ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 16:00 ކަމުގައި ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައި ވެއެވެ. ފޯމު ހުށަހަޅާނީ ފުލުހުންގެ މައިމަރުކަޒުގެ ރިސެޕްޝަނަށްކަމަށާއި އަތޮޅުތަކުން ނަމަ އެ އަތޮޅެއްގެ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. 

އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާ އެކު، ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން “ސީ” ފާސް ހާސިލްކޮށްފައިވުމީ މި މަޤާމަށް ކުރިމަތި ލުމުގެ ޝަރުޠު ކަމުގައި ކަނޑައަޅާފައި ވެއެވެ.  އެެހެން ނޫނީ އެއާ އެއްވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމަނައިފައި ވެއެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށައަޅާ މީހާއަކީ މީލާދީ ގޮތުން 18 އަހަރު ފުރިފައި 30 އަހަރަށްވުރެ ދޮށިނުވާ މީހަކަށް ވާންޖެހޭނެއެވެ. އޭނާއަކީ ފިރިހެނެއްވިއްޔާ އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުރުމާއި އަންހެނެއްވިއްޔާ 5 ފޫޓު ހުރުން މި ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުޠުތަކުތެރޭ ހިމަނައިފައި ވެއެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފައި އޮތް މަޤާމުގެ މުސާރައަކީ 15،500 (ފަނަރަ ހާސް ފަސް ސަތޭކަ) ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 8،990 ރުފިޔާ އާއި  އެ މަޤާމަށް ދޭ އެލަވަންސެއްގެ ގޮތުގައި 6،510 ރުފިޔާއެވެ. މި މުސާރައިގެ އިތުރަށް ފުލުހުންގެ ވަޒީފާ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ބޭސްފަރުވާގެ އިނާޔަތް ތަކާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެއެވެ.