يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ ﴿ الروم: ١٩﴾
މާނައީ: މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އެކަލާނގެ ނެރުއްވަތެވެ. އަދި ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަތެވެ. އަދި ބިން މަރުވެ އޮތުމަށްފަހު އެ ބިން ދިރުއްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) ނެރުއްވާހުށީވެސް ހަމައެފަދައިންނެވެ.
ތަފްސީރުގައިވަނީ: އެކަލާނގެ ކުޅަދުންވަންތަކަމުން މާތް ﷲ އޮށްޓަރުން ގަސް ނެރުއްވައެވެ. އަދި ގަހުން އޮށް ނެރުއްވައެވެ. ކަދުރު އޮށުން ރުއް ނެރުއްވައެވެ. އަދި ރުކުން ކަދުރު އޮށް ނެރުއްވައެވެ. އަދި ނުޠުފާއިން އިންސާނާ، އިންސާނާގެ ފަރާތުން ނުޠުފާ ނެރުއްވައެވެ. މިކަމަކީ ކޮންމެ ދުވަހަކު ކޮންމެ ހިނދެއްގައިވެސް މީސްތަކުންނަށް ފެންނަ، އާދަ ފޫވައްޓައިލާ މުޢުޖިޒާތެކެވެ. ނަމަވެސް އެއީ އާދަވެގެން ހިނގާ އަދި ތަކުރާރުވާ ކަމަކަށް ވާތީ މީސްތަކުން ވަނީ އެކަމާ މެދު ޣާފިލުވެފައެވެ. ބިސްފަޅައިގެން ގޮސް އެއިން ދޫންޏެއް ނުވަތަ ކުކުޅު ފިޔޮކެއް ނުކުމެއެވެ. ދެން ކުކުޅު ބިސް އަޅައެވެ. އަދި ކަދުރު އޮށުން ކަދުރު ރުއް ނެރުއްވައެވެ. ދެން ރުކުގައި ކަދުރު އަޅައިގެން އެ ކަދުރުން އޮށް ނުކުމެއެވެ. އިންސާނާ އޭނާގެ އަނބިމީހާގެ ރަޙިމަށް ނުޠުފާ ފޮނުވުމުން އެ ނުޠުފާ ފެންނަ އަޑުއަހާ އިންސާނަކަށް ވެއެވެ. އެއީ، ފިކުރާއި ބުއްދީގެ އަލިން ބަލައި ވިސްނައިފި މީހަކަށް ޢަޖާއިބެއް ކަހަލަ ދާއިމީ ބުރެކެވެ. އަދި އެއީ އަލުން ދިރުއްވައި މަޙްޝަރުކުރެއްވުމުގެ ނަމޫނާއެކެވެ. އެހެންކަމުން އާޔަތް ނިންމަވާލައްވާފައި ވަނީ މިބަސްފުޅުންނެވެ. ﴿وَكَذَٰلِكَ تُخْرَجُونَ﴾ މާނައީ ހަނަފަސްވެ މަރުވެފައިވާ ބިން ވާރެއިން ދިރުއްވައ އެބިމުން ގަހާއި މޭވާ ނެރުއްވާ ފަދައިން، އަލުން ދިރުއްވައި މަޙްޝަރުކުރެއްވުމަށް އެކަލާނގެ ތިޔަބައިމީހުން ކަށްވަޅުތަކުން ނެރުއްވާނެއެވެ. ޚަލްޤުކުރެއްވުމުގައި މާތް ﷲގެ ކުޅަދުންވަންތަކަމުގެ މަތިވެރިކަމާއެވެ. ފަހެ، އިންސާނާއަކީ ނިކަމެތި ފެނަކުން އުފެދޭ ނުޠުފާއެކެވެ. ދިރުމެއް ނެތް އެ ނުޠުފާއިން ދިރިހުރި، ވާހަކަދައްކާ، އަޑުއިވޭ، ފެންނަ އިންސާނެއް އުފެދެއެވެ. ކުދި ގަސްތަކާއި، ދަނޑު ގޮވާމާއި، ބޮޑެތި ގަސްތަކާއި، މޭވާއާއި، ސޫފިތަކާއި ޙައިވާނުންނާ މެދުވެސް މިގޮތަށް މިވާހަކަ ދެއްކިދާނެއެވެ. މި އާދަ ފޫވައްޓައިލަނިވި މުޢުޖިޒާތަކީ ކޮންމެ ދުވަހަކު ކޮންމެ ހިނދަކު ފާޅުވާ މުޢުޖިޒާތެކެވެ. އެތަކެތި މަރުވުމަށްފަހު އަލުން ދިރުއްވާނީ އެތަކެތި އެންމެ ފުރަތަމަ އުފެއްދެވި ކަލާނގެއެވެ.
މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން