ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބޫޓާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފިއެވެ.
29ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29)ގެ ހަވާސާގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ކޮޕް29އަށް ދެ ޤައުމުން ހިއްސާކުރާ ތަޞައްވުރާއި، މޫސުމީ ހަރަކާތްތެރިކަމާއި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެ ޤައުމުގެ ޤުދުރަކީ ތަފާތުތަކާއެކު ވެސް ދެ ޤައުމުން ހިއްސާކުރާ އެކުވެރިކަން ފާހަގަކުރައްވާފައެވެ. އަދި ގްލޭޝިއަލް މެލްޓިންގއާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހިރާސްތަކުގެ މައްޗަށް އެ މަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފައެވެ.
ދުނިޔޭގެ ފުރަތަމަ ކާބަން-ނެގަޓިވް ޤައުމަކީ ބޫޓާންކަމުގައިވާތީ އާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް އެ ޤައުމުން ކުރާ އީޖާދީ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބޫޓާނުގެ ބޮޑުވަޒީރު ތޮބްގޭއަށް ސާބަސް ވިދާޅުވިއެވެ. އަދި މޫސުމީ މައްސަލަތަކުގައި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޑުއުފުލުމުގައި ދެ ޤައުމު އެކުގައި މަސައްކަތްކުރުމަށް، ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ފަންނީ މަޢުލޫމާތާއި، ކާމިޔާބު ތަޖުރިބާތައް ހިއްސާކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށާއި، އިންވެސްޓްމަންޓްތަކުގައި އެއްބާރުލުންދެއްވުމަށް ވެސް، ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު