ފިނިކުރުމަށް އިންޤިލާބެއް: ކާބޯތަކެތީގެ ސިނާޢަތުގައި ލިކުއިޑް ނައިޓްރޮޖަން

ކާބޯތަކެތީގެ ސިނާއަތަކީ މިހާރު އީޖާދީ އާ ކަންކަމަށް ބީރައްޓެހި ސިނާއަތެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި، މި ސިނާޢަތަށް އެންމެ ބޮޑު އެއް ބަދަލެއް ގެނެސްފައިވާ އެއް އީޖާދަކީ ލިކުއިޑް ނައިޓްރޮޖެނެވެ. މި ގޭސް އޭގެ އިންތިހާއަށް ދަށް ބޮއިލިންގ ޕޮއިންޓަށް ގެނެވުމުން އޭގައި އެއްވެސް ކުލައެއް ނުހުރެއެވެ. އަދި އޭގެން ވަހެއް ވެސް ނުދުވައެވެ. މީގެ ސަބަބުން ދިޔާ މި މާއްދާގެ އެހީގައި ކައްކާ މީހުންނަށާއި ރެސްޓޯރަންޓުތަކަށް ކާބޯތަކެތި ފިނިކޮށްރައްކާކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެން އައެވެ. އަދި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އެ މީހުންގެ ކާނާ ޝޯކޭސްތަކުގައި ދައްކައިލުމަށް ވެސް ވަނީ ފަސޭހަތަކެއް ލިބިފައެވެ.

ބަދިގެއިން ސުފުރާއަށް

އެންމެ މަތީ ފެންވަރުގެ ކެއުންތަކުގައި  މިޒަމާނުގައި ސިފަކުރާ ފައިން ޑައިނިންގގައި ވެސް ލިކުއިޑް ނައިޓްރޯޖަން ވަނީ ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ. ޝެފުން ލިކުއިޑް ނައިޓްރޯޖެން ބޭނުންކުރަނީ ޑެޒަރޓްތައް ވަގުތުން ގަނޑުކުރުމަށާއި، ފިނިކޮށް ހުންނަ އާވިދުން އެ ތަކެތިން ނިކުންނަ ގޮތަށް ކާނާ ހުށައަޅާއިރު ރީތި މަންޒަރުތައް އުފެއްދުމަށެވެ. އަދި ގަނޑުކުރާ އާދައިގެ ނިޒާމުންތަކުން ގަނޑުކޮށްގެން އުފައްދަން އުނދަގޫ ވައްތަރުތަކުގެ ކެއުންތައް ތައްޔާރުކުރާށެވެ. ލިކުއިޑް ނައިޓްރޯޖަން ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމް ހުންނާނީ ވަރަށް ފަސޭހައިން އަނގަޔަށް ވިރޭހައި މަޑުކޮށެވެ. އެއީ ބޮޑެތި ގަނޑުފެނުގެ ކްރިސްޓަލްތައް އުފެދުނަނުދީ ވަރަށް އަވަހަށް އައިސްކްރީމް ގަނޑުކޮށްދޭތީ ވާގޮތެކެވެ.

ލިކުއިޑް ނައިޓްރޯޖެނަކީ، ކާބޯތަކެތި ތަފާތު ގޮތްގޮތަށް ޝޯކޭސްކުރަން ބޭނުންކުރުމުގެ އިތުރަށް، އެފް އެންޑް ބީގެ ހުރިހާ ދާއިރާއެއްގައި ވެސް ވަރަށް ފައިދާހުރި ރޯލެއް އަދާކުރާ އެއްޗެކެވެ. އެއީ އަވަހަށް ގަނޑުކުރަންޖެހޭ، ފަސޭހައިން ހަލާކުވާ ޒާތުގެ ތަކެތި ފްލޭޝް ފްރީޒް (ވަގުތުން ގަނޑު) ކުރުމަށް ބޭނުންކުރެވޭ އެއްޗަކަށް ވީތީއެވެ. މީގެ ސަބަބުން ކާނާގެ ތާޒާކަމާއި އޭގެ ރަހަ، އެއް މިނެއްގައި ހިފެހެއްޓެއެވެ.  އަދި އޭގައި އެކުލެވޭ ހަށިގަނޑަށް ފައިދާހުރި މާއްދާތައް ރަނގަޅު ގޮތުގައި ރައްކާކުރެވެއެވެ. ގަނޑުކޮށްފައި ހުންނަ މޭވާއާއި ތަރުކާރީގެ އިތުރަށް މޫދު ކާނާ (ސީފުޑް) ކަސްޓަމަރުންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް ލިކުއިޑް ނައިޓްރޯޖެންގެ ދައުރު ވަރަށް ބޮޑެވެ. މީގެ ސަބަބުން މި ތަކެތި ބޭނުންކުރަން ލިބޭ މުއްދަތު ވެސް އިތުރުވެ، އިސްރާފުވާބައި ވެސް މަދުކުރެވެއެވެ.  

ލިކުއިޑް ނައިޓްރޯޖެން ބޭނުންކޮށްގެން ފިނިކުރަންވީ ކީއްވެ؟

އާދައިގެ ކޫލިންގ އަދި ފްރީޒިންގ ނިޒާމްތަކާ ލިކުއިޑް ނައިޓްރޮޖަނާ ތަފާތެވެ. އޭގެ ބައެއް ސަބަބުތައް ތިރީގައި ހިމަނައިލާނަމެވެ.

  • އަވަސްކަމާއި އެކަށޭނަކަން: އާންމު ފްރީޒަރުތަކުގައި ފިނިކުރަން ނުވަތަ ގަނޑުކުރަން ގިނަ ވަގުތުތަކެއް ނަގާއިރު، ލިކުއިޓް ނައިޓްރޯޖެނުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފިނިކޮށް ގަނޑުކޮށްދެއެވެ.
  • ފެންވަރު ރަނގަޅުކަން: ގިނައިރުނުވެ ކާބޯތަކެތި އަވަހަށް ގަނޑުކުރެވުމުން، ކާނާގެ ޠަބީޢީ ގޮތްތަކާއި އޭގެ ތާޒާކަމާއި މީރު ރަހައަށް ބަދަލު ނައިސް ބެހެއްޓެއެވެ. އަދި މީގެ އިތުރަށް ކޮންމެ ކާނާއެއްގައި ވެސް ހިމެނޭ ހަށިގަނޑަށް ފައިދާހުރި ބައިތައް އޭގެ ގޮތުގައި ރަނގަޅަށް ރައްކާތެރިކޮށްދެއެވެ.
  • ގިނަ ގޮތްގޮތައް ބޭނުންކުރެވުމާއި އޭގެ ފަސޭހަކަން: ލިކުއިޓް ނައިޓްރޯޖެނަކީ ސީދާ ކާނާއަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ނުވަތަ ކާނާގެ ބާވަތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ބެހެއްޓުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.
  • ތިމާވެއްޓާ ރައްޓެހިކަން: ފިނިކުރަން ބޭނުންކުރާ ބައެއް އެހެން މާއްދާތަކާ ޚިލާފަށް، ލިކުއިޑް ނައިޓްރޯޖަނުން ނުރައްކާތެރި އެއްވެސް މާއްދާއެއް ޖައްވަށް ބޭރުނުވާކަމީ ތިމާވެއްޓާ ރައްޓެހިކަމުގެ ސިފަ މީގައި އެކުލެވިގެން ވާކަމުގެ ފުރިހަމަ ހެއްކެކެވެ. ލިކުއިޑް ނައިޓްރޯޖަން ބޭނުންކުރާއިރު ބޭރުވެގެންދާ ކިތަންމެ ކުޑަ އެތިކޮޅު ވެސް ވައިގެ ތެރެއަށް ހިނދި، ހުސްވެގެން ދަނީއެވެ.
  • ޚަރަދު ކުޑަކަން: ކާބޯ ތަކެތީގެ ބޮޑެތި މަސައްކަތްކުރުމަށް ބޭނުންކުރާ މެކޭނިކަލް ކޫލިންގ ނިޒާމްތަކަށްވުރެ ލިކުއިޑް ނައިޓްރޯޖަނަށް އޮންނަ އިތުބާރު ބޮޑުވެފައި ހިނގާ ޚަރަދު ވެސް ކުޑަ މެއެވެ. މިއީ ލެބޯރަޓޮރީ ތަކުގައި ޓެސްޓުކުރެވި ދިރާސާތަކަށް ކަށަވަރުކުރެވިފައި އޮތް ކަމެކެވެ.

ލިކުއިޑް ނައިޓްރޮޖަން މި ވަނީ އަދުގެ ދުނިޔޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ އީޖާދަކަށް ވެފައެވެ.

ކައްކާ ކެއުމުގެ އާލާތެއްގެ ގޮތުގަޔާއި ކާނާ ރައްކާ ކުރުމަށް ބޭނުންތެރި ހައްލެއްގެ ގޮތުގައި ލިކުއިޑް ނައިޓްރޮޖަން އަންނަނީ މިއަދުގެ ދުނިޔޭގައި ޚާއްޞަ މަޤާމެއް ހޯދަމުންނެވެ.

އާދައިގެ ބައެއް ހޮޓާތަކާއި މަތީ ފެންވަރުގެ ރެސްޓޯރެންޓްތަކުން ފެށިގެން ގޮސް، ކާނާ އުފައްދާ ބޮޑެތި ކާރުޚާނާތަކުގައި ވެސް ލިކުއިޑް ނައިޓްރޮޖަން ބޭނުންކުރެއެވެ. ކާނާގެ ތާޒާކަމަށާއި ރައްކާތެރިކަމަށް ދެވޭ އަހަންމިއްޔަތަށާއި ތައްޔާރީގައި ބަލާލަން ރީތިކޮށް ހުށަހަޅައިދީފައި ހުންނަ ކާނާއަށް އާންމުންގެ ތެރޭ އޮންނަ ޝައުޤު އިތުރުވަމުން އަންނަ މި ޒަމާނުގައި ކާނާ ތައްޔާރުކޮށް އުފެއްދުމުގެ ސިނާއަތުގައި  ލިކުއިޑް ނައިޓްރޯޖަން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މި އިންޑަސްޓްރީގެ މުސްތަޤުބަލް ބައްޓަންކުރުމުގެ ރަސްގެފާނަކީ ލިކުއިޑް ނައިޓްރޯޖަން ކަމުގައި ވުމީ ގާތް ކަމެކެވެ.

އާދައިގެ މެކޭނިކަލް ކޫލިންގ ނިޒާމްތަކަށްވުރެ ލިކުއިޑް ނައިޓްރޯޖަންގައި ހުރި ޚާއްޞަ ފައިދާތަކަށް ބަލައިލުމުން އެނގެނީ މިއީ ހަމައެކަނި ތަސައްވަރެއްނޫކަމެވެ. އެއާ ޚިލާފަށް މިއީ ކާބޯތަކެތީގެ ދުނިޔެ ކުރިއަށްވުރެ ބޮޑަށް ފިނިކޮށްދީ ތާޒާކޮށްދޭނެ އީޖާދެކެވެ. އަދި ހަމަ އެހެންމެ މުޅިން އާ އީޖާދުތަކަށް ފުރުޞަތުތައް ހުޅުވައިދީ ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްޤީކުރުމަށް ބާރުދޭނޭ ޓެކްނޮލޮޖީއަކީ ލިކުއިޑް ނައިޓްރޯޖަނެވެ.