ތިޔަބައިމީހުންނާ ހަމައަށް ފާފަވެރިންނާއި ފާސިޤުންގެ ކިބައިން އަންނަ ޚަބަރުގެ ދޮގުތެދު ތިޔަބައިމީހުން ބަލާށެވެ.

4 މަސް ކުރިން
|
0

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ ﴿الحجرات ٦﴾

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

ތަފުސީރުގައި ވަނީ: "މުއުމިނުންނޭވެ! ތިޔަބައިމީހުންނާ ހަމައަށް ފާފަވެރިންނާއި ފާސިޤުންގެ ކިބައިން އަންނަ ޚަބަރުގެ ދޮގުތެދު ތިޔަބައިމީހުން ބަލާށެވެ. އަދި އެ ޚަބަރުގެ ޞައްޙަކަން ޔަޤީންކުރާށެވެ. ކަމުގެ ޙަޤީޤަތް ނޭނގި ތިބެ، ތިޔަބައިމީހުންގެ ފަރާތުން ބަޔަކަށް ގެއްލުމެއް ލިބި، ތިޔަބައިމީހުން އެ ކުރި ކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަކުރަން ޖެހިދާނެތީއެވެ. މާތް ﷲ ފާސިޤުގެ ވާހަކަ ޚާއްޞަކޮށް ގެންނަވާފައި ވަނީ އޭނާއަކީ ދޮގު ހެދުން ގާތް މީހަކަށް ވާތީއެވެ. "وَمَا آفَةُ الْأَخْبَارِ إَلاَّ رُوَاتُهَا" (ޚަބަރުތަކުގެ މުޞީބާތް ކަމުގައި އެޚަބަރުތައް ގެނެސްދޭ މީހުން މެނުވީ ނުވެއެވެ.) ރިވާވެގެން ވެއެވެ. ބަނުލް މުޞްޠަލަޤް ވަންހައިގެ މީހުންގެ އަތުން ޒަކާތް ނެގުމަށް ރަސޫލުﷲ ﷺ އަލްވަލީދު ބްނު ޢުޤްބާ رضي الله عنه ފޮނުއްވިއެވެ. އެބައިމީހުންނަށް އޭނާ އަންނަ ޚަބަރު ލިބުމުން، އެކަމުގެ އުފަލުގައި އޭނާއަށް މަރްޙަބާ ކިއުމަށް ނުކުތެވެ. ދެން، އޭނާ ހީކުރީ އެބައިމީހުން އުޅެނީ އޭނާ ޤަތުލުކުރަން ކަމަށެވެ. އެހެންވެ، އޭނާ އެނބުރި ރަސޫލުﷲ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. އެބައިމީހުން ޒަކާތް ދިނުމުން މަނާވެގެންފިއެވެ. އަދި އެބައިމީހުން އުޅުނީ އަހުރެން ޤަތުލުކުރާށެވެ. އެހިނދު ރަސޫލުﷲ ﷺ ކޯފާވިއެވެ. އަދި އެބައިމީހުންނާ ހަނގުރާމަކުރުމަށް މުސްލިމުންގެ ތެރެއިން ބައެއް މީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ދެން މިއާޔަތް ބާވައިލެއްވިއެވެ. (މުސްނަދު އަޙްމަދު، ޖ: 30، ޞ: 403، ޙަދީޘު: 18459) ދެން، ކަމެއްގެ ތެދު ޙަޤީޤަތް ހާމަނުވަނީސް އެކަމާމެދު ގޮތެއް ނިންމަން އަވަސްވެނުގަތުމަށް އަންގަވަމުން މާތް ﷲ ވަޙީކުރައްވަނީ"

وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ ﴿الحجرات ٧﴾

މާނައީ: "އަދި ތިޔަބައިމީހުންގެ ތެރޭގައި اللَّه ގެ رسول އާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ! ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު اللَّه، ތިޔަބައިމީހުން إيمان ކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ إيمان ކަން ޒީނަތްތެރިކުރެއްވިއެވެ. އަދި كافر ކަމާއި، فاسق ކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރިކުރެއްވިއެވެ. އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ. (7)"

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.