ޛުލްޤަރްނައިނިއަށް އުޖޫރަދޭން އުޅުނެވެ. އުޖޫރައެއް ނުހިތްޕަވައެވެ.

4 މަސް ކުރިން
|
0

قَالُوا۟ يَـٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ﴿الكهف: ٩٤﴾

އެއުރެން ބުނެފޫއެވެ. އޭ ذوالقرنين އެވެ! ހަމަކަށަވަރުން، يأجوج مأجوج ބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟
ތަފްސީރުގައި ވަނީ: އެބައިމީހުން ޛުލްޤަރްނައިނިއަށް ދެންނެވިއެވެ. ޔައުޖޫޖު މައުޖޫޖަކީ ޤަތުލުކޮށް، ފޭރި، ހުރިހައި ނުބައި ޢަމަލެއް ހިންގައި ބިންމަތީގައި ފަސާދަކުރާ ބައެކެވެ. އެބަމީހުންގެ ނުބައިކަމުން އަހަރުމެން ސަލާމަތްކޮށްދޭ ހުރަހެއް ކަލޭގެފާނު ބިނާކޮށްދެއްވުމަށް އަހަރުމެންގެ މުދަލުން ބައެއް ކަލޭގެފާނަށް ދެންތޯއެވެ؟

قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿الكهف: ٩٥﴾

އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ.

ތަފްސީރުގައި ވަނީ: ޛުލްޤަރްނައިން އެބައިމީހުންނަށް ވިދާޅުވިއެވެ. މާތް ﷲ ތިމަންނާއަށް ދެއްވާފައިވާ ބާރުވެރިކަމާއި، ރަސްކަމާއި، ބިމުގައި ކަންކަން ރާވައި ހިންގުމުގެ ބާރު، ތިޔަބައިމީހުން ތިމަންނާއަށް ދޭ މުދަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އެހެންކަމުން ތިޔަބައިމީހުން ތިމަންނާއަށް މަސައްކަތުގެ ގޮތުން އެހީވާށެވެ. މަސައްކަތް ކުރާނޭ ފިރިހެނުން ތިމަންނާއާއެކު ފޮނުވާށެވެ. ތިމަން ތިޔަބައިމީހުންނާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާ ދެމެދު ހަލާކު ނުކުރެވޭނޭ ވަރުގަދަ ހުރަހެއް ލައިދޭހުށީމެވެ. އަދި އެބައިމީހުންގެ ނުބައިކަމުން ތިޔަބައިމީހުން ސަލާމަތްކޮށްދޭހުށީމެވެ. މިއީ އޭނާގެ ޝަހާމަތްތެރިކަމެވެ. އެބައިމީހުން ދިން މުދާ ޤަބޫލުނުކުރައްވައި، ހަމަ އެކަނި މަސައްކަތުގައި އެހީތެރިވުމަށް އެދިވަޑައިގަތީއެވެ. އަދި އެއްވެސް އަގެއް ނެންގެވުމަކާ ނުލައި އޭނާގެ ފަރާތްޕުޅުން ހުރަސް ބިނާކޮށްދެއްވީއެވެ. الردم އަކީ ހަލާކޮށްނުލޭވެވަރުގެ ވަރުގަދަ ހުރަހެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.