ސުވަރުގޭގައި އެބައިމީހުންގެ ދުޢާ

4 މަސް ކުރިން
|
0

دَعْوَىٰهُمْ فِيهَا سُبْحَـٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَـٰمٌ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴿يونس: ١٠﴾

މާނައީ: "އެތާނގައި، އެއުރެންގެ دعاءއަކީ [سبحانك اللّهم]އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއަށް އަޅަމެން تسبيح ދަންނަވަމެވެ. އަދި އެތާނގައި، އެއުރެންގެ تحيّةއަކީ، [سلام]އެވެ. އަދި އެއުރެންގެ دعاءގެ ނިންމުމަކީ، [الحمد للَّه رب العالمين]އެވެ. حمدހުރީ عالمތަކުގެ ވެރި اللَّهއަށެވެ."

ތަފްސީރުގައި ވަނީ: ސުވަރުގޭގައި އެބައިމީހުންގެ ދުޢާއަކީ އަދި ސުވަރުގޭގައި އެބައިމީހުންގެ ވާހަކައަކީ ތަސްބީޙާއި ތަޤްދީސެވެ. އެބައިމީހުން ވަރުބަލިކަމެއް ނެތި ހެނދުނާއި ހަވީރު މާތް ﷲއަށް ތަސްބީޙަ ކިޔައެވެ. ޙަދީޘުގައި އައިސްފައި ވެއެވެ. ތިޔަބައިމީހުންނަށް ނޭވާ އިލްހާމްކުރެވޭ ފަދައިން އެބައިމީހުންނަށް ތަސްބީޙަ އިލްހާމްކުރެވެއެވެ. ތިޔަބައިމީހުން އެއްވެސް އުނދަގޫކަމެއް، ބުރަކަމެއް ނެތި ނޭވާލާ ފަދައިންނެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ސަލާމްކުރާނީ السلام عليكم (ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުށްޓެވެ.) މި އިބާރާތުންނެވެ. އަދި މަލާއިކަތުން ވެސް އެބައިމީހުންނަށް ސަލާމް ކުރައްވާނެއެވެ. އެބައިމީހުންގެ ހިތްހަމަޖައްސަވައިދެއްވައި، މާތްކޮށް ހިތްތެވުމަށެވެ. ސުވަރުގޭގެ އަހުލުވެރިންގެ ދުޢާގެ ނިމުމަކީ ﴿ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴾ (ހުރިހާ ޙަމްދެއް ހުރީ ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށެވެ.) އެވެ. އެކަލާނގެ ފަޟްލުވަންކަމާއި، އެކަލާނގެ ދެއްވި ނިޢުމަތަށްޓަކައި އެކަލާނގެއަށް ޙަމްދުކުރުމެވެ. މިއީ ސުވަރުގޭގެ އަހުލުވެރިންގެ މަސައްކަތެވެ. އެބައިމީހުންނަށް ދެއްވާފައިވާ ތަފާތު ވައްތަރުގެ ނިޢުމަތަށްޓަކައި އެކަލާނގެއަށް ޙަމްދުކުރުމެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.