އީމާންކަމުގެ އަހުލުވެރިން ވަކީލުކުރާހުށީ މާތް ﷲއަށެވެ.

2 މަސް ކުރިން
|
0

وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ ﴿١٢﴾

ތަފްސީރުގައި ވަނީ: މިއީ ރަސޫލުބޭކަލުންގެ ޤައުމުތަކުގެ މީހުން އެބޭކަލުންނަށް ފުރައްސާރަ ކުރާތަން ފެނިވަޑައިގަތުމުން އެބޭކަލުން ވިދާޅުވި ވާހަކަފުޅެވެ. އެބޭކަލުން އެބައިމީހުންނަށް ވިދާޅުވިއެވެ. އެންމެ ފާޅުކަން ބޮޑު، އެންމެ ސީދާ، އެންމެ ސާފު މަގަށް މާތް ﷲ ތިމަންބޭކަލުންނަށް މަގުދައްކަވާފައިވާއިރު، ތިމަންބޭކަލުން އެކަލާނގެއަށް ވަކީލު ނުކުރައްވަންވީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުންގެ ހުތުރު ބަހުންނާއި، ނުލަފާ ޢަމަލުން ތިމަންބޭކަލުންނަށް ކުރާ ދުއްތުރާތަކަށް ތިމަންބޭކަލުން ކެތްކުރައްވާހުށީމެވެ. އީމާންކަމުގެ އަހުލުވެރިން ވަކީލުކުރާހުށީ މާތް ﷲއަށެވެ. މާތް ﷲ މިވާހަކަތައް އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އަށް ކިޔައިދެއްވީ ކާފިރުންގެ ދުއްތުރާތަކަށް ކެތްކުރެއްވުމުގައި އެކަލޭގެފާނު އެބޭކަލުންނާ އިޤްތިދާވެވަޑައިގެންނެވުމަށެވެ. އަދި އެބޭކަލުންނަށް ދިމާވި ކަންތައް ދެނެވަޑައިގެން އެބޭކަލުން ކެތްކުރެއްވިފަދައިން އެކަލޭގެފާނުވެސް ކެތްކުރެއްވުމަށެވެ. ﴿فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ﴾ ..... މިހާހިސާބުން ނުކިޔަމަންތެރިކަން އޭގެ މޫނު ކަޝްފުކޮށް ޖައްބާރުން އަތުގައިވާ މާއްދީ ބާރާމެދު ބޮޑާވެ، އެބައިމީހުން ރަސޫލުބޭކަލުންނާ ދެކޮޅަށް ގަދަބާރު ބޭނުންކޮށް، އެބޭކަލުންނަށް އަނިޔާކުރާނެ ކަމުގެ ބިރުދައްކަން ފަށައެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.