށްދެއްވާނެކަމަށް އެ ޕޯސްޓުގައި ވެއެވެ.

މި އަހަރުގެ ޤައުމީ ޤުރުއާން މުބާރަތް ބާއްވާފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 18އިން 26އަށެވެ. މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދެވުނު މި މުބާރާތުގައި 119 ތަނަކުން 1،037 މީހުން ބައިވެރިއެވެ. އެ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިޢުލާނުކުރައްވައިފައެއް ނުވެއެވެ.