ޢަހުދުތައް ފުއްދުމުގެ މުހިންމުކަން

1 މަސް ކުރިން
|
0

يَا أَيُّهَا الَّذِينَ آمَنُوا أَوْفُوا بِالْعُقُودِ ۚ أُحِلَّتْ لَكُم بَهِيمَةُ الْأَنْعَامِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّي الصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ اللَّهَ يَحْكُمُ مَا يُرِيدُ (ٱلْمَائدَة: 1)

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، عقد ތައް ފުއްދާށެވެ! އަދި، ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު حكم އޮތްގޮތް قرآن ން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، نعم ސޫފިތައް، ތިޔަބައިމީހުންނަށް حلال ކުރައްވާފައިވެއެވެ. ތިޔަބައިމީހުން إحرام ބަނދެގެންތިބެ، ޝިކާރަކުރުން ހުއްދަ ނުކުރާގޮތުގައެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާގޮތަށް حكم ކުރައްވަތެވެ."

ތަފްސީރުގައި ވަނީ: އީމާންކަމަށް ނިސްބަތްކުރައްވައި މުޚާޠަބުކުރައްވާފައި އެވަނީ ޝަރަފުދެއްވައި، މާތްކުރެއްވުމުގެ ގޮތުންނެވެ. މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތް ﷲއާއި އެކަލާނގެ ރަސޫލާ ﷺ ތެދުކޮށްގެން ތިބި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އީމާންވެ ކިޔަމަންގަތުމަށް ތިޔަބައިމީހުން ވެފައިވާ ޢަހުދުތައް ފުއްދާށެވެ. އަދި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ކައިވެންޏާއި، ވިޔަފާރިއާއި، އެފަދަ އެހެން މުޢާމަލާތްތަކުގެ އަޤުދުތައް ވެސް ފުއްދާށެވެ. މުޅަތަކެއްޗާއި ލެޔާއި، އޫރު މަހާއި، އަދި ފަހުން ބަޔާންކުރެވޭ ތަކެތި ފަދަ މާތް ﷲ މި ސޫރަތުގައި ޙަރާމްކުރައްވާފައިވާ ތަކެތި ފިޔަވައި، ނަޢަމް ސޫފި (ޖަމަލު، ގެރި، ކަންބަޅި ބަކަރި، ބަކަރި) ދީނުގައި އަންގަވާފައިވާ ގޮތަށް ކަތިލުމަށް ފަހު، އޭގެ މަސްކެއުން ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައި ވެއެވެ. ތިޔަބައިމީހުން އިޙްރާމް ބަނދެގެން ތިބޭ ޙާލު އެއްގަމު ޖަނަވާރު ޝިކާރަ ނުކުރާ ގޮތަށެވެ. އެހެނީ، އަޅުކަމެއްގެ ތެރޭގައި ތިބޭއިރު ޖަނަވާރާއި ދޫނި ފަދަ ހުރިހާ އެއްޗަކަށް ވެސް ތިޔަބައިމީހުންގެ ފަރާތުން އަމާންކަން އޮންނަން ވާނެއެވެ. ޢިއްޒަތްތެރިކަމާއި، މަތިވެރިވަންތަކަމުގެ ވެރި ﷲ އެކަލާނގެ ޚަލްޤުތަކުންގެ މެދުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަށް ޙުކުމް ކުރައްވައެވެ. އެކަލާނގެއީ އެކަލާނގެ އަމުރުތަކާއި ނަހީތަކުގައި ޙިކްމަތްވަންތަ ރަސްކަލާނގެ ކަމުގައި ވާތީއެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.